ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (ފޮޓޯ/ މަޖިލިސް)
އަތޮޅު ކައުންސިލްތަކަށް ރައީސުން ވެސް އައްޔަންކުރަންވީ ރާއްޖޭގެ ރައީސް: އިބްރާހިމް ދީދީ
މިނިވަން އެހެން މުއައްސަސާތަކަށް ވެސް އަދި އަތޮޅު ކައުންސިލްގެ ރައީސުން ވެސް ރާއްޖޭގެ ރައީސް އައްޔަންކުރައްވާ ގޮތަށް ހަދަން ޖެހޭ ކަމަށް، ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންވާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ މިއަދު ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - އޭނާ މިގޮތަށް ގޮވާލެއްވީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސްއަކަށް ރުހުން ދޭ މީހަކު އިހްތިޔާރު ކުރުމުގެ ބާރު ރައީސަށް ދޭ ގޮތަށް އެ ކޮމިޝަންގެ ގާނުނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލު - އެ ބިލަށް ތާއީދުކުރައްވައި ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ރައީސް ފޮނުއްވާ ނަމަކަށް އޭސީސީގެ ރައީސަށް ރުހުން ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، ކޮމިޝަންތަކަށް މެންބަރުން އައްޔަން ކުރަން މަޖިލީހަށް ފޮނުއްވަނީ ވެސް ރައީސަށް ވާތީ އެވެ.
"މިހާރު މި އޮތް ގޮތާ އެއްވެސް ތަފާތެއް އަޅުގަނޑަކަށް ނުފެނޭ. އެއީ މަޖިލީހަށް ހުށަހަޅައިގެން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅަކަށް [އޭސީސީގެ] ރައީސްކަން ކުރެވޭ ގޮތަކަށް އޮތުމަކީ އެންމެ ރަނގަޅު ގޮތް. ހުރިހާ ކޮމިޝަންތައް ވެސް އެގޮތަށް ބަދަލު ކުރަންވީ،" އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި، ގައުމަށް ދިމާވެފައިވާ މައްސަލަތައް ނުހަނު ބައިވަރެވެ. ކޮމިޝަންތައް ރަނގަޅަށް ހިންގައި އެ މައްސަލަތައް ހައްލުކުރުމައްޓަކައި އޭރަކު ހުންނަ ގައުމުގެ ވެރިޔަކު ބޭނުންވާ ބޭފުޅަކު އެ ތަންތަނުގެ ރައީސުންނަށް އައްޔަންކުރެވޭ ގޮތަށް އޮންނަ ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މި ވާހަކަ ދައްކާތީ ބައެއް ބޭފުޅުން ރުޅި އަންނާނެ. އެކަމަކު ހަގީގަަތަކީ މި ރާއްޖޭގައި މި ތިބަ އަތޮޅު ކައުންސިލްތަކުގެ ރައީސުން ވެސް ގެންދަންވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްގެން،" އޭނާ ވިދާޅުވި އެވެ.
އިންތިހާބު ކުރާ އަތޮޅު ކައުންސިލްގެ ރައީސުންނަށް އަތޮޅު ހިންގޭނެތޯއާ މެދު ސުވާލު އުފައްދާ އޭނާ ތާއިދު ކުރެއްވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމް ގެނައުމުގެ ކުރިން އޮތް އަތޮޅު ވެރިންނާއި ކަތީބުން އައްޔަން ކުރާ ނިޒާމަަށެވެ.
"އޭރުގައި ރައީސުލްޖުމްހޫރިއްޔާ އަތޮޅު ވެރިން ނުނީ ކަތީބުން އައްޔަން ކުރި ޒަމާނުގައި މާ ރަނގަޅަށް ނޫންތޯ އަތޮޅުތަކުގެ ކަންތައްތައް ހިނގަމުން ދިޔައީ. އޭރުގައި އޮންނަ ސަރުކާރާ ގުޅިގެން، ސަރުކާރުން އެދޭ ގޮތަކަށް ތަރައްގީގެ މަޝްރޫއޫތަކާއި ގައުމަށް ލިބޭ އެއްޗަކާއި ނުލިބޭ އެއްޗަކަށް ރިއާޔަތްކޮށް ބަލައިގެން ކަންތައްތައް ކުރަމުން ދިޔައީ،" އޭނާ ވިދާޅުވި އެވެ.
އިބްރާހިމް ދީދީ ވިދާޅުވި ގޮތުގައި، މިހާރު އޮންނަ ގޮތުން ކައުންސިލަރުން ހައްދަވަނީ އެ މީހަކު ހިތުހުރި ގޮތަކަށެވެ.
"ވެރިއަކު ބުނާ ގޮތަކަށް ވެސް ނަހަދައި ދައުލަތުން އަންގާ ގޮތަކަށް ވެސް ނަހަދައި ސަރުކާރުން އަންގާ ގޮތަކަށް ވެސް ނަހަދާ،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ:
-
އެންޓި-ކޮރަޕްޝަން ކޮމިޝަން އޮވެގެން މިހާތަނަށް ބަލައި ނިންމި މައްސަލައެއް ނެތް
-
މިދިޔަ އެމްޑީޕީ އާއި ޕީޕީއެމްގެ ސަރުކާރުގައި ވެސް ހިޔާނާތުގެ މައްސަލަތައް އިތުރުވެ، ބިލިއަނުން ޑޮލަރު "ކާލާފައި" އެބަހުރި؛ އޭސީސީއަށް ކުރެވުނު ކަމެއް ނެތް
-
އޭސީސީ އޮތުމުން ބައެއް ކަހަލަ ކުށްތައް ފުލުހުންނަށް ތަހުގީގެއް ނުކުރެވޭ؛ އެކަން ބަދަލު ކުރަން ޖެހޭ
-
ރާއްޖޭގައި ހިނގާ ޖިނާއީ ހުރިހާ ކުށްތަކެއް ފުލުހުންނަށް ތަހުގީގު ކުރެވެން ޖެހޭނެ
-
އޭސީސީއަށް ހިޔާނާތުގެ ތަހުގީގަކަށް ދާން ޖެހެނީ ފުލުހުންގެ މުއައްސަސާގެ ތެރެއިން
ކޮމެންޓް (1)
ހިމާރުލްގައުމު