މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާ ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ފުލުހުން

އިމާރާތުން ވެއްޓި މަރުވި ވިފާގު ނަފުސާނީ ބައްޔަށް ފަރުވާ ހޯދި؛ ޖިންސީ ގޯނާގެ ހެއްކެއް އަދި ނެތް: ފުލުހުން

ވިފާގު މަރުވި މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގުގައި މިހާތަނަށް ފާހަގަކުރެވުނު ކަންކަމާއި މީޑިއާއަކުން ގެެނެސްދިން ރިޕޯޓަކާ ގުޅިގެން ފުލުހުންގެ ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި
13 އޮކްޓޯބަރު 2024

މާލޭގެ ނުވަ ބުރީގެ އިމާރާތަކުން މިދިޔަ އޮގަސްޓު މަހު ވެއްޓި މަރުވި ޒުވާން އަންހެނަކު ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުން ދިޔަ ކަމަށާއި ނަމަވެސް ޖިންސީ ގޯނާ ލިބިފައިވާ ކަމުގެ އެއްވެސް ކަމެއް މިހާތަަނަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީކިިހިނެއް؟ - ހަސޯވާ ބިލްޑިންގުން ވެއްޓި މަރުވި ވިފާގް އިބްރާހިމް އަދުނާނު، ބީޗުވިލާ/ގއ. މާމެންދޫގެ މަރާ ގުޅޭ ގޮތުން 'ޗެނަލް13' އިން ރިޕޯޓެއް ގެނެސް، އެ ރިޕޯޓުގައި އޭނާގެ ދޮން ބައްޕައަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އުމުރުން 25 އަހަރުގެ ވިފާގުގެ ދޮން ބައްޕައަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

ވިފާގު މަރުވި މައްސަލާގައި ފުލުހުން ކުރަމުންދާ ތަހުގީގުގައި މިހާތަނަށް ފާހަގަކުރެވުނު ކަންކަމާއި 'ޗެނަލް13'ގެ ރިޕޯޓާ ގުޅިގެން ފުލުހުންގެ ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ.

ކީކޭ ބުނީ؟ - އިސްކަންދަރު ކޮށީގައި ބޭއްވި އެ ބައްދަލުވުމުގައި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށެވެ. ފަރުވާ ހޯދަން ފެށިއިރު އޭނާއަކީ ސްކޫލް ދަރިވަރެކެވެ. އެގޮތުން:

  • ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް ވިފާގު ޑަޔަގްނޯސްކޮށްފައިވޭ

  • އިނގިރޭސިވިލާތުގައި ދިރިއުޅުނު އިރު ވެސް ފަރުވާ ހޯދައި ތެރަޕީ ސެޝަންތަކެއް ނެގި

  • އަނބުރާ ރާއްޖެ ގެނައީ މަންމައަށް ވީޑިއޯ ކޯލުކޮށް ދެއްކި މަންޒަރުތަކުން ކަންބޮޑުވެ، ފުލުހެއް ކަމަށްވާ އޭނާގެ ބައްޕަ ގާތުގައި މަންމަ އެދިގެން ބައްޕަ ގޮސްގެން

  • ހުޅުމާލެ ހޮސްޕިޓަލުން ވެސް ފަރުވާ ހޯދައި ތެރަޕީ ނަގާފައިވޭ

  • ފުލުހުން ސީންއަށް ދިޔައިރު، އޭނާގެ މޭޒުގައި ވެސް ނަފުސާނީ ބައްޔަށް ފަރުވާ ހޯދާ ބޭސްތައް ފެނިފައިވޭ

ވިފާގަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ޝިފާއު ވިދާޅުވީ ތަހުގީގުން މިހާތަނަށް ހޯދި ހޯދުންތަކުން އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ވެސް ފުލުހުންނާ ހަމައަށް އެއްވެސް ފަރާތަކުން ފާހަގަކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖިންސީ ގޯނާގެ ތުހުމަތާ ގުޅޭ ގޮތުން ޝިފާއު އިތުރަށް ފާހަގަކުރެއްވި ކަންކަމަކީ:

  • އެފަދަ އެއްވެސް ކަމެއް ވިފާގުގެ އެއްވެސް ސިއްހީ ލިޔެކިޔުމަކުން ފާހަގަވެފަައެއް ނުވޭ؛ ނަފުސާނީ ބައްޔާ ގުޅޭ ގޮތުން ހުރި ލިޔެކިޔުންތަކުގައި ވެސް ނެތް

  • ވިފާގު މަރުވިއިރު އޭނާއަކީ ބިކުރުވެރިއެއްކަން ފުލުހުންނަށް ޔަގީންކުރެވިފައިވޭ

  • ވިފާގުގެ ބައްޕައާ ސުވާލުކުރުމުން ވެސް އެފަދަ ކަމަކާ ގުޅޭ ވާހަކައެއް ފުލުހުންނާ ހިއްސާކޮށްފައެއް ނުވޭ

'ޗެނަލް13' އިން ގެނެސްދިން ރިޕޯޓާ ގުޅިގެން ފުލުހުން އެއްވެސް މީހަކާ ސުވާލުކުރިތޯ ނޫސްވެރިން އެހުމުން ޝިފާގު ވިދާޅުވީ އޭގައި ހުރި ބައެއް ކަންކަން އާއިލާއިން ސާފުކޮށްފައިވާ ކަމަށެވެ.

ވިފާގުގެ ދޮންބައްޕައަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އޭނާއާ ފުލުހުން ސުވާލުކޮށްފައިވާނެތޯ ނޫސްވެރިން ސުވާލުކުރުމުން ޝިފާއު ވިދާޅުވީ ސީދާ އެ ސުވާލު ކުރިކަން ޔަގީންކޮށްފައި ނޫނީ ޖަވާބެއް ދޭން ދަތި ކަމަށެވެ.

"ސީދާ ތި ސްޕެސިފިކް ސުވާލު ކުރިކަން ޔަގީނެއް ނޫން. އަޅުގަނޑު ޖެހޭނީ ޔަގީންކޮށްލަން، ގައިމު ވެސް ދޮން ބައްޕައާ ސުވާލުކޮށް ބަޔާން ނަގާފައި ވާނެ. ވަރަށް ދިގު ބަޔާނެއް ދީފައި ވަނީ ވެސް،" އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި އާއިލާގެ ގިނަ މީހުންނާއި ވިފާގު ދިރިއުޅުނު އިމާރާތުގެ ކޮންމެ އެޕާޓްމަންޓެއްގަައި އުޅުނު މީހުންނާ ސުވާލުކޮށްފައި ވާނެ ކަމަށް ޝިފާއު ވިދާޅުވި އެވެ. ވިފާގު އޭރު ދިރިއެޅުމުން ދިޔައީ އޭނާގެ މަންމަ އާއި ދޮން ބައްޕަ ކައިރީގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް