އެމްޑީޕީން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ އަހްމަދު އަޒްމީ)

އެމްޑީޕީ

ކައުންސިލަރުންގެ އަދަދު މަދުކުރަން އެމްޑީޕީ ދެކޮޅުކަން ހާމަކޮށްފި

އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުުކުރަނީ ރަށް ހިންގުމުގެ ބާރު އަނބުރާ މައި ސަރުކާރަށް ނަގަން ކަމަށް

ކައުންސިލްތައް ކުޑަ ކުރަން އުޅެނީ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށާއި އެކަމަށް އެއްބަހެއް ނުވެވޭނެ ކަމަށް ވިދާޅުވެ ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެކޮޅު ހަދައްވައިފި އެވެ. 

ވީ ކިހިނެއް؟ - ރޭ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު ވަނީ ކައުންސިލްތަކުގެ ސައިޒު މިހާރު މާބޮޑު ކަމަށް ވިދާޅުވެ ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު މި ސަރުކާރުން ގެންނަން މަޖިލީހަށް ހުށަހަޅުއްވާނެކަން ހާމަ ކުރައްވާފަ އެވެ. 

އެއާއެކު ރައީސްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އެމްޑީޕީގެ ރައީސް ޝާހިދު ވަނީ ރޭ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - އެކްސްގައި ކުރެއްވި އެ ޕޯސްޓްގައި ޝާހިދު ވިދާޅުވީ ސަރުކާރުން ރަށު ކައުންސިލަރުންގެ އަދަދު މަދުކުރަން މަސައްކަތް ކުރަނީ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށެވެ. އަދި ކައުންސިލްތައް ކުޑަކުރުމުގެ ވާހަކަ ރައީސް ދައްކަވަނީ ރަށްރަށުގެ ހާލަތު ރަނގަޅަށް ނޭނގި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. 

"ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާ ވެސް ރަށްރަށުގެ އާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެ ފިނި ކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ،" މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

ދައުލަތުގެ ކަންކަން ހިންގަންނޭންގިގެން ގައުމު ބަނގުރޫޓުގެ މަގަށް ފުރޮޅެން ފެށީމާ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަކީ ގޮތެއް ނޫން."

ފަސް މަންޒަރު - ރޭ ރައީސް ވިދާޅުވީ، ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމަކީ، ރައްޔިތުންގެ އަތުގައި އޮންނަ ބާރުތައް ދޫކޮށްލުން ނޫން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ: 

  • ކައުންސިލުތަކަށް ރައީސްއަކާއި ނައިބު ރައީސްއަކު ހޮވުމުން އާބާދީގެ ކުދި ރަށްތަކަށް ފުދޭނެ 

  • އާބާދީގެ ގޮތުން ބޮޑު ރަށްތަކާއި، ސިޓީތަކަށް ސައިޒު ތަންކޮޅެއް ބޮޑުކޮށްލެވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި

  • އަތޮޅު ކައުންސިލްތައް މިހާރު އިންތިހާބު ކުރާ ގޮތަކީ ވެސް އެއްވެސް މާނައެއް އޮތް ގޮތަށް ކުރާ ކަމެއް ނޫން ކަމަށާއި އަތޮޅު ކައުންސިލްތައް އުފެދިފައިވާ ގޮތަށް ވެސް ބަދަލު ގެންނާނެ ކަމަށް ވިދާޅުވި

އެނގުން މުހިންމު - ކައުންސިލަރުންގެ އަދަދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުޑަކޮށްފައި އޮއްވާ، އަނެއްކާ ވެސް އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، އެ އަދަދު ބޮޑު ކުރީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި އެ އިސްލާހާ އެކު ކައުންސިލަރުންގެ މުސާރަ ވެސް އޭރު ބޮޑު ކުރި އެވެ. އެގޮތުން:

  • ކިތަންމެ އާބާދީ ކުޑަ ރަށެއް ވިޔަސް މަދުވެގެން ފަސް ކައުންސިލަރުން ތިބޭ ގޮތަށް ހެދި

  • ބޮޑެތި އާބާދީތަކުގައި ރަށްތަކުގައި ހަތް ކައުންސިލަރުން ތިބޭ ގޮތަށް ހެދި

  • ކޮންމެ ކައުންސިލެއްގެ %33 އަންހެނުނަށް ހާއްސަކުރި؛ އެއީ، ފަސް މެންބަރެއްގެ ކައުންސިލެއްގައި ދެ އަންހެނުން އަދި ހަތް މެންބަރުންގެ ކައުންސިލެއްގައި ތިން އަންހެނުން

ޝާހިދަށް އަބްދުއްރަހީމްގެ ރައްދެއް

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓަށް މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ރައްދު ދެއްވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި  ވިދާޅުވީ، ލާމަރުކަޒީ ނިޒާމްގެ ފޮނި މީރުކަން ރައްޔިތުންނަށް ހޯދައިދޭނީ ރައީސް މުއިއްޒުގެ ސަރުކާރުން ކަމަށެވެ.

"ގައުމު ހިންގަން ނޭނގި ފިނި ކޮޓަރީގައި ތިބެ ގައުމު ބަނގުރޫޓްކޮށްލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭތީ ރައްޔިތުން ނުކުމެ [އަބްދުﷲ ޝާހިދު]  މަނިކުފާނުމެންގެ ވެރިކަން ނިމުމަކަށްގެނަްއީ،" ޝާހިދަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޑރ.މުއިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ހިންގާ ރައްޔިތުންގެ ސަރުކާރެއް."

ކޮމެންޓް (4)

ނުހަނު

8 ޖުލައި 2024
ކައުންސިލްތަކާއި ނުކުޅޭތި.
0 0

ހިތަދޫ 2

8 ޖުލައި 2024
ދެން ޝާހިދުމެން ތިބޭ ހަމަޖެހިގެން، ގައުމް ހިނގާތަން ބަލަން. އިނޑިޔާއިން ބިލިއަނުން ލޯން ނަގައިގެން ނެތް ފެންވަރުން ޑިމޮކްރެސީ ހެދެން އުޅެގެން އަތަށް ގޮވީ ސޯލިހް.
1 0

އައްޑާ

8 ޖުލައި 2024
ޤައުމަށް ހެޔޮއެދޭ ބައެއް ނަމަ، ނިޒާމީ މިފަދަ މުހިއްމު ބަދަލުތަކަށް އެމް.ޑީ.ޕީ އިން ފުރިހަމައަށް ތާއީދުކުރަންޖެހޭ. ފަސް، ހަތް ކައުންސިލަރުން ތިބެގެން ނޫން ލާމަރުކަޒީ ނިޒާމު ހިންގޭނީކީ
3 1

އަފުން

8 ޖުލައި 2024
ގައުމަށް ރަނގަޅެއްވާނެ އެއްވެސް ކަމަކަށް ތި އެމްޑީޕީގެ ތާއީދެއް ނުލިބޭނެ.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް