މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާ ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު (ވ). (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)

ފުލުހުން

ވިފާގުގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރި ގޮތުން ފުލުހުންނަށް ބޮޑެތި ފާޑުކިއުންތަކެއް

އެއީ ދައްކަން އެހާ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި އެހާ ތަފްސީލީ މައުލޫމާތު ހާމަކުރުމަކީ އާންމު އުސޫލުން ކުރާ ކަމެއް ނޫން ކަމަށް ފުލުހުން ވެސް އެއްބަސްވޭ

މާލޭގެ 10 ބުރީގެ އިމާރާތަކުން މިދިޔަ އޮގަސްޓު މަހު ވެއްޓި މަރުވި ޒުވާން އަންހެން މީހާގެ ޒާތީ މައުލޫމާތުތަކެއް ހާމަކުރި ގޮތުން ފުލުހުންނަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެ އެވެ.

ވީކިިހިނެއް؟ - މާފަންނު ހަސޯވާ އިމާރާތުން ވެއްޓި މަރުވި ވިފާގް އިބްރާހިމް އަދުނާނު، ބީޗުވިލާ/ގއ. މާމެންދޫގެ މަރާ ގުޅޭ ގޮތުން 'ޗެނަލް13' އިން ގެނެސްދިން ރިޕޯޓަކާ ގުޅިގެން ފުލުހުންގެ ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާކުރަން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

'ޗެނަލް13'ގެ ރިޕޯޓުގައި ވިފާގުގެ ދޮން ބައްޕަ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ވިފާގާ ގުޅޭ ޒާތީ ގިނަ މައުލޫމާތުތަަކެއް ހާމަކޮށްފަ އެވެ.

ކީކޭ ބުނީ؟ - އިސްކަންދަރު ކޮށީގައި ބޭއްވި އެ ބައްދަލުވުމުގައި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށާއި އޭނާގެ މަރުގައި ޝައްކުކުރެވޭ ކަމެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި ވިފާގަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ މީހެއް ނޫންކަން އޭނާގެ މެޑިކޯ ލީގަލް ރިޕޯޓުން ކަށަވަރުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވިފާގު ނިޔާވުމުން ވަޅުލުމަށް އާއިލާއާ ހަވާލުކުރުމުގެ ކުރިން އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އިތުރުން ފޮރެންސިކް ޓީމުގެ ފަރާތުން ހަށިގަނޑުގެ ޓެސްޓުތައް ހަދާފައިވާނެ. ވިފާގު ނިޔާވިއިރު އޭނާ ވަނީ ބިކުރުވެރި ހާލަތެއްގައިކަން ވިފާގުގެ މެޑިކޯ ރިޕޯޓުން އެނގެން އޮތުމުން އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ކަށަވަރު،" ޝިފާއު ވިދާޅުވި އެވެ.

'ނުފޫޒު ގަދަ މީހަކު ދީފާއުކުރަން ދެއްކި ވާހަކައެއް'

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިފާގު ޑިޕްރެޝަން ތަހައްމަލު ކުރަމުންދިޔަ ދުވަސްކޮޅު ކޮށްފައިވާ ބައެއް ކަންކަމާ ބެހޭ ގޮތުން ވެސް ތަފްސީލީ މައުލޫމާތުތަކެއް ފުލުހުން ހާމަކޮށްފައިވެ އެވެ. މި މައުލޫމާތުތަކުގެ އިތުރުން މަރުވެފައިވާ މީހެއްގެ ބިކުރުގެ ހާލަތާ ގުޅޭ ގޮތުން ފުލުހުން ހާމަކުރި މައުލޫމާތަކީ އެގޮތަށް ހާމަކުރެވިގެން ވާނެ މައުލޫމާތެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އުމުރުން 25 އަހަރުގެ ވިފާގުއާ ގުޅޭ ޒާތީ މިފަދަ މައުލޫމާތެއް ފުލުހުން ހާމަކުރުމުގައި އެއްވެސް ޕްރޮފެޝަަނަލް ކަމެއް ނެތް ކަމަށާއި އެ މައުލޫމާތު ހާމަކުރުމުގައި ފުލުހުންގެ ބަހުރުވަ ގެންގުޅެފައިވަނީ ވެސް ތަހުގީގީ މުއައްސަސާއަކުން ގެންގުޅެގެންވާނެ މޭރުމަކުން ނޫން ކަމަށް ބުނެ ވެސް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ.

"ވަކި ބަޔަކު ދިފާއު ކުރަން ވިޔަސް ނުވަތަ ވަކި ކަމެއް ޔަގީންކޮށްދޭން ވިޔަސް މަރުވެފައިވާ މީހެއްގެ ޒާތީ މިފަދަ މައުލޫމާތަކީ މިހެން ހާމަކޮށްގެންވާނެ މައުލޫމާތެއް ނޫން. މިއަށް ވުރެ ރީތިކޮށް ވެސް މިވާހަކަ ބުނެވޭނެ،" އެ މައުލޫމާތު ހާމަކުރުމުގައި ފުލުހުންގެ ބަހުރުވަ ހުރި ގޮތާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުނެފައިވެ އެވެ.

ސިފައިންގޭގަ އާއި ފުލުުހުންގެ އިދާރާގައި ވެސް ކުރިން މަސައްކަތްކޮށްފައިވާ މުހައްމަދު ތޮއްޔިބު ވެސް ވަނީ މިފަދަ މައުލޫމާތެއް ހާމަކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ނުފޫޒު ގަދަ ބޭބޭފުޅުން ހިމާޔަތްކުރުމަށް މަރުވެފައިވާ މީހެއްގެ މިފަދަ ޒާތީ މައުލޫމާތެއް ހާމަކުރުމަކީ ވަރަށް "ލަތުވެތި" ކަމެކެވެ.

"މިއީ ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކަށް ފޯރުވާ ވަރުގަދަ ނުފޫޒުގެ ނަތީޖާ،" އޭނާ ވިދާޅުވި އެވެ.

އަނެއް ބަޔަކު ފާހަގަކުރާ ގޮތުގައި، ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކޮންމެ މީހެއްގެ ހަށިގަނޑުން އެކަން ދެނެއެއް ނުގަނެވޭނެ އެވެ. އަދި ގިނަ ދުވަސްތަކެއް ވެފައިވާ އެފަދަ ކަންކަމުގައި އެކަމާ ގުޅޭ އެކަށީގެންވާ ތަހުގީގަކާއި ނުލައި ޖިންސީ ގޯނާގެ ޝިކާރައަކަށް ނުވާކަން ފުލުހުން އެހާ ޔަގީންކަމާ އެކު ކަށަވަރުކުރަނީ ކިހިނެއްތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.

"ޖިންސީ ގޯނާގެ ޝިކާރައަކަށް ވަނީ ހަމައެކަނި ކުއްޖާގެ ބިކުރު ކެނޑުނީމަތަ؟ އެ ނޫން ގޮތް ގޮތުން ވެސް ޖިންސީ ގޯނާ ކުރެވޭނެ. ސިޔާސީ ނުފޫޒު މީ،" ސޯޝަލް މީޑިއާގައި ފުލުހުންނަށް ފާޑުކިޔާ މީހަކު ކޮށްފައިވާ ކޮމެންޓެއްގައިވެ އެވެ.

އެނގުން މުހިންމު - ޖިންސީ ގޯނާގެ އަމަލެއް ކަމަށް ގާނޫނުގައި ބުނަނީ:

  • މީހަކަށް ކުރިމަތިކުރުވާ، ނުވަތަ ތަހައްމަލުކުރުވާ ނުވަތަ އޭނާއަށް ދައްކައިގެން ކުރާ ކޮންމެ ޖިންސީ އަމަލަކަށް 

  • ރޭޕްކުރުމަށް ނުވާ ގޮތަށް އަދި ޖިންސީ އަނިޔާއަށް ނުވާ ގޮތުން، ޖިންސީ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސީ ނިޔަތެއް އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލައި އޭނާގެ ޖިންސީ ގުނަވަނެއްގައި އަތްލުމަށް

"އެ އޮތް ހުރިހާ ޓްރޭނިން ހަދައިގެން މިހާ އަންޕްރޮފެޝަނަލް ވާހަަކަ ދެއްކުމުން އަންތަރީސްވޭ. އަދި މާސްޓާސް ޑިފެންޑް ކުރަން ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކާފާނެކަން އެނގޭ. ބިކުރުވެރި ކިތައް ކުދިންތޯ ޖިންސީ ގޯނާގެ ޝިކާރައަކަށް ވަނީ؟،" އެހެން މީހަކު ބުނެފައިވެ އެވެ.

އެހާ ތަފްސީލުކޮށް ހާމަކުރަން ޖެހޭ މައުލޫމާތެއް ނޫންކަން ޝިފާއު ވެސް ގަބޫލުކުރައްވާ

މީހަކަށް ޖިންސީ ގޯނާކުރެވޭނެ ބައިވަރު ގޮތްތައް ހުންނައިރު، ހަމައެކަނި ބިކުރުވެރިކަމަށް ބަލައި ޖިންސީ ގޯނާގެ ޝިކާރައަކަށް ނުވާކަން ފުލުހުން ޔަގީންކުރި ގޮތާ ގުޅޭ ގޮތުން އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ނޫސްވެރިން ސުވާލުކުރި އެވެ.

ޖަވާބުގައި ޝިފާއު ވިދާޅުވީ އެ ވާހަކައަކީ އިތުރަށް ކިޔައިދޭން ދައްކަން އެހާ ރަނގަޅު ވާހަކައަކަށް ނުވެދާނެތީ އެ ވާހަކަ އިތުރަށް ދައްކަން ބޭނުން ނުވާ ކަމަށާއި އެ ވާހަކަތައް ނޫސްވެރިންގެ ބައްދަލުވުމުގައި އެހާ ތަފްސީލުކޮށް ދޭން ޖެހުނީ އެކަމާ ގުޅޭ ގޮތުން މީޑިއާއެއްގައި ހަގީގަތާ ހިލާފު ވާހަަކަތަކެއް ފެތުރާފައިވާތީ ކަމަށެވެ.

"އަޅުގަނޑު ތިބުނި ވާހަކަ އިތުރަށް ކަނޑާނަގާފައި ދައްކާކަށް ވެސް ބޭނުމެއް ނޫން ހަގީގަތުގައި. އެއީ ފަހަރުގައި އަޑުއަހަން މީހުންނަށް އެހާ އަނެކަތި ވާހަކައަކަށް ނުވެދާނެ،" އެ ވާހަކަ ދައްކަން ކުޑަކޮށް ޖެހިލުންވެ އިންނަވާ ޝިފާއު ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑު ފާހަގަަކުރީ، އޯކޭ އަޅުގަނޑު ވާހަކަދެއްކިއިރުގައި ފަހަރުގައި އިބާރާތް ގެނެވުނުއިރު ބުނެވުނީ ހަމައެކަނި ތިއަށް ކަމަށް ވެދާނެ. އެކަމަކު އަޅުގަނޑު އެ ޕޮއިންޓާ ހަމައަށް އައީ ބައިވަރު ކަންތައްތަކެއް ފާހަގަކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެހެން ބުނަން ޖެހުނު ސަބަބު އިތުރަށް ސާފުކޮށްދެއްވަމުން ޝިފާއު ވިދާޅުވީ އެއީ މިހާތަނަށް ތަހުގީގަށް އާއިލާއިން ފޯރުކޮށްދީފައިވާ މައުލޫމާތާއި ވިފާގުގެ މެޑިކަލް ރިޕޯޓަށް ބެލުމަށް ފަހު "ޖެނަރަލީ ބުނި ވާހަކައެއް" ކަމަށެވެ. 

އިއްޔެގެ މުޅި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާއު ތަކުރާރުކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ 'ޗެނަލް13'ގެ ރިޕޯޓުގައި ހާމަކޮށްގެން ނުވާނެ ފަދަ މީހެއްގެ ޒާތީ މައުލޫމާތުތަކެއް ހާމަކޮށްފައި ވުމެވެ.

"އަޅުގަނޑު ހިތުގައި އުފެދޭ ސުވާލަކީ އެ ހާދިސާ ހިނގީ އަޅުގަނޑުމެންގެ ދަރިއަކަށް ނަމަ އެ ޕްރޮގްރާމް ދައްކަން ގަބޫލުވާނަންބާއޭ. ޕްރޮގްރާމަށް ބަލާލާއިރު ވަރަށް ޒާތީ ވާހަކަތައް މުޅި ޕްރޮގްރާމްގައި ވެސް ގެނެވިފައި ވަނީ. ހަގީގަތަކީ އަޅުގަނޑު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މި މައުލޫމާތުތައް މިދިން މިންވަރަކަށް އަސްލު ހާމައެއް ނުކުރާނަން. އެއީ ވަރަށް ޒާތީ ބައެއް މައުލޫމާތުތައް އަޅުގަނޑު މި ހާމަކުރީ،" ޝިފާއު ވިދާޅުވި އެވެ.

އެކަމަކު ހަމަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްގެން ނުވާނެ ވިފާގުގެ ޒާތީ އިތުރު މައުލޫމާތުތަކެއް މާ ތަފްސީލުކޮށް ފުލުހުން ވެސް ހާމަކުރީ އެވެ. އެހެންކަމުން ވިފާގަށް ހިމާޔަތް ދިނުމުގެ ނަމުގައި، ހަގީގަތުގައި އިއްޔެ ފުލުހުން މަސައްކަތް ކުރީ އެ މައްސަލާގައި ތުހުމަތުގެ އިނގިލި ދިއްކުރެވިފައިވާ ނުފޫޒުގަދަ ފަރާތަކަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ އެއް ބަޔަކު ފުލުހުންނަށް ފާޑުކިޔާފައިވެ އެވެ.

މަރުތަކާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރާއިރު، އެއީ މާ ފުޅާ ދާއިރާއެއްގައި ވަކިވަކިން ހާމަކުރަން ޖެހޭ މައުލޫމާތުތަކެއް ނޫން ކަމަށް އެ ބައްދަލުވުމުގައި ޝިފާއު ވެސް ފާހަގަކުރެއްވި އެވެ.

"އެ ވާހަކަ ދައްކަންވީކީއެއް އަޅުގަނޑު ދެކޭ ގޮތުގައި ވަކިވަކިން މިހެން ހުރި ކޮންމެ ހާދިސާއެއް ވަރަށް ފުޅާ ދާއިރާއެއްގައި ވަރަށް ތަފްސީލުކޮށް ހާމަކޮށްގެން ނޫން ކަމަށް،" އެފަދަ ވާހަކަތައް ގެނެސްދޭއިރު ނޫސްވެރިން ވެސް ސަމާލުވާން އިލްތިމާސްކުރައްވައި ޝިފާއު ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު މި މިންވަރަށް އަސްލު ހާމަކުރަން ޖެހުނު އެއް ސަބަބަކީ މިގޮތަށް ޕްރޮގްރާމެއް ގެނެވުނުއިރު އޭގެ ނުބައި ހަގީގަތްތަކެއް ދައުރުވަމުންދާނީ. އެހެންވީމާ އެކަމުގެ ހަގީގަތް ހާމަކުރުމުގެ ގޮތުން މިއަދު އަސްލު ބައެއް މައުލޫމާތުތައް ތަންކޮޅެއް ތަފްސީލުކޮށް މި ގެނެސްދިނީ."

ވިފާގު މަރުވި ދުވަހު ކަން ހިނގި ގޮތް

ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާއު ވިދާޅުވީ ވިފާގު ވެއްޓުމުގެ މައުލޫމާތު ފުލުހުންނަށް ލިބުނުއިރު ވެސް އައިޖީއެމްއެޗު ހޮސްޕިޓަލަށް އޭނާ ގެންގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން:

  • ވިފާގު ވެއްޓިފައިވަނީ އެ ދުވަހުގެ ހަވީރު 5:37ގައި؛ 30 މިނެޓުގެ ތެރޭގައި އޭނާ ވެއްޓިފައި އޮތް ޕިކަޕުގައި ހޮސްޕިޓަލަށް ގެންގޮސްފައިވޭ

  • ވެއްޓުމުގެ ސަބަބުން ލިބިފައިވާ ބޮޑެތި ޒަހަމުތަކެއް ވިފާގުގެ ހަށިގަނޑުގައި ހުރި

  • އެޕާޓްމަންޓުގެ ބެލްކަނީގައި ގޮނޑިއެއް ހުރި އަދި ސައިބޮއިފައި ހުރި ޖޯޑެއް ބެލްކަނީ ފާރުމަތީގައި ހުރި؛ ގޮނޑީގައި ވިފާގުގެ ފައިތިލައިގެ ތާޒާ ނިޝާނެއް ހުރި

  • ވިފާގު ވެއްޓިފައިވަނީ ގާތްގަނޑަކަށް 89 ވަރަކަށް ފޫޓު މަތިން އެ ގޭގެ 10 ވަނަ ފަންގިފިލާއިން

  • ވިފާގު ވެއްޓުނުއިރު އެއާޕޮޑަކާއި ފޯނެއް މަގުމައްޗަށް ވެއްޓުނު؛ ޕިކަޕު ތެރެއަށް އޭނާ ވެއްޓުނުއިރު އެއްވެސް ހަރަކާތެއް ނެތް

  • ވިފާގު ވެއްޓުނުތާ 3 މިނެޓު ތެރޭ ވިފާގުގެ މަންމަ ތިރިއަށް ފޭބި ތަން ސީސީޓީވީ ފުޓޭޖުން ފެނޭ؛ ވިފާގުގެ ފޯނު އެ ސަރަހައްދުން ނެގި މީހާގެ އަތުން އޭނާގެ މަންމަ އެ ފޯން އަތުލާފައިވޭ

  • ޕޭމަންޓުގައި އެ ވަގުތު ތިބި މީހުންނާ ވާހަކަތަކެއް ދެއްކުމަށް ފަހު އެމްޕީއެލް ގޭޓް ސަރަހައްދަށް ގޮސް އެ ސަރަހައްދުގެ ސައިކަލުމަތީ އިން މީހެއްގެ ފަހަތުގައި މާފަންނާވީ ކޮޅަަށް ދާ ތަން ފެނޭ؛ ވިފާގުގެ މަންމަ އެ ސައިކަލުގައި ދިޔައީ ހޮސްޕިޓަލަށް

ކޮމެންޓް (2)

ޖ ނާޒިމް

14 އޮކްޓޯބަރު 2024
މި ފުލުހުގެ އެކައުންޓް ޗެކްކޮށްލުން ރަނގަޅު.
2 0
އިބްރާހިމް Avatar

އިބްރާހިމް

14 އޮކްޓޯބަރު 2024
ވަރަށް އަންޕްރޮފެޝަނަލް ބްރީފިން އެއް. ޝޯޝަލް މީޑިޔާގައި ދައުރުވާ ވީޑިއޯ އާއި ހޮޅުއަށި ތަކުގައި ދެކެވޭ ވާހަކަތަކަށް ފުލުހުން ރިއެކްޓްކޮށް ، ފިޔަވަޅު އެޅުން އާންމުކަމަކަށް ހަދައިފި..
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް