މާލޭގެ މޭޔަރު ކަމުގެ މަގާމަށާއި ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މީހުން ހޮވުމަށް ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި ބޭފުޅުން ހުވާކުރެއްވުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/ރައީސް އޮފީސް)
ކައުންސިލަރުން މަދުކުރިޔަސް ރައްޔިތުންގެ ބައިވެރިވުން ކުޑައެއް ނުވާނެ: ރައީސް
ރަށްރަށުގެ ކައުންސިލްގައި ތިބޭ ކައުންސިލް މެންބަރުންގެ އަދަދު މަދުކޮށް، ލާމަރުކަޒީ ނިޒާމަށް ބަދަލު ގެންނަން މި ސަރުކާރުން ވިސްނިޔަސް، އޭގެ ސަބަބުން ރައްޔިތުންގެ ބައިވެރިވުން ކުޑަނުވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ މިއަދު މާލޭ ސިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި ކައުންސިލަރުންގެ އަދަދު މަދުކުރަން އުޅެނީ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށް އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
ކައުންސިލްތައް ކުޑަކުރާއިރު، 3،000އަށް ވުރެ އާބާދީ ކުދި ރަށްރަށަށް، މިހާރު ތިއްބަވާ ފަސް ބޭފުޅުންގެ ބަދަލުގައި ތިން ކައުންސިލަރުން ހަމަޖެއްސުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދުކުރިޔަސް އެއިން ރައްޔިތުންނަށް ލިބޭނެ ދެރައެއް ނޯންނާނެ ކަމަށާއި މިހާރަށް ވުރެ ފުރިހަމައަށް ލާމަރުކަޒީ ނިޒާމް ބައްޓަން ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ ނިޒާމެއް ލާމަރުކަޒީ ނިޒާމަކީ. ހަމައެކަނި މިހާރު ބޭނުންވެގެން މިއުޅެނީ މި ނިޒާމުގެ އެފިޝެންސީ އިތުރުކުރަން. ކުރިއަށް އޮތް ތަނުގައި ކުރަންހުރި ކަންކަން މިހާރަށް ވުރެ ފުރިހަމަ ކުރުމުގެ ކަންތައްތަކެއް ގާނޫނަށް ގެންނަން ގެންނަން ބޭނުންވާ އިސްލާހުތަކެއްގެ ވާހަކަ، އެ މަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ ރިޕްރެޒެންޓޭޝަން އެންމެ ތަންކޮޅެއް ވެސް ކުޑަވާކަށް ބޭނުމެއް ނޫން. ރައްޔިތުންގެ ރެޕްރެޒެންޓޭޝަން އޮވެގެން، އެހެން ނަމަވެސް މިހާރަށް ވުރެ ތަންކޮޅެއް ބަރުހެލިކަން ކުޑަ، ބައެއް ރަށްރަށުގައި މިހާރަށް ވުރެ ސައިޒުން ތަންކޮޅެއް ކުޑަވާން."
ފާހަގަކޮށްލެވޭ - ކައުންސިލަރުންގެ އަދަދު މަދުކުރުމާ ގުޅޭ ގޮތުން ރައީސް ކުރިން ވިދާޅުވެފައި ވަނީ 3،000 ރައްޔިތުންގެ އާބާދީއަކަށް ތިން މެންބަރުން ފުދޭނެ ކަމަށާއި ރަނގަޅު ފެންވަރަކަށް ހިދުމަތް ދޭން ގިނަ މެންބަރުންތަކެއް ބޭނުންނުވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވެފައި ވަނީ:
-
މިހާރު ކައުންސިލަރުންގެ އަދަދަކީ، މާލީ ގޮތުން ބުރަ ބޮޑުކޮށް އޮތް، ނަތީޖާާ އޭގެ އެންމެ އެދެވޭ ގޮތުގައި ނެރެވޭ ގޮތަށް އޮތް ނިޒާމެއް ނޫން
-
އަމާޒަކީ ކައުންސިލަރުންގެ އަދަދު ކުޑަކޮށްގެން ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅަށް ދިނުން
"އަދަދަކުން ވާ ކަމެއް ނޫން މިއީ. ހިދުމަތް ދެވޭ ގޮތް ފުރިހަމަ ކުރަން މި ޖެހެނީ، ހިދުމަތް ދިނުމުގައި އިހްލާސްތެރިވާން މި ޖެހެނީ، ހިދުމަތް ދިނުމުގައި ތެދުވެރިވާން މި ޖެހެނީ، ހީވާގި ވާން މި ޖެހެނީ. އެކަން ކުރާކަށް ބައިބޯކުރާކަށް ނުޖެހޭ،" އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
އެނގުން މުހިންމު - ކައުންސިލަރުންގެ އަދަދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުޑަކޮށްފައި އޮއްވައި އަނެއްކާވެސް އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް، އެ އަދަދު ބޮޑު ކުރީ 20
-
ކިތަންމެ އާބާދީ ކުޑަ ރަށެއް ވިޔަސް މަދުވެގެން ފަސް ކައުންސިލަރުން ތިބޭ ގޮތަށް ހެދި
-
ބޮޑެތި އާބާދީތައް ހުރި ރަށްރަށުގައި ހަތް ކައުންސިލަރުން ތިބޭ ގޮތަށް ހެދި
-
ކޮންމެ ކައުންސިލެއްގެ %33 އަންހެނުނަށް ހާއްސަކުރި؛ އެއީ، ފަސް މެންބަރުންގެ ކައުންސިލެއްގައި ދެ އަންހެނުން އަދި ހަތް މެންބަރުންގެ ކައުންސިލެއްގައި ތިން އަންހެނުން