ރައީސް މުހައްމަދު މުއިއްޒު މިދިޔަ ޖެނުއަރީގައި ހުވަދު އަތޮޅުގެ ނުވަ ރަށަކަށް ކުރެއްވި ދަތުރުގެ ތެރެއިން ގދ. (ފޮޓޯ/ ރައީސް އޮފީސް)

އަތޮޅު ކައުންސިލް އުވާލަން ގާނޫނުއަސީއަށް އިސްލާހު ހުށަހަޅައިފި

މި އިސްލާހުގައިވާ ގޮތުން، މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްގެ ދައުރު ހަމަވަންދެން އެ ކައުންސިލްތައް ދެމި އޮންނާނެ

ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލައި އެ އިންތިހާބުގައި އަތޮޅު ކައުންސިލަރުން އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިއްޔެ އިސްލާހު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

ތަފްސީލު - ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައިވާ ގޮތުން، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނެ އެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްއާ އެކު އެ ކައުންސިލްގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން ކަމަށް ބަޔާން ކުރެ އެވެ.

ޝުޖާއު ހުށަހެޅުއްވި އިސްލާހަކީ ގާނޫނުއަސާސީގެ އެ އަކުރު އުނިކުރުމަށެވެ. އޭގެ ނަތީޖާއަކީ، ދެން އަތޮޅު ކައުންސިލްތައް އުވުމެވެ.

ނަމަވެސް އިސްލާހުގައިވާ ގޮތުން، މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތައް ދައުރު ހަމަވަންދެން ދެމި ތިބޭނެ އެވެ. އެހެންކަމުން، މި އިސްލާހު ފާސްވެއްޖެ ނަމަ، މިހާރު އޮތް އަތޮޅު ކައުންސިލްތަކަކީ މި ގާނޫނުއަސާސީގެ ދަށުން އެންމެ ފަހު އަތޮޅު ކައުންސިލަށް ވާނެ އެވެ.

މި ބިލު ސަރުކާރުގެ ފަރާތުން ސްޕޮންސާ ކުރެއްވި ބާރަށު ދާއިރާގެ މެންބަރު ޝުޖާއު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ފާހަގަކޮށްލެވޭ ކަމެއް - އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވާއިރު، ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް ވެސް އިއްޔެ ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

އަތޮޅު ކައުންސިލްތައް އުވާލައި ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކުޑަކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އެކި ފޯރަމްތަކުގައި މީގެ ކުރިން ވާހަކަފުޅު ދައްކަވާފައިވެ އެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުން، އެކަން ކުރުމުގެ ބޭނުމަކީ ހަރަދު ކުޑަ ނަތީޖާ ނެރެވޭ ނިޒާމަކަށް ލާމަރުކަޒީ ނިޒާމް ހެދުން ކަމަށެވެ.

ގުޅުން ހުރި - ޝުޖާއުގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލުގައި ދެން ހިމެނެނީ މެންބަރުންގެ ގޮނޑި ގެއްލުމުގެ ކުރިން ދާއިރާގެ ރައްޔިތުންގެ ވޯޓެއް ނަގާ ގޮތަށް ހެދުމެވެ. އެގޮތަށް ވޯޓު ނަގަނީ މެންބަރު އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވެގެން ނުވަތަ ޕާޓީ ބަދަލުކޮށްގެން ނުވަތަ ޕާޓީން އޭނާ ވަކިކުރާ ހާލަތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް