ސިނގިރޭޓު ވައްކަމާ ގުޅިގެން ހައްޔަރު ކުރި ނުވަ މީހުން: އޭގެ ތެރެއިން ދެ މީހަކު ވަނީ ކުށަށް އިއުތިރާފްވެފައި (ފޮޓޯ/ ޕޮލިސް)

ސިނގިރޭޓް ވަގަށް ނެގުން: ވިޔަފާރިވެރިޔާ ވަހީދު، އާރިފް ހިމެނޭހެން 10 މީހަކަށް ދައުވާ އުފުލައިފި

އެ މީހުންގެ މައްޗަށް ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަދު ދިނުމަށް އެދޭނޭ ކަމަށް ޕީޖީ އޮފީހުން ބުނި
15 ޑިސެމްބަރު 2025

ކަސްޓަމުން ހިފަހައްޓާފައި ހުއްޓާ 13.6 މިލިއަން ރުުފިޔާގެ ސިނގިރޭޓް ކާޓޫނުތަކެއް ވަގަށް ނެގި މައްސަލައިގައި ވިޔަފާރިވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނޭހެން 10 މީހެއްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ދައުވާކޮށްފި އެވެ. 

ވީ ކިހިނެއް؟ - ޕީޖީ އޮފީހުން މިއަދު ބުނީ އެ މައްސަލައިގައި ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާ ކުރަން، ތަހުގީގު ނިންމައި ފުލުހުން މިއަދު އެ އޮފީހަށް ފޮނުވި ކަމަށެވެ. އޭގެ ތެރެއިން އެކެއް ފިޔަވާ އަނެއް 10 މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. 

ތަފްސީލް - އެންމެ ބޮޑެތި ދައުވާތައް އުފުލާފައި ވަނީ އެ ވައްކަން ރޭވުމުގައި އެންމެ އިސްކޮށް ތިބި ކަމަށް ތުހުމަތު ކުރެވިފައިވާ ވިޔަފާރިވެރިން ކަމަށްވާ، ވަހީދާއި އާރިފް އަދި މުއާޒު އަލީގެ މައްޗަށެވެ. އެގޮތުން އެ ތިން މީހުންގެ މައްޗަށް ކުރަނީ: 

  •  ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާ އާއި 82 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން އަދި ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ

  • ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާ އާއި 30 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން  ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

ދެން އެ މައްސަލައިގައި ތުހުމަތު ކުރެވޭ ކަސްޓަމްސްގެ އޮފިސަރު ޒިވާރު އިސްމާއީލް އަދި އެމްޕީއެލްގެ މުވައްޒަފުން ކަމަށްވާ އަހުމަދު ޝަހީމް އާއި އަހުމަދު ފިރުސާންގެ މައްޗަށް ކުރާ ދައުވާތަކަކީ: 

  • ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން، ވައްކަންކުރުމުގެ ކުށުގެ ދައުވާ

  • ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާ އާއި 82 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން، ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ 

ހުސައިން ސާމިހު އާއި އާދަމް ވަހީދުގެ މައްޗަށް ކުރާ ދައުވާއަކީ:

  • ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން، ވައްކަންކުރުމުގެ ދައުވާ

ހަސަން އަބްދުއްރަހުމާން އަދި ބަނގުލަދޭޝް މުހައްމަދު އަލަމިން މިއާގެ މައްޗަށް ކުރާ ދައުވާއަކީ: 

  • ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާ އާއި އެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން، ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.

ފާހަގަކޮށްލެވޭ - ޕީޖީ އޮފީހުން ބުނި ގޮތުގައި އެ މައްސަލައިގައި ދައުވާ ނުކުރަނީ:

  • މުހައްމަދު ޝަރީފު، ދަފްތަރު ނަންބަރު ރސ. 1355އަށް 

  • އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމީ ޖިނާއީ ކުށެއްގެ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި، ގަރީނާ ލިބިފައިވާކަމަށް ނުފެންނާތީ ކަމަށް 

މީގެ އިތުރަށް ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ މީހުން، މި ކުށުގެ އަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައި ވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށެވެ. އަދި ދައުވާތަށް ސާބިތުވާ ހާލަތުގައި، ކުށުގެ އަމަލުގެ ޒާތާއި ބާވަތާއި ހައްސާސްކަމަށް ރިއާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނޭ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް