އޮގަސްޓް 7، 2022: ޝީއާއުގެ މަރާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާ ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
ވިފާގުގެ މައުލޫމާތު ހާމަކުރި ގޮތާމެދު ފުލުހުން މާފަށް އެދިއްޖެ
މާލޭގެ 10 ބުރީގެ އިމާރާތަކުން މިދިޔަ އޮގަސްޓު މަހު ވެއްޓި މަރުވި ޒުވާން އަންހެން މީހާގެ ޒާތީ މައުލޫމާތުތަކެއް އިއްޔެ ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތާ މެދު ފުލުހުން މާފަށް އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް ހެޑް އޮފީސް ހުންނަ މ. ހަސޯވާ އިމާރާތުން ވެއްޓި މަރުވި ވިފާގް އިބްރާހިމް އަދުނާނު، ބީޗުވިލާ/ގއ. މާމެންދޫގެ މަރާ ގުޅޭ ގޮތުން 'ޗެނަލް13' އިން ގެނެސްދިން ރިޕޯޓަކާ ގުޅިގެން ފުލުހުންގެ ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރަން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެގޮތުން:
-
'ޗެނަލް13'ގެ ރިޕޯޓުގައި ވިފާގުގެ ދޮން ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށްފައި ވާތީ ފުލުހުން ވަނީ އެކަން ދޮގުކޮށްފައި
-
އެ ތުހުމަތުތަކުގެ ދޮގުކަން ސާބިތުކޮށްދިނުމަށް ފުލުހުން ވަނީ ވިފާގާ ގުޅޭ ޒާތީ ގިނަ މައުލޫމާތުތަަކެއް ހާމަކޮށްފައި؛ އެއާއެކު ގިނަ ބަޔަކުވަނީ ފުލުހުންނަށް ދަނީ ފާޑުކިޔަމުން
ތަފްސީލް - އެކަމާ ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވިފާގާ ގުޅޭ ވަރަށް ނާޒުކު މައުލޫމާތުތަކެއް ހާމަކޮށްފައިވަނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫންކަން ގަބޫލުކުރާ ކަމަށެވެ. އަދި އެކަމަށް މާފަށްއެދޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އަދި އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ:
-
އެހާ ތަފްސީލްކޮށް އެވާހަކަތައް ހިއްސާކުރީ ހަގީގަތް އޮޅޭގޮތަށް މީޑިއާއަކުން ރިޕޯޓްކޮށްފައި ވާތީ
-
އޭގައި ފުލުހުން ތަހުގީގުކުރިއަށް ގެންގޮސްފައިވާ ގޮތާ ގުޅޭގޮތުން އަދި ވިފާގުގެ އާއިލާގެ ބައެއް ފަރާތްތަކާ ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ގެނެސްދިނުމުން
-
ފުލުހުން މައުލޫމާތު ހާމަކުރީ ވިފާގުގެ މަންމަ އާއި ބައްޕަ ހިމެނޭހެން އާއިލާ މީހުންނަށް އެނގިގެން ކަމަށް
ކީކޭ ބުނީ؟ - އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށާއި އޭނާގެ މަރުގައި ޝައްކުކުރެވޭ ކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި ވިފާގަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މީހެއް ނޫންކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން ކަށަވަރުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން:
-
ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް ވިފާގު ޑަޔަގްނޯސްކޮށްފައިވޭ
-
އިނގިރޭސިވިލާތުގައި ދިރިއުޅުނު އިރު ވެސް ފަރުވާ ހޯދައި ތެރަޕީ ސެޝަންތަކެއް ނެގި
-
އަނބުރާ ރާއްޖެ ގެނައީ މަންމައަށް ވީޑިއޯ ކޯލުކޮށް ދެއްކި މަންޒަރުތަކުން ކަންބޮޑުވެ، ފުލުހެއް ކަމަށްވާ އޭނާގެ ބައްޕަ ގާތުގައި މަންމަ އެދިގެން ބައްޕަ ގޮސްގެން
-
ހުޅުމާލެ ހޮސްޕިޓަލުން ވެސް ފަރުވާ ހޯދައި ތެރަޕީ ނަގާފައިވޭ
-
ފުލުހުން ސީންއަށް ދިޔައިރު، އޭނާގެ މޭޒުން ވެސް ނަފުސާނީ ބައްޔަށް ފަރުވާ ހޯދާ ބޭސްތައް ފެނިފައިވޭ
"ވިފާގު ނިޔާވުމުން ވަޅުލުމަށް އާއިލާއާ ހަވާލުކުރުމުގެ ކުރިން އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އިތުރުން ފޮރެންސިކް ޓީމުގެ ފަރާތުން ހަށިގަނޑުގެ ޓެސްޓުތައް ހަދާފައިވާނެ. ވިފާގު ނިޔާވިއިރު އޭނާ ވަނީ ބިކުރުވެރި ހާލަތެއްގައިކަން ވިފާގުގެ މެޑިކޯ ރިޕޯޓުން އެނގެން އޮތުމުން އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ކަށަވަރު،" ޝިފާއު ވިދާޅުވި އެވެ.
ވިފާގު މަރުވިއިރު ދިރިއެޅުމުން ދިޔައީ އޭނާގެ މަންމަ އާއި ދޮން ބައްޕަ ކައިރީގަ އެވެ.