މާލެ ސިޓީ ކައުންސިލުން ބޭއްވި ޖަލްސާގެ ތެރެއިން (ފޮޓޯ/ މާލެ ސިޓީ ކައުންސިލް)

ލާމަރުކަޒީ އިސްލާހު: 2،000 އިން ކުޑަ އާބާދީތަކަށް 3 ކައުންސިލަރުން؛ މާލެއަށް 16

ތިން ކައުންސިލަރުން ތިބޭ ރަށެއްގައި އެކަކު އަންހެން ކައުންސިލަރަކަށް އަދި ފަސް ކައުންސިލަރުން ތިބޭ ރަށްތަކުގައި އަންހެނުންނަށް ދެ ސްލޮޓް ހިމެނުމަށް އިސްލާހުގައި ހިމަނާފައިވޭ

ދެހާސް މީހުންނަށް ވުރެ ކުޑަ އާބާދީތަކަށް ތިން ކައުންސިލަރުން އަދި އެއަށް ވުރެ ބޮޑު އާބާދީތަކަށް ފަސް ކައުންސިލަރުން ތިބޭ ގޮތަށް، ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ. އޭގެ އިތުރުން، މި އިސްލާހުގައިވާ ގޮތުން ފުވައްމުލައް ފިޔަވައި ސިޓީތަކުގެ ކައުންސިލަރުންގެ ގޮތުގައި ތިބޭނީ މަޖިލީހުގައި އެ ސިޓީއެއް ތަމްސީލުކުރާ ދާއިރާގެ އަދަދަށެވެ.

ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވި ފަލާހު، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ތަފްސީލު - ލާމަރުކަޒީ ގާނޫނުގެ 24 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން:

  • 3،000 މީހުންނަށް ވުރެ އާބާދީ ކުޑަ ރަށްތަކުގައި އިންތިހާބު ކުރަން ޖެހެނީ ފަސް ކައުންސިލަރުން؛ އޭގެ ތެރެއިން އެއް ކައުންސިލަރަކީ އަންހެނަކަށް ވާން ޖެހޭ

  • 3،000 އިން މަތީގެ އާބާދީތަކުގައި ތިބޭނީ ހަތް ކައުންސިލަރުން؛ އޭގެ ތެރެއިން ތިން އަންހެނުން އިންތިހާބު ކުރަން ޖެހޭ

އެ މާއްދާއަށް ފަލާހު ހުށަހެޅުއްވި އިސްލާހުގައި އޮތީ، 2،000 މީހުންނަށް ވުރެ ކުޑަ އާބާދީތަކުގައި ތިން ކައުންސިލަރުން އަދި އެއަށް ވުރެ އާބާދީ ބޮޑެތި ރަށްތަކުގައި ފަސް ކައުންސިލަރުން ތިބޭ ގޮތަށް ހެދުމަށެވެ. އެގޮތުން:

  • ފަސް ކައުންސިލަރުން ތިބޭ ރަށެއްގައި އަންހެނުންނަށް ހާއްސަ ވަނީ އެއް ސްލޮޓް

  • ތިން ކައުންސިލަރުން ތިބޭ ރަށެއްގައި އަންހެނުންނަށް ހާއްސަކުރަނީ ދެ ސްލޮޓް

މާލެ ކައުންސިލަރުންގެ އަދަދު 19 އިން 16އަށް

ގާނޫނުގެ 41 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން، 10،000 އާއި 30،000އާ ދެމެދުގެ ސިޓީއެއްގެ އާބާދީއަކަށް ހަތް ކައުންސިލަރުން އިންތިހާބުކުރަން ޖެހެ އެވެ. އަދި 30،000 އާއި 60،000އާ ދެމެދުގެ އާބާދީތަކުގައި 13 ކައުންސިލަރުން އިންތިހާބު ކުރަން ޖެހޭއިރު، 60،000 އިން މަތީ އާބާދީތަކަށް 19 ކައުންސިލަރުން ތިބެން ޖެހެ އެވެ.

ގާނޫނުގައި އެހެން އޮތުމުން، މާލެ ސިޓީ ކައުންސިލްގައި މިހާރު ތިބެނީ 19 ކައުންސިލަރުންނެވެ. ފަލާހުގެ އިސްލާހުގައި މާލެ ކައުންސިލަރުން މަދު ކުރުމަށް ހިމަނާފައިވެ އެވެ. އެގޮތުން އިސްލާހުގައި ބުނީ:

  • މާލެ ސިޓީ އެކުލެވިގެންވަނީ ކައުންސިލްގެ މޭޔަރުގެ އިތުރުން، ގާނޫނުގެ ދަށުން އިންތިހާބު ކުރުން ލާޒިމްވާ އަންހެން މެންބަރުން ހިމެނޭ ގޮތަށް ގާނޫނުއަސާސީ އާއި ގާނޫނުގެ ދަށުން މާލެއަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ އެއް އަދަދެއްގެ ގޮނޑީގެ ނިސްބަތުން އިންހާބު ކުރާ މެންބަރުންގެ މައްޗަށް ކަމަށް

މިހާރު މަޖިލީހުގައި މާލެ ދާއިރާތަކުގެ އަދަދަކީ 16 އެވެ. އެހެންކަމުން، ސަރުކާރުން ހުށަހެޅި މި އިސްލާހުގެ ނަތީޖާއަކީ މާލެ ސިޓީ ކައުންސިލަރުންގެ އަދަދު 19އިން 16އަށް މަދުވުމެވެ.

މީގެ އިތުރުން، ފުވަމުލަކު ސިޓީ ކައުންސިލްގެ މެންބަރުންގެ އަދަދަކީ، އިސްލާހުގައިވާ ގޮތުން، މޭޔަރާ އެކު ނުވަ ކައުންސިލަރުންނެވެ. 

މި އިސްލާހުގައި ދެން ހުރި ސިޓީތަކުގައި ކައުންސިލަރުންގެ އަދަދު ސީދާ ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް މިހާރު ގާނޫނު އޮތް ގޮތުން އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އާއި މީދޫ ވަކިވުމުން އެ ސިޓީގައި ޖުމްލަ ކައުންސިލަރުންގެ އަދަދު ދެން މަދުވާނެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ސަރުކާރުން މިއަދު ވަނީ އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ވެސް އިސްލާހު ހުށަހަޅާފަ އެވެ. އެހެންވެ، ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގައި ގާނޫނުގައި އަތޮޅު ކައުންސިލްއަށް ހާއްސަކޮށްފައިވާ މުޅި ބާބާއި އެ އަތޮޅު ކައުންސިލްއާ ގުޅޭ އެންމެހާ މާއްދާތަކެއް ގާނޫނުން އުނި ކުރުމަށް ހިމަނާފައިވެ އެވެ.

ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލް އުވާލާ ގޮތަށް ގާނޫނު އިސްލާހު ކުރާތީވެ، ލޯކަލް ކައުންސިލްތަކުގެ ގާނޫނުގައި މިކަމާ ގުޅޭ މާއްދާތަކަށް ވެސް އިސްލާހު ކުރުމަށް ބިލެއް މިއަދު ހުށަހަޅާފައިވެ އެވެ. އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ފުވަމުއްލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ.

ކޮމެންޓް (3)

ވާނުވާ މީހާ

17 ނޮވެމްބަރު 2025
ތަފާތު ކުރުން އިންތިހާ.އަންހެން ކައުންސިލަރުން ވަކި ހާއްސަ ކުރަން ޖެހެނީ ކީއްވެ. ކޮންމެ މީހަކުވެސް ކުރިމަތިލީމަ ރައްޔިތުން ބޭނުން ބަޔަކައް ވޯޓް އަޅާނީ.ސުކުރު
0 1

ސިކުނޑި

16 ނޮވެމްބަރު 2025
ފަލާހުމެންނަކީ، 3 ޖުމުލައިގެ ޕެރެގްރާފެއް ކިޔައި ނިމޭއިރު ފުރަތަމަ ޖުމްލައިގައި ބުނާއެއްޗެއް ހަނދާން ނުހުންނަ މީހުން! ސިޔާސީ މީހުންނަށް ހަޅޭލަވައިދޭ މީހުން! ޓައީ އަޅާފަ އައިނެއް އެޅިޔަކަސް ލުނބޯގަހަކުން އޮރެންޖެއް ނުކެނޑޭނެ!!
2 1

ސިކުނޑި

16 ނޮވެމްބަރު 2025
މިމީހުން ކަންކަން ކުރާގޮތާއި މާނަ ކުރާގޮތް މާމޮޅީ އެހެންޏާ ވާނުވާ ނޭނގެނީ! ގާނޫނު އަސާސީއަށް ގެންނަ އިސްލާހާއި ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހު ދިމާވާނެކަމަކަށް ނުފެނޭ! ކުރިން ބުނި އެތި ކެންސަލްކޮށްފަ އަލުން ޕެޗެއް އަޅަންޖެހޭނެ! އެއްކަމެއްގައި 6 މަސް ދުވަހުގެ ތެރޭގައި ދެ ގޮތަކަށް ގާނޫނު އަސާސީ ބަދަލު ކުރުމަކީވެސް ވާނުވާ ނޭނގޭކަމުގެ ނުވަތަ ޖާހިލުކަމުގެ މިސާލެއް!!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް