މިދިޔަ އަހަރުގެ ފެބްރުއަރީގައި ކޫއްޑޫގައި އިހުތިޖާޖު ކުރި މަސްވެރިންނާ މިނިސްޓަރު ޝިޔާމް ބައްދަލުކުރެއްވުން. (ފޮޓޯ/ފިޝަރީޒް މިނިސްޓްރީ)

މަސްވެރިކަން

ޝިޔާމް މަސްވެރިންނަށް: ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް

މި ސަރުކާރުން ވީ ވައުދުތައް ނުފުއްދައި ލަސްވާތީ މަސްވެރިން އިހުތިޖާޖު ކުރަމުން އަންނައިރު، މިނިސްޓަރު ޝިޔާމް ވިދާޅުވީ ހުރިހާ ކަންބޮޑުވުންތަކަށް ވެސް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް
10 ޑިސެމްބަރު 2025
3

މަސްވެރިންގެ ހުރި ހުރިހާ ކަންބޮޑުވުންތަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި ލަސްވާތީ މަސްވެރިން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

ހުޅުމާލެ ކަންނެލި ޖެޓީއިން ފެށި އެ އިހުތިޖާޖުގެ ބައިވެރިން މަސްދޯނިފަހަރުގައި މާލެއާ ކައިރި ކުރަން މަސައްކަތް ކުރި ނަމަވެސް، ކޯސްޓްގާޑުން ވަނީ އެކަމަށް ހުރަސް އަޅާފަ އެވެ.

މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖު. (ދައުރު ފޮޓޯ)
މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖު. (ދައުރު ފޮޓޯ)

އެ އިހުތިޖާޖުގައި މަސްވެރިން ކުރާ މައިގަނޑު ޑިމާންޑުތަކަކީ:

  • ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުން

  • ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އަދި 100ރ. ކަމަށް ކަނޑައެޅުން

  • މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުން

  • ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން

ތަފްސީލު - މަސްވެރިންގެ ޑިމާންޑުތަކާ ގުޅިގެން މިނިސްޓަރު ޝިޔާމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހުރިހާ ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯދައިދޭނެ ކަމަށެވެ.

"ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް، ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި، ދިގުލައިގެންދާ މައްސަލަ އާއި މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާ މައްސަލަ،" ޝިޔާމް ވިދާޅުވި އެވެ.

"މިކަން ހައްލު ކުރުމަށް ބޮޑުކަންނެލި މަސްވެރިން ޕްރޮޕޯސް ކުރައްވަނީ ސަރުކާރުން މިކަމަށް 'އިންޓަވީން'ކޮށް، ކަންނެލި މަހުގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކުރުމަށް. އަދި ސަރުކާރުން ބޮޑު ކަންނެލި މަސްވެރިންނަށް ވެފައިވާ ވައުދު ވީހާ ވެސް އަވަހަށް ތަންފީޒު ކުރެއްވުމަށް."

ޝިޔާމް ވިދާޅުވީ ހުޅުމާލޭގައި ސަރުކާރުން އަޅަން ރާވާފައިވާ ބޮޑުކަންނެލި ޕްރޮސެސިން ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީގައި ފަށަން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެސް އަންނަނީ ވަމުން ކަމަށެވެ.

އޭގެ އިތުރުން:

  • މިދިޔަ އަހަރުގެ ޖޫންއިން ފެށިގެން މާލެ ސަރަހައްދުން، އެސްޓީއޯ މެދުވެރިކޮށް ބޭސް ރޭޓުގައި ތެޔޮ ލިބޭނެ

  • ރާއްޖޭގެ ކޮންމެ އަތޮޅަކުން ވެސް މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އަންނަ މާޗުގެ ނިޔަލަށް ހަމަޖެހޭނެ

"ކުރިއަށް އޮތީ މަސްވެރި އާއިލާތަކަށް އުފާވެރި ދުވަސްތަކެއް،" ޝިޔާމް ވިދާޅުވި އެވެ.

"މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މައުނަވީ ހައްލެއް ހޯދައިދޭނެ ސަރުކާރެއްކަން ޔަގީން އިންޝާﷲ."

ކޮމެންޓް (3)

ސިކުނޑި

11 ޑިސެމްބަރު 2025
ވަޒީރު ކޯއްޗެއް ޗެއަ ހައްދަވަނީ! ކޮބާތަ ކަނޑުން ގެއްލުނުގައި ލިބުނީތަ؟ ހުސްގޮނޑިއެއް ދައްކައިގެން އައި ސަރުކާރެއްގެ ކިބައިން އާންމުން އެދެންޖެހޭނެ ނަތީޖާއެއް ނޯންނާނެ! މުޅި ދައުރު ނިންމާލަނީ ވައުދުން ވައުދު ފުއްދަމުން!
0 0

ތެފައާސާ.

11 ޑިސެމްބަރު 2025
ދައުރު ދެބައިވަނީ. އަންނަނީ. އަންނަނީ.
1 0

ބޭކާރުދެއަހަރު

10 ޑިސެމްބަރު 2025
މިހެން އުފާކޮށްލަދީދީ ތިއްބާ އެ ދިޔައީ 2 އަހަރު. ބޭކާރު އުފާވެރިކަމެއް. އަމަލުން ހަމަ ސުމެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް