މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖު. (ދައުރު ފޮޓޯ)

މަސްވެރިކަން

ވައުދުތައް ނުފުއްދާތީ މާޔޫސްވެ، މަސްވެރިން އިހުތިޖާޖަށް

އިހުތިޖާޖު ކުރާ މަސްވެރިންގެ މައިގަނޑު ޑިމާންޑުތަކުގެ ތެރޭގައި ކަންނެލި ގަންނަން މަސްވެރިން ބުނާ އަގެއް ކަނޑައެޅުމާއި މިފްކޯއިން ބޮޑު ކަންނެލި ގަތުމާއި މަސްވެރިންނަށް އައިސް އަދި ބޭސް ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަދައިދިނުން ހިމެނޭ
10 ޑިސެމްބަރު 2025
2

ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާތީ، ހުޅުމާލެ ކަންނެލި ޖެޓީގައި މަސްވެރިން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ރާއްޖޭގެ މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، އެ މީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ކަންނެލި ޖެޓީ ސަރަހައްދަށް ގިނަ އަދަދެއްގެ މަސްދޯނިފަހަރު ވަނީ ޖަމާވެފަ އެވެ.

ތަފްސީލު - އެ އިހުތިޖާޖުގައި އިސްކޮށް އުޅޭ އަދި މަސްވެރިން ތަމްސީލުކުރާ ޖަމިއްޔާ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ބުނީ ޝަކުވާތަކަށް އަލިމަގެއް ނުފެންނަނީސް އިހުތިޖާޖު ނުހުއްޓާނެ ކަމަށެވެ.

އިހުތިޖާޖުގައި މައިގަނޑު ގޮތެއްގައި މަސްވެރިން ގޮވާލަނީ:

  • ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުން

  • ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80ރ. އަދި 100ރ. ކަމަށް ކަނޑައެޅުން

  • މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުން

  • ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން

މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖު. (ދައުރު ފޮޓޯ)
މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖު. (ދައުރު ފޮޓޯ)

ބީކޭއެމްޔޫއިން ބުނީ އެ ހަތަރު ކަމަކީ ވެސް މި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ، މަސްވެރިންނަށް ވެފައިވާ ވައުދުތަކެއް ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ އެ ވައުދުތައް ފުއްދުމަށް އެދި، މި ސަރުކާރުގެ ދައުރު ފެށުނީއްސުރެ އެކި ގޮތްގޮތަށް މަސްވެރިން ގޮވާލަމުން އަންނަ ކަމަށާއި އެކި މަޝްވަރާ ބައްދަލުވުންތައް ބާއްވައި، ބަޔާންތަކެއް ވެސް ނެރެފައިވާ ކަމަށެވެ.

އެހެން ނަމަވެސް އަނެއްކާ ވެސް އިހުތިޖާޖަށް ނުކުންނަން ޖެހުނީ، ބީކޭއެމްޔޫއިން ބުނި ގޮތުގައި އެ ބައްދަލުވުންތަކުން ވެސް އެދެވޭ ނަތީޖާއެއް ނުހޯދުމުންނެވެ.

"މިއަދާ ހަމައަށް ކުރެވުނު އެއްވެސް މަސައްކަތަކުން ކަންނެލި މަސްވެރިންނަށް އެދެވޭ އަލިމަގެއް ނުފެނި މި ވަނީ މާޔޫސްކަން ގެނުވާފަ އެވެ،" ބީކޭއެމްޔޫއިން އިހުތިޖާޖު އިއުލާންކޮށް، އިއްޔެެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިހުތިޖާޖުގެ ބައިވެރިން ޝުއޫރު ފާޅުކުރަމުން އަންނައިރު، ގިނަ މަސްވެރިން ތިބީ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެނީ އެ ސަރަހައްދުން ނުދާ ގޮތަށެވެ.

"މިފަހަރު އެއް މަސް ކީއްކުރަން، ތިން މަސް ވިޔަސް އަޅުގަނޑު މި ތަނަކުން ނުދާނަން މިކަމަށް ކޮންމެވެސް އަލިމަގެއް ނުފެންނަނީސް،" މަސްވެރިޔަކު ބުންޏެވެ.

ކޮމެންޓް (2)

ބޮޑާ ހަސަންބެ

10 ޑިސެމްބަރު 2025
ތިކީ ވާނެކަންކަމެއް ނޫން.ދުނިޔޭގެ ބާޒާރުގައި މަސް ނުވިއްކޭ އަގެއްގައި މަސްގަނެގެން މިފްކޯއަކަށް ނުވިއްކޭވެ.އަނެއްކާ ސަބްސިޑީ ދީގެން ކަލޭމެން ކުދިން ބޭނުންއަގެއްގަ މަސްގަނެގެން ތިކަމެއް ނުކުރެވޭނެ.ކުރާކަށް ނުވެސް ޖެހޭނެ.ތިއީ ވިޔަފާރިއެއް.ކަލޭމެން ކުދިން ޓެކްސްވެސް ނުދައްކަމެއް ނު.ހުރިހާ މަންފާއެއް ނަގަން ތިއުޅެނީ.ވައްތަރީ ކައުންސިލް އިންތިޚާބާ ދިމާކޮށް ކުޅެން އުޅޭ ބޯޅައަކާ.ތިކަން ހުއްޓާލާފަ މަހަށް ނިކުތީމަ ދޯ އަނބިދަރިންނަށް އެއްޗެއް ލިބޭނީވެސް.ބޮޑާ ނަހާކާ މަހަށް ނިކުމޭ!
4 1

ފެކްޓަރީ

10 ޑިސެމްބަރު 2025
ތިޔައަގު އަހަރެން ދީފާނަށް. ކޮންމެދުވަހަކު ކޮންމެދޯންޏަކުން މަދުވެގެން 50ޓަނުގެ ކަންނެލި ކިރަންވާނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް