ފުލުހުންގެ މައްސަލަ ބަލައި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމެއްގައި އަހުމަދު ނާޒިމް ރިޔާސަތު ބަލަހައްޓަވަނީ (ފޮޓޯ/މަޖިިލިސް)

ފުލުހުންގެ މައްސަލަ ބަލައި ކޮމިޓީގައި ނާޒިމަކަށް ނީދެވޭނެ: ޔާމީން

ކުރީގެ ރައީސް ވިދާޅުވީ ފުލުހުން ބެލި މައްސަލައެއްގައި ނާޒިމަށް ވެސް ތުހުމަތުތަކެއް ކުރެވޭއިރު، ފުލުހުންގެ މައްސަލަތައް ބަލާ ކޮމިޓީގައި ނާޒިމް އިންނެވުމުން މަސްލަހަތު ފުށުއަރާ ކަމަށް

ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ މުއާމަލާތްތަކުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި ދިއްގަރު ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ނީންނެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ ވެލްފެއާ ކަންކަން ކުރިއެރުވުމަށް އުފައްދާފައި އޮތް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އާ ހަވާލުކޮށްގެން ފުލުހުންނަށް ބޯހިޔާވަހިކަން ދިނުމަށް ކުރިއަށް ގެންދިޔަ 'ބުލޫސް ހައުސިން މަޝްރޫއު'ގައި ކޮރަޕްޝަނުގެ ގިނަ އަމަލުތަކެއް ހިންގާފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން އަންނަނީ ދިރާސާކުރަމުންނެވެ. އެ މައްސަަލަ ދިރާސާކުރަން އުފެއްދި، މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ މުގައްރިރަކީ، ނާޒިމް އެވެ.

މި މައްސަލަ ދިރާސާކުރަމުންދަނިކޮށް ލިބުނު އިތުރު މައުލޫމާތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ، މިހާރުގެ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހިމެނޭހެން ފުލުހުންގެ އިސް ހަތް އޮފިސަރަކު ސަސްޕެންޑުކުރަން ރައީސް މުހައްމަދު މުއިއްޒަށް ލަފާދޭން އެ ކޮމިޓީން މިދިޔަ ބުދަދުވަހު ނިންމި އެވެ.

ބުނީ ކީކޭ؟ - އެ ކޮމިޓީގައި ނާޒިމް އިންނަވާތީ ފާޑުވިދާޅުވެ ޕީއެންއެފްގެ ޖަލްސާގައި ޔާމީން ވިދާޅުވީ ފުލުހުން ބެލި މައްސަލައެއްގައި ނާޒިމަށް ވެސް ތުހުމަތުތަކެއް ކުރެވޭއިރު، ފުލުހުންގެ މައްސަލަތައް ބަލަން އެ ކޮމިޓީގައި ނާޒިމް އިންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށެވެ.

"ނާޒިމް ވެސް ބަލަން ޖެހޭ ގާނޫނުއަސާސީގައި ކަނޑައެޅިގެން އޮންނަ މާއްދާއެއް، އެމީހެއްގެ މަސްލަހަތު ފުށުއަރާ ކަމެއްގައި ވެއްޖެއްޔާ، އެ މައްސަލަ ބަލާކަށް، ކޮމިޓީގައި ވޯޓުދޭކަށް ނުވެސް އިނދެވޭނެ. ކޮމިޓީގެ މުގައްރިރަކަށް މީނަ [ނާޒިމް] އިނދެގެން، ބެލްކަނީ ވީޑިއޯ އާއި އަނެއް ކަމަކާ އަނެއް ކަމަކާ ހުރިއިރު ފުލުުހުންގެ މައްސަލަ މި ބަލަނީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވީ:

  • ފުލުހުން ގޯސް ހަދައިފިއްޔާ މައްސަލަ ބެލެންވާނެ؛ އެކަމަކު ބަލަންވާނީ ކަމާ ބެހޭ ފަރާތުން

  • ރައްޔިތުންގެ މަޖިލީހަކީ މައްސަލަތައް ބަލައި ތަހުގީގުކޮށް އަދަބުދީ މި ހުރިހާ ކަމެއް ކުރަން އޮތް ތަނެއް ނޫން

  • އެކަމަށް ގާނޫނުން މަތިކޮށްފައިވާ މުއްސަސާތަކެއް އެބަހުރި؛ މައްސަލަ ބަލަން ޖެހޭނީ އޭސީސީ އާއި އެންއައިސީން

  • މަސްލަހަތު ފުށުއަރާ މީހުން މިކަންކަން ކުރީމާ މައްސަލަތައް ނުކުންނާނެ

"އެމީހުން [ރައްޔިތުންގެ މަޖިލީހުގެ މެންބަރުން] މިހާރު މިވަނީ ފަނޑިޔާރުންނަށް ވެސް، އެމީހުން މިވަނީ ޖޫރީންނަށް ވެސް، އެމީހުން މިވަނީ ތަހުގީގުކުރާ މީހާއަށް ވެސް. އެކަމަކު މި ކުރަނީ ކޮން ބައެއް؟ ހުރިހާ ޖިނާއީ މައްސަލަތަކެއް ތަހުގީގުކުރަން ގާނޫނުގައި އެކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ އޮތް މީހުންގެ މައްސަލަތައް މި ބަލަނީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ފުލުހުންނަކީ ގާނޫނީ ހުވައެއް ކޮށްގެން ތިބި ބަޔަކަށް ވާއިރު ގޯސްކޮށް ކަމެއް ދާކަން އެނގޭ ނަމަ އެ މައްސަލަތައް އިސްނަގައިގެން ބެލުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. އޭގެ ތެރޭގައި ނާޒިމަށް ތުހުމަތުކުރެވޭ މައްސަލަ ވެސް ބަލަންވީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ފުލުހުންނަށް ވެސް ކުރާ އިލްތިމާސްއަކީ، ކަނޑައެޅިގެން ގޯސްކޮށް ކަންކަން ހިނގާކަން އެނގޭއިރު ކަންކަން ފޮރުވަން ނޫޅޭށޭ. ތަހުގީގުކުރަން ފަށާށޭ، އިސްނަގައިގެން ތަހުގީގުކުރަން ފަށާށޭ. ފުލުހުންނަކީ ވަކި ފަރާތަކުން އިޝާރާތްކޮށްގެން ތަހުގީގުކުރަން ތިބި ބައެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

އެނގުން މުހިންމު - ފުލުހުންގެ މައްސަލަތައް ބަލައި ކޮމިޓީއެއްގައި ނާޒިމް އިންނެވުމުން މަސްލަހަތު ފުށުއަރާކަމަށް ޔާމީން އެ އިޝާރަތްކުރައްވަނީ މާލޭގެ 10 ބުރީގެ އިމާރާތަކުން ވެއްޓި މިދިޔަ އަހަރުގެ އޮގަސްޓު މަހު ޒުވާން އަންހެނަކު މަރުވި ހާދިސާއަށެވެ.

އެ ހާދިސާގައި މަރުވީ ނާޒިމްގެ ދޮން ދަރިއެކެވެ. އެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި ނާޒިމަށް ވެސް ތުހުމަތުތަކެއް ކުރި އެވެ. އެކަމަކު ނާޒިމް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

އެ ތުހުމަތުތައް ފުލުހުން ވެސް ދޮގުކުރި އެވެ. އެކަމަކު ނާޒިމްގެ ދިފާއުގައި ފުލުހުން މާ ޒާތީ މައުލޫމާތުތަކެއް ހާމަކުރުމުން ފުލުހުންނަށް އާންމުންގެ ފާޑުކިއުން އަމާޒުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

29 ނޮވެމްބަރު 2025
ރައީސްގެ ވާހަކައަށް ފުރިހަމައަށް ތާއީދު! މަޖިލީހުން މައްސަލަ ބަލައި ފިޔަވަޅު އަޅައިގެން ނުވާނެ! މަޖިލީހުގެ ދައުރަކީ، ޖަވާބުދާރީ ކުރުވުން! ޖަވާބުދާރީ ނުވެއްޖިއްޔާ ނުވަތަ މައްސަލައަކަށް ތުހުމަތު ކުރެވެންޏާ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅީމާ މަޖިލީހުގެ ދައުރު ނިމުނީ! ނާޒިމްގެ ބަސްމަގާއި އަމަލުތައް ހުންނަގޮތުން ވަރަށްބޮޑަށް ޒާތީ ތައައްސުބެއް އޮތްކަން ދޭހަވޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް