ރައީސް މުހައްމަދު މުއިއްޒު ޅ. އޮޅުވެލިފުއްޓަށް ވަޑައިގަތުމުން އެ ރަށުން ބަޔަކު މަރުހަބާ ކިޔަނީ (ފޮޓޯ/ ރައީސް އޮފީސް)
އަތޮޅު ކައުންސިލް އުވާލައިގެން ސަލާމަތްވާ ފައިސާ ރަށު ކައުންސިލްތަކަށް ބަހާނަން: ރައީސް
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލާނެ ކަމަށާއި އުވާލައިގެން ސަލާމަތްވާ ފައިސާ އެ އަތޮޅެއްގެ ރަށްރަށުގެ ކައުންސިލްތަކަށް ބަހާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ކުޑަކޮށް، އަތޮޅު ކައުންސިލް އުވާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް މުއިއްޒު އެކި ފޯރަމްތަކުގައި މީގެ ކުރިން ވާހަކަފުޅު ދައްކަވާފައިވެ އެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން ހުށަހަޅުއްވާނެ ވާހަކަ އަނެއްކާވެސް އެ މަނިކުފާނު ދެއްކެވީ، މިއަދު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުށީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލަނީ ރަނގަޅު ވިސްނުމެއްގައި ކަމަށާއި އަތޮޅު ކައުންސިލްތައް އުވާލައިގެން ސަލާމަތްވާ ފައިސާ ހޭދުކުރުމަށް ވެސް ސަރުކާރުން ވިސްނަނީ ހަމަ އެ އަތޮޅެއްގެ މުހިންމު ކަންކަމަށް ކަމަށެވެ.
"އަތޮޅު ކައުންސިލް އުވާލީމައި މި ލިބޭ ފައިސާ އަޅުގަނޑުމެން މި ބަހާލަނީ ހަމަ ރަށްރަށުގެ ކައުންސިލްތަކުގެ ބަޖެޓްގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ކުރަން،" ރައީސް ވިދާޅުވި އެވެ.
އެ ފައިސާ ރަށު ކައުންސިލްތަކުގެ ބަޖެޓުގައި ހިމެނުމަށް ފަހު، ވަކި އިޖުތިމާއީ ހިދުމަތްތަކަށް އެ ފައިސާ ހަރަދުކުރުމަށް ލާޒިމުކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުންގެ ތެރޭގައި ތިބި، ވަލްނަރަބަލް [ނިކަމެތި] ނުވަތަ އެހީ ބޭނުންވާ މީހުންނަށް، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭން، ނުވަތަ އެމަޖެންސީ ކަންކަމަށް، މިފަދަ އިޖުތިމާއީ ހިދުމަތްތަކަށް ހޭދަކުރަން ލާޒިމުވާ ގޮތަށް ކައުންސިލްތަކަށް މި އިތުރުވާ ބަޖެޓް އަޅުގަނޑުމެން މި ހަމަޖައްސަނީ،" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން މިދިޔަ އަހަރުތަކާ އަޅާ ބަލާއިރު، އަންނަ އަހަރުން ފެށިގެން ރަށު ކައުންސިލްތަކަށް ލިބޭ ބަޖެޓް އިތުރުވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އިތުރުވާ ބަޖެޓުން ކައުންސިލްތަކުން ހަރަދުކުރަމުން ދާނީ، އާންމު ރައްޔިތުންނަށް ދޭން ޖެހޭ އިޖުތިމާއީ ހިދުމަތްތަކަށް ޔަގީންކުރަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކައުންސިލްތަކަށް ގާނޫނުން ލާޒިމުކޮށްފައި އޮންނަ ކަމެއް އެއީ ރައްޔިތުންނަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުން. އެ ކަން މި އިތުރުވާ ބަޖެޓުން ކަށަވަރުކުރެވޭ ގޮތަށް އެ ބަޖެޓެއް ދޫކުރަމުން ދާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކޮމެންޓް (2)
ތެފައާސާ.
ސިކުނޑި