ރައީސް މުހައްމަދު މުއިއްޒު އާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް ރަސްމިއްޔާތެއްގައި؛ އަތޮޅު ކައުންސިލްތައް އުވާލުމަށް ދަނީ މަސައްކަތް ކުރަމުން - (ފޮޓޯ/ ރައީސް އޮފީސް)
ސިވިލް ސާވިސްގެ ޒިންމާއެއް ގޮތަށް، އަތޮޅުތަކުގެ ހިންގުން މައި ސަރުކާރަށް
ރާއްޖެ ބެހިފައިވަނީ ގުދުރަތީ ގޮތުން އުފެދިފައިވާ 26 އަތޮޅުގެ މައްޗަށެވެ. ހިންދު މާ ކަނޑު ތެރޭ އުތުރުން ދެކުނަށް 510 މޭލަށް ފެތުރިފައި އޮންނަ ޖަޒީރާ ގައުމެކެވެ. އިހަވަންދިއްޕޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް، ކޮންމެ ގުދުރަތީ އަތޮޅެއްގައި މީހުން ދިރިއުޅެ އެވެ.
އަތޮޅަކީ ރާއްޖޭގެ ހިންގުމުގެ ސަގާފަތުގެ އެއް ބަޔެކެވެ. އިދާރީ ގޮތުން ރާއްޖެ ހިންގުމުގެ ފަސޭހައަކަށް މުޅި ރާއްޖެ 20 އަތޮޅަކަށް ބަހާލައިގެން ހިންގާތާ ޒަމާންތަކެއް ވެއްޖެ އެވެ. އަތޮޅު ހިންގުމުގެ ބޭނުމުގައި ސަރުކާރުން އަތޮޅުވެރިން ބެހެއްޓި ޒަމާނެއް ވެސް ދިޔަ އެެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ޖެހޭ ކަމަށް ފެހި ގާނޫނުއަސާސީން ކަނޑައެޅި ފަހުން ވެސް މިހާ ހަމައަށް ރާއްޖެ ހިންގަމުން ދަނީ އެ ވިސްނުމުގެ މަތީގަ އެވެ. ހަތް ވަރަކަށް ޕްރޮވިންސްތަކެއް ހެދުމުގެ ވިސްނުމެއް އޭރު އެމްޑީޕީގެ ސަރުކާރުން ގެންގުޅުނު ނަމަވެސް ޑީއާރުޕީގެ މެޖޯރިޓީ އޮތް މަޖިލީހާއި އާންމުންގެ އެކި ވިސްނުންތަކާއެކު ކުރިއަށް ނެރުނީ ހަމަ އެއްކަލަ 20 އަތޮޅަށް ބެހިގެން ރާއްޖެ ހިންގުމުގެ ވިސްނުމަށެވެ.
ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރަން ވެރިކަމަށް ވަޑައިގެން ރައީސް މުހައްމަދު މުއިއްޒަށް އަތޮޅު ކައުންސިލްތައް ހުރުމުގެ ބޭނުމެއް ފެނިވަޑައިނުގަތެވެ. އެ މަނިކުފާނު ގަބޫލުކުރައްވަނީ އަތޮޅު ކައުންސިލްތަަކަކީ ރަށްރަށުގެ ރައްޔިތުންނަށް ބާރު ލިބެން ހުރަހަކަށް އޮތް ފަށަލައަކަށެވެ. އެ ފަށަލަ ނެތި ބާރު ދިނުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށެވެ.
"ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވޯޓުލާންދާ އިރު އަތޮޅު ކައުންސިލްއެއް ހޮވާކަށް ވޯޓުލާކަށް ނުޖެހޭނެ. އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރިވަނީ. އެއީ ކީއްވެގެންތޯ. އެއީ ކޮންމެ ރަށެއްގެ ރަށު ކައުންސިލް ސީދާ މަސައްކަތް ކުރާނީ ކަމާ ބެހޭ ވުޒާރާތަކާ ކުންފުނިތަކާ ޑައިރެކްޓްލީ" ރައީސް ވިދާޅުވި އެވެ.
ރައީސްގެ މި ވާހަކަފުޅާއެކު ސަރުކާރުން އަތޮޅުތައް އުވާލަން އުޅޭ ކަމުގެ އަޑު ވެސް ގަދަ އެވެ. ސަރުކާރުގައި ލޯކަލް ގަވަރުމަންޓް މިނިސްޓްރީއެއް އޮތް އިރު އެ ތަނުން އަތޮޅުތައް ހިންގާ ގޮތަށް އުޅޭ ކަމުގެ ވެސް އަޑުގަދަ އެވެ. ރައީސް ވިދާޅުވާހެން އަތޮޅު ކައުންސިލްތަކަކީ ބޭކާރު ތަނެއް ކަމާ މެދު ވެސް ބަހުސް ވަނީ ބޮޑު ވެފަ އެވެ.
އަތޮޅުތައް ދެން ހިންގާނީ ކިހިނެއް؟
އަތޮޅުގެ ވާހަަކަ ދައްކާއިރު މި ދެކެވެނީ ވަރަށް ގިނަ ވަސީލަތްތަކުގެ ވާހަކަ އެވެ. ގުދުރަތީ ރީތިކަން އިޝްތިހާރުކޮށްގެން އާމްދަނީ ހޯދާ ގައުމަކަށް އެންމެ މުހިންމު ވަސީލަތްތަކެވެ.
އަތޮޅެއްގައި މީހުން ދިރިއުޅޭ ރަށްރަށާ އެއްވަރަށް، ބައެއް އަތޮޅުތަކުގައި އެއަށްވުރެ ގިނައީ ފަޅު ރަށްރަށެވެ. ފަޅުތަކާއި ފަރުތަކެވެ. މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ލައްވާ ނުލާ ގޮތަށް ނޫނީ އެ ރަށްރަށާ ދުރުގައި ވެސް މިހެން ފަޅުތަކާއި ފަރުތަކާއި ރަށްރަށް އެބަހުއްޓެވެ.
މިހާރު އަތޮޅެއްގައި ހިމެނޭ މިފަދަ ވަސީލަތްތައް ބޭނުންކުރާނީ އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދައިގެން ސަރުކާރުންނެވެ. އަތޮޅު ކައުންސިލުން ނުރުހޭ ގޮތަކަށް ވެސް ސަރުކާރުތަކުން ކަން ކުރާތީ، އެ ދެބަސްވުމުގެ ހައްލަކަށް މިއައީ އަތޮޅު ކައުންސިލްތައް އުވާލުމެވެ. ދެން މި ވަސީލަތްތަކުގެ ގޮތް ނިންމާނީ ސަރުކާރުން ހެއްޔެވެ؟
ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފްއާ މި ސުވާލުކުރުމުން އޭނާ ވިދާޅުވީ އަތޮޅުތައް ހިންގުމުގެ ނިޒާމު ސަރުކާރުން އުވާނުލާނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އަތޮޅުތަކުގެ ވަސީލަތްތަކާ މެދު އަމަލުކުރާނެ ހަރުދަނާ އުސޫލުތައް ކަނޑައެޅޭނެ ކަމަށެވެ.
އެ އުސޫލުގެ ހަމައެކަނި ދެއްވި ތަފުސީލަކީ ސިވިލް ސާވިސް ކޮމިޝަނުން އަތޮޅުތައް ހިންގުމަށް ޓަކައި ސެކްރެޓަރީ ޖެނެރަލެއް އައްޔަންކުރަން ޖެހޭ ގޮތަށް ހަދާ ވާހަކަ އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން އަތޮޅުގައި މި ހުރި ވަސީލަތްތަކާއި މި ކަންކަން އިންތިޒާމު ކުރުމަށް ޓަކައި ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ސިވިލް ސާވިސް އޮނިގަނޑުގެ ތެރެއިން ބޭފުޅަކު އަތޮޅުގެ ކަންތައްތަކާ ހަވާލުވެގެން މަސައްކަތްކުރައްވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެ މަގާމަށް އައްޔަންކުރާ މީހެއްގެ ޒިންމާއަކަށް ވާނީ ރަށްރަށުގެ މީހުނާ ވާހަކަ ދައްކައިގެން ހުރިހާ ރަށެއްގެ މީހުނަށް ފައިދާވާނެ ގޮތަށް ސަރުކާރުގެ ވެސް މަޝްވަރާއާއެކީ އަތޮޅުގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ނިންމުމެވެ.
އަތޮޅު ކައުުންސިލަކީ ރައީސް ސިފަކުރައްވާ ފަދަ ފަށަލައެއް؟
މި ޝަކުވާ ބޮޑުކޮށް އުޅުނީ އެންމެ ފުރަތަމަ އަތޮޅު ކައުންސިލްތައް އުފައްދައިގެން އުޅުނު އިރުގަ އެވެ. އެއީ އޭރުގައި އަތޮޅު ކައުންސިލްގައި ރަނގަޅަށް ތަމްސީލްނުވާތީ އެވެ.
އޭރު އަތޮޅު ކައުުންސިލަކީ، ރައްޔިތުންގެ މަޖިލީހުގަައި އޭރަކު އެ އަތޮޅުގަައި ހިމެނޭ ކޮންމެ ދާއިރާއަކުން މެންބަރަކު އިންތިހާބުކުރާ ގޮތަށް އެކުލަވާލާފައިވާ ކައުންސިލެކެވެ. ކައުންސިލްގެ ރައީސް ހޮވަނީ ކައުންސިލަށް ހޮވޭ މެންބަރުން ތެރެއިން، އެ މެންބަރުން ވޯޓު ލައިގެނެވެ.
މިހާރު އަތޮޅު ކައުންސިލްގައި ތިބޭނީ އެ އަތޮޅުގައި ހިމެނޭ ހުރިހާ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުންނެވެ. އަދި ރިޔާސަތު ބަލަހައްޓަވާނީ މުޅި އަތޮޅުގެ މީހުން ވޯޓުލައިގެން އިންތިހާބުކުރާ އަތޮޅު ކައުންސިލްގެ ރައީސެވެ. އަތޮޅުގެ ވަސީލަތަކާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ، މި ކައުންސިލްގެ މެންބަރުންގެ ވޯޓުންނެވެ.
ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާގެ ޗެއާޕާސަން އަދި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު ކުރަން އެ އުޅޭ ކަމަކީ ރަށްރަށުގެ މެދުގައި ބައިބައިވުން ބާއްވައިގެން ސަރުކާރުގެ ބާރު ދެމެހެއްޓޭތޯ ކުރާ ކަމެކެވެ. "ޑިވައިޑް އެންޑް ކޮންކުއާ" ގެ ސިޔާސީ އުކުޅެއްގެ ގޮތުގައި އެ ކަން ސިފަކުރެއްވި އެވެ.
ބަޝީރު ވިދާޅުވީ ދިމާވެގެން އުޅޭ މައްސަލައަކީ ގާނޫނުއަސާސީ ތަސައްވުރުކުރާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒު ނުކުރުމެވެ. ރާއްޖޭގެ އިދާރީ ދާއިރާތަކަކީ އަތޮޅުތަކެވެ. ލޯކަލް ގަވަރުމަންޓަކީ އަތޮޅުތަކެވެ. އެކަމަކު އަތޮޅު ކައުންސިލްތަކަށް އިހުތިސޯސަކާއި، ޕްލޭނިން އޮތޯރިޓީއާއި، މާލީ މިނިވަންކަމެއް ދެވިފައެއް ނެތެވެ.
އޭގެ ބަދަލުގައި އަތޮޅު ކައުންސިލްތަކަށް މި އޮންނަނީ ރަށު ކައުންސިލްތައް މޮނިޓާކުރުމާއި ބެލެހެއްޓުމުގެ މަސްއޫލިއްޔަތެކެވެ. ބަޝީރު ގަބޫލުކުރައްވާ ގޮތުގައި ނިޒާމު ގަސްތުގައި ރާވާފައި އޮންނަނީ ވެސް ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާ ގުޅުން ގޯސްވާނެ ގޮތަށެވެ. ގުޅުމެއް ބާއްވަން ވެސް ދަތިވާނެ ގޮތަކަށެވެ.
"ރަށްރަށުގެ ކައުންސިލްތަކަށް އެހީތެރިކަމެއް ނުދެވޭ ގޮތަށް އަތޮޅު ކައުންސިލް ބާއްވާފައި، ރަށު ކައުންސިލްތައް ބަލަހައްޓަން އެންގުމުން އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލްތަކާ ދެމެދު ފްރެކްޝަނެއް އެބަ އުފެދޭ. މީހުން ބައިބައިކޮށްގެން ވެރިކަންކުރުމުގެ އުކުޅަކަށް ހަމަ ސީދާ އިންޖިނިއާކޮށްފައި،" ބަޝީރު ވިދާޅުވި އެވެ.
އެހެން ނަމަވެސް ބަޝީރު ގަބޫލުކުރައްވާ އެހެން ކަމެއް އެބަ އޮތެވެ. ރަށްރަށުގެ ކުރިއެރުމާއި ބާރުވެރިކަން ލިބެނީ ރަށްރަށް ގުޅިގެން މަސައްކަތްކޮށްގެނެވެ. އެ ރަށެއް ވަށައިގެން އޮތް ގުދުރަތީ ވަސީލަތްތަކުން އެ ރަށަކަށް ފައިދާ އާއި ނަފާ ލިބިގެނެވެ. އަތޮޅު ކައުންސިލް މިހާރު އޮތް އެކުލެވުމަކީ އެ ހުރިހާ ކަމަކަށް ފަހިވާނެ ގޮތަށް އޮތް ގާނޫނީ ހައިސިއްޔަތެކެވެ.
އަތޮޅު ކައުންސިލް އުވާލުމުން އެ އުވާލެވެނީ މި ރަށްރަށް ގުޅިގެން މަސައްކަތްކުރަން ލިބިފައިވާ ބާރާއި އެ ޖާގަ އެވެ.
"ރަށްރަށުގެ ތަރައްގީއަށް ހަގީގަތުގައި މުހިންމުވޭ މި ސްކޭލްގެ ބޮޑީއެއް އޮތުން. ރަށްރަށުގެ ކައުންސިލްތައް ގުޅިގެން ކަލެކްޓިވް އެފޯޓެއް ދިނުމުގެ ޖާގަ މި ލިބެނީ އަތޮޅު ކައުންސިލް އޮންނާތީ. އޭ ޖާގަ ފުނޑާލާފައި ރަށު ކައުންސިލްތައް ވަކިން އިންތިޒާމުވެގެން ކަންކަމުގައި ވަކާލާތުކޮށް ތެދުވަން ވަރަށް އުނދަގޫވާނެ،" އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (3)
އިސްމާލު ސަފީގު
ކަސީރު
ކޮސް