ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީއަށް ކާމިޔާބުވުމަށްފަހު، ޔާމީން ޖަލުން ގެއަށް ވަޑައިގަތް ދުވަހު ސަޕޯޓަރުންނާ ސަލާމް ކުރައްވަމުން ދިޔައިރު އެމަނިކުފާނުގެ އަރިހުގައި ރައީސް މުއިއްޒު (އެކްސް ފައިލް ފޮޓޯ/ ރައްޒާން)

ރައީސް މުއިއްޒު ވޯޓު ހޯދުމަށް ކޮންމެފަދަ ދޮގެއްވެސް ހަދާފާނެ: ޔާމީން

މަސްވެރިންގެ ދުވަހާ ގުޅުވައި، މަސްވެރިން ކުރި ދެ ދުވަހުގެ މުޒަހާރާ ރޫޅާލުމުން، ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ އެއްވެސް ކަހަލަ ރަހުމެއް، ހަމްދަރުދީއެއް ނެތް ރައީސްއެއް ކަމަށް

ރައީސް މުހައްމަދު މުއިއްޒު އިންތިހާބުތަކުގައި ވޯޓު ހޯއްދެއްވުމަށް ކޮންމެ ފަދަ ދޮގެއް ވެސް ހައްދަވާފާނެ ކަމަށާއި އޭގެ އެއް ހެއްކަކީ މަސްވެރިންނަށް ވީ ވައުދު ނުފުދުން ކަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ރޭ ޔާމީން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަމިއްލައަށް އުފެއްދެވި ޕީއެންއެފްގެ ރައީސްކަން ވެސް ކުރައްވާ ޔާމީން މިގޮތަށް ވިދާޅުވީ، ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގައި ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ އެޕާޓީން ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި ޔާމީން ވަނީ، މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދައިގެން އެ މީހުން މާލޭ ކައިރީ ކުރި މުޒާހަރާގެ ވާހަކަ ފާހަގަކުރައްވައިފަ އެވެ. 

ބުނީ ކީކޭ؟ - "އިންތިހާބުތަކުގެ ތެރޭގައި ބައެއް ވީޑިއޯތައް އަޅުގަނޑުމެންގެ އަތުގައި އެބަހުރި. ވާހަކަފުޅު ދައްކަވަމުން ކޮންމެ ކަމަކަށް މިކަން މިހާ ގޯހޭ، މިހާ ދެރަވަރޭ، ތިމަންނަ މިކަން ރަނގަޅުކޮށްދޭނަމޭ، މިހެން ވާހަކަ ދައްކަވާފައި ހުރި ކަންތައްތައް އެބަހުރި،" އެމަނިކުފާނުގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިން ތެރޭ ވެވަޑައިގެންނެވި ވައުދުތަކާއި މިހާރު ވެރިކަމުގައި ކަންކުރައްވަމުން ގެންދަވާ ގޮތަށް ފާޑުކިޔުން އަމާޒު ކުރައްވަމުން ޔާމީން ވިދާޅުވި އެވެ. 

"ވެރިކަމަށް ވަޑައިގެންފައި މުޅި ލަވަ އާއި މުޅި ސެހެރި، މުޅި އެތި ބަދަލުވެގެންދަނީ. ތިކަންކަން ކުރެވޭކަށް ނެތޭ [އެގޮތަށް މިހާރު ބަސްމަގު ހުންނަނީ]. އެހެންވީމަ އެބަ އެނގޭ ވޯޓު ހޯދުމަށްޓަކައި ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެކަން."

ޕީއެންއެފްގެ 'ފްރަންޓް އޮފީސް' ޖަލްސާއެއްގެ ތެރެއިން ޔާމީން(ކ) (ދައުރު ފޮޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލު - ޔާމީންގެ ވާހަކައިގައި އޭނާ ފާހަގަ ކުރެއްވި ގޮތުގައި އޭރު ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަަކީ ގައުމުގެ އިގްތިސާދީ ހާލަތު ހުރި ގޮތުން ވެސް ނުފުއްދޭނެ ނުކުރެވޭނެ ކަންކަން އެނގޭއިރު ވެސް އެއީ ވޯޓު ހޯދުމުގެ ބޭނުމުގައި ދެއްކި ވާހަކަތަކެއް"ކެވެ. އަދި އެ ވާހަކަ ދެއްކެވީ އިގްތިސާދީ ހާލަތު އޮތް ގޮތް ރަނގަޅަށް އެނގި ތިބެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެއީ، ވޯޓު ހޯދުމުގެ ބޭނުމުގައި ކުރާ ކަންކަން. ހަމަ ކަނޑައެޅިގެން އެބަ އެނގޭ [ގައުމުގެ އިގްތިސާދީ ހާލަތުގެ] ކަންކަން ހުރި ގޮތް. އިގްތިސާދާ ގުޅޭ ގޮތުން [ނުަވަތަ] ރާއްޖޭގެ ރައްޔިތުން އުޅޭ ދަތިކަމާއި ޑޮލަރު އަގުހެޔޮކޮށްދޭނަމޭ ބުނީމަ ކީކޭތޯ ބުނީ؟ ތިމަންނަމެންނަށް އެބަހުއްޓޭ ތަންތަނުން ފެހި ސިގްނަލް ލިބިފައި. ހަމަ ހާސްކަނޑާލާށޭ ހަމަ ހަގީގަތުގައި ވެސް ތިމަންނަމެންނަށް އެނގޭ މިކަން ހައްލުކުރަން،" ރިޔާސީ ކެމްެޕެއިން ތެރޭ އަދި ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު ދެއްކެވި ބައެއް ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅާުވި އެވެ.

މަސްވެރިންނަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ބޮޑު ކަންނެލީގެ މަހުގެ އެންމެ ދަށް އަގަކީ 80ރ.-100ރ.އަށް ހެދުން ހިމެނެ އެވެ. އަދި މިފްކޯއިން އެ މަސް ގަތުމުގެ އިންތިޒާމް ފައްށާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވި އެވެ. ސަރުކާރަށް ދެ އަހަރުވީއިރު، އެ ވައުދުތައް ނުފުއްދާތީވެ މަސްވެރިންވަނީ މިދިޔަ ދެ ދުވަހު މާލޭގެ ފަޅު ބޭރުގައި މުޒާހަރާކޮށްފަ އެވެ.

ބޮޑުކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން (ދައުރު ފޮޓޯ)

ފުލުހުން ބާރުގެ ބޭނުންކޮށްގެން އިއްޔެ އެ މުޒާހަރާ ރޫޅާލުމުން އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ޔާމީން ރޭގެ ޖަލްސާގައި ފާޑުކިޔުން ވެސް އަމާޒު ކުރެއްވި އެވެ. އެގޮތުން ޔާމީން ވިދާޅުވި ގޮތުގައި:

  • ކޮންމެ ކަމެއްގައިވެސް ރައީސް މުއިއްޒު ވިދާޅުވަނީ، އެހެން ހުރިހާ ސަރުކާރުތަކުން އެ ދާއިރާއަކަށް އަޅާނުލާ މިންވަރަށް މި ސަރުކާރުން އަޅާލަމުންދާކަމަށް؛ އެގޮތަށް މަސްވެރިންގެ ސިނާއަތަށްވެސް އެހެން ސަރުކާރުންތަކުން ނުކުރާ މިންވަރަށް މި ސަރުކާރުން ކަންކަން ކުރަމުންދާ ކަށް ވިދާޅުވޭ

  • ނަމަވެސް މި ސަރުކާރުން މަސްވެރިންގެ ހެވާލާބަޔަށް ކުރި އެއްވެސް ކަމެއް ނެތް

  • މަސްވެރިންގެ ދުވަސްވެސް މަސްވެރިންނާ މި ބައްދަލު ކުރީ "ވަރަށް އަނިޔާވެރިކޮށް" ކަމަށާއި އެ މުޒާހަރާއަށް ހުރަސް އެޅުމުން ސަރުކާރުގެ "އަސްލު ސޫރަ" ފެނިއްޖެކަމަށް

"[ރިޔާސީ ކެމްޕެއިން ތެރޭ] ހަމަ މުއިއްޒު ވިދާޅުވީ، 80ރ. އަށް ކިލޯއެއް، ކޮލިޓީ އޭ 100ރ. އަށް މިހެން އަދަދުތަކެއް ކިޔައި ވާހަކަތަކެއް ދައްކާފައި ހުރީމަ، ބޮޑު ކަންނެލި މަސްވެރިންގެ ޝަކުވާތަކެއް މިއައީ. އެކަމަކު ޝަކުވާ އަޑުއަހާލާކަށް ނުކެރުނު. މި މީހުން [މަސްވެރިން] މާލެ [ފަޅަށް] އައީ ހަނގުރާމަ ކުރާކަށް ނޫނޭ. އެމީހުން އައީ ގާނޫނު އަސާސީން އެމީހުންނަށް ލިބިފައިވާ ހިޔާލުފާޅުކުުރުމުގެ ހައްގުގައި އަޑު އުފުލުމަށް،" އެ އިހްތިޖާޖުގައި ބައިވެރިވި ބައެއް މަސްވެރިން ވެސް ބައިވެރިވި އެ ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.

"މި ރައީސްއަށް މި ގޮތަށް އަޑު އުފުލިއްޔާ ނޫނީ އަޑެއް ނީވޭ."

އެއާއެކު ރައީސް މުއިއްޒު އެމަނުކުފާނު ސިފަ ކުރެއްވީ، "ކަންފަސޭހަ، އަޅާނުލާ، ރަހުމެއް، ހަމްދަރުދީއެއް ނެތް ރައީސްއެއް"ގެ ގޮތުގަ އެވެ. އަދި މަސްވެރިން ދޯނިތަކުގައި އެގޮތަށް އައުމުން ރައީސް މުއިއްޒުއަށް"ހީފުޅުވީ، މުހައްމަދު އަމީންގެ ޒަމާނުގައި ބަގާވަތް ކުރަން އުތުރުގެ ގަޑުބަޑު ޓީމު އައީ" ކަމަށެވެ.  މުޒާހަރާއަށް ހުރަސް އެޅުމަށް މުޅި މާލޭގެ ނެރުމަތި ބަންދުކޮށްލީ އެ ސަބަބަކަށްޓަކައި ކަމަށް ޔާމީން ވިދާޅުވި އެވެ.

"މީނަ [ރައީސް]އަށް މަޝްވަރާދޭ ގާނޫނީ މީހުން ބުނަންވާނެ ދެއްތޯ މީއީ ހަމަ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު ކަމެކޭ. ވަކި މީހެއްގެ ދަތުރު ހިފަހަޓެމަށް [ނުވަތަ] ނުފުރާކަށް، ވަކި ތަނެއްގައި ހުރުމަށް، ބަންދު ކުރުމަށް ގާނޫނުއަސާސީ ހުއްދައެއް ނުދެއޭ. އެއީ މީހުންގެ މިނިވަކަމުގައި އޮތް ކަމެއް،" އެ މަނިކުފާނުގެ ފަސް އަހަރުގައި ހިޔާލުފާޅުކުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަމުގެ ހައްގު ވަރަށް ބޮޑަށް ހަނި ކުރެއްވި ޔާމީން، މި ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރައްވަމުން ވިދާޅުވި އެވެ.

"މިއީ ހިސާބަށްވުރެ ރަހުމްކުޑަވީމަ، މަސްވެރިންގެ ދުވަހު މަސްވެރިންނަށް ދިން ހަދިޔާއެއް."

ކޮމެންޓް (1)

ތެފައާސާ.

12 ޑިސެމްބަރު 2025
ބައްލަވާ ޔާމީންގެ ތިޔަ ދޮގު ލިސްޓަށް އިތުރުކޮށްލަދެއްވާ، ހާހުން އިންޑިޔާ ސިފައިން ތިބިކަމުގެ ދޮގު، އުތުރުތިލަފަޅާއި އައްޑޫ ހަނިމާދޫގައި އިންޑިއާގެ މިލިޓަރީ މަރުކަޒު ހުރިކަމުގެ ދޮގު، ބާނަބާނާ ތިއްބާ ކަނޑު ވިއްކާލި ކަމުގެ ދޮގު، ދިވެހިންގެ ޗާގޮސް ގާދޫކޮލުން ބޭރުކޮށްލިކަމުގެ ދޮގު، އަރަބިން ކައިގެން ތިބިއްޔާ ދިވެހިން ތިބޭނީ ކައިގެންނޭ ކިޔައިގެން ހެދި ދޮގު، ދެން މިހެންގޮސް މި ލިސްޓު ލިޔެވިދާނެ މިރޭ އިރުއޮއްސެންދެންވެސް..
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް