ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން: ލޯކަލް ކައުންސިލްތައް ކުޑަކުރަން ސަރުކާރުން ނިންމައި އެ އިސްލާހުތައް މަޖިލީހަށް ފޮނުވަން އަންނަނީ މަސައްކަތް ކުރަމުން (ފޮޓޯ/ މަޖިލިސް)

ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނު އިސްލާހުކުރަނީ

އާބާދީ ކުދި ރަށްތަކަށް ކައުންސިލް ރައީސްއަކާއި ނައިބު ރައީސްއެއް އިންތިހާބު ކުރުމުން އެފަދަ ރަށްތައް ހިންގަން ފުދޭނޭ ކަމަށް ރައީސް ވިދާޅުވި

ލޯކަލް ކައުންސިލްތަކުގެ ސައިޒު މިހާރު މާބޮޑު ކަމަށާއި ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލު މި ސަރުކާރުން ގެންނަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ޕީއެންސީ ހަރުގޭގައި މިރޭ ބާއްވަމުން ދާ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލަރުންގެ އަދަދު މަދުކުރުމާ ބެހޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. 

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ ކައުންސިލުތަކުގެ ސައިޒު ކުޑަކުރުމަކީ، ރައްޔިތުންގެ އަތުގައި އޮންނަ ބާރުތައް ދޫކޮށްލުން ނޫން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި: 

  • ކައުންސިލުތަކަށް ރައީސްއަކާއި ނައިބު ރައީސްއަކު ހޮވުމުން އާބާދީގެ ކުދި ރަށްތަކަށް ފުދޭނެ 

  • އާބާދީގެ ގޮތުން ބޮޑު ރަށްތަކާއި، ސިޓީތަކަށް ސައިޒު ތަންކޮޅެއް ބޮޑުކޮށްލެވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވި.

"މި ގެންނަ ބަދަލުން އަޅުގަނޑުމެންނަށް މި ސަލާމަތްކުރެވޭ ހަރަދު ވެސް ބޮޑު. އޭރުން މި ސަލާމަތްވާ ހަރަދުން މައުނަވީ ތަރައްގީއަށް އުމްރާނީ ތަރައްގީއަށް އިޖުތިމާއީ ތަރައްގީއަށް އަޅުގަނޑުމެންނަށް ހަރަދު ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ. 

ތަފްސީލް - އަތޮޅު ކައުންސިލްތައް މިހާރު ހޮވާ ގޮތަކީ ވެސް އަދި ހާއްސަކޮށް އަތޮޅު ރައީސް ހޮވާ ގޮތަކީ ވެސް މާނައެއް އޮތް ގޮތަކަށް ކުރާ ކަމެއް ނޫންކަން ރައީސް މުއިއްޒު މިރޭ ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްގެ ޖަލްސާއެއް ވިޔަސް މިހާރު ބާއްވަން ޖެހެނީ އޮންލައިންކޮށް ކަމަށެވެ. އަދި އެގޮތަށް ވަނީ ކޮންމެ ރަށެއްގެ ރައީސް އަތޮޅު ކައުންސިލްގައި ހުންނަވަން ޖެހޭތީ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތް ވެސް ގާނޫނަށް ގެންނަ ބަދަލުގެ ތެރެއިން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް (2)

ކިލަމަން

8 ޖުލައި 2024
އިތުރު ކުރަނީ. މއަދުވެސް ޑިޕިއުޓީން އެބަލާ. 20 ޑެޕިއުޓީން ސޯޝަލް މީޑިއާ ޕޯސްޓުޖަހަން. 5 ކައުންސިލަރުން ރަށެއްގަ ތިބީމަ މައްސލަ. ރަށްރަށުގަ މާގިނަ ވަޒީފާއެއް ނުހުރޭ. މާލޭއަށް މީހަކު ނުގޮސް ހިފެހެއްޓެނީ މިފަދަ ގޮތަކުން. މިނިސްޓްރީތަކުގަ މަސައްކަތް ނުކުރާ ސިޔާސީ ސޮހޮލުންކޮޅު ބޭރުކުރަންވީ ޚަރަދުކުޑަކުރަން
0 0

ސިކުނޑި

8 ޖުލައި 2024
ޚަރަދު ކުޑަ ކުރުމުގެ ބަހަނާގައި އެއްވެސް އަސާސެެއްނެތި ދުސްތޫރީ ކަންކަން ބަދަލުކުރުމަކީ އެހާ ބުއްދިވެރި ގޮތެއްނޫން! ޚަރަދު ކުޑަކުރާނަމަ، ސިޔާސީ މަގާމުތައް މަދުކޮށް ހިންގުމުގެ ޚަރަދު ކުޑަ ކުރާށެވެ. އެކަން ކުރަން ސަރުކާރަށް ނުކެރޭނަމަ ޓެކްސް ބޮޑު ކުރާށެވެ. ހަދާނެގޮތެއް ނޭނގިގެން މުޅި ސިސްޓަމް ފުށްގަނޑެއްހެން މޮޑުމަކީ ނުރައްކާކަމެއް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް