ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގެ ތެރެއިން

ކުރީގެ ފަނޑިޔާރުންނަށް ވަކީލުކަން ނުކުރެވޭ މުއްދަތު ކުރުކޮށް، ބިލު ފާސްކޮށްފި

މީގެ ކުރިން ބިލުގައި އޮތީ ވަކިވާ އަދި ވަކިކުރާ ފަނޑިޔާރުންނަށް ދެ އަހަރުގެ މުއްދަތަކަށް ވަކީލުކަން ނުކުރެވޭ ގޮތަށް ހެދުމަށް؛ ކޮމިޓީން އެ މުއްދަތު ވަނީ ހަ މަހަށް ކުރުކޮށްފައި

އަމިއްލައަށް ފަނޑިޔާރުކަމުން އިސްތިއުފާ ދީގެން ނުވަތަ މަގާމުން ވަކިކުރާ ފަނޑިޔާރަކަށް އެ މީހަކު ވަޒީފާ އަދާކުރި ކޯޓެއްގައި ވަކީލުކަން ނުކުރެވޭ މުއްދަތު ހަ މަސްދުވަހަށް ކުރުކޮށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ޖޫން މަހުގެ ފަހުކޮޅު ސަރުކާރުގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ އެވެ. އެ ބިލަށް ބައެއް ބަދަލުތައް ގެނެސް މި ހަފްތާގައި ޖުޑީޝަރީ ކޮމިޓީން ވަނީ ބިލުގެ މަސައްކަތް ނިންމާފަ އެވެ. އަދި މިއަދުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓު ތަޅުމަށް ހުށަހެޅި އެވެ.

ތަފްސީލު - ކޮމިޓީން ގެނައި ބައެއް ބަދަލުތަކާ އެކު މި ބިލު މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ 64 މެންބަރުންގެ ވޯޓާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލުގައި ގެނައި މައިގަނޑު އެއް ބަދަލަކަށް އޮތީ އިސްތިއުފާ ދޭ ފަނޑިޔާރުންނާއި މަގާމުން ވަކިކުރާ ފަނޑިޔާރުން ވަކީލުކަން ވަކި މުއްދަތަކަށް ނުކުރެވޭ ގޮތަށް ގެންނަ ބަދަލެވެ. އެގޮތުން:

  • ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅިއިރު އޮތީ ވަކިވާ ނުވަތަ ވަކިކުރާ ފަނޑިޔާރުންނަށް އެ މީހަކު ފާއިތުވި ތިން އަހަރު މަސައްކަތް ކުރި ކޯޓަކަށް ވަކީލެއްގެ ގޮތުގައި ހާޒިރު ނުވެވޭނެ ގޮތަށް ހެެދުމަށް

  • ކޮމިޓީން ވަނީ ވަކީލުކަން ނުކުރެވޭ މުއްދަތު ދެ އަހަރުގެ ބަދަލުގައި ހަ މަސްދުވަހަށް ހެދުމަށް ބިލުގައި ހިމަނާފައި

އެހެންކަމުން، ރައީސް މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގުކުރައްވައި ގާނޫނަކަށް ވުމާ އެކު ފަނޑިޔާރުކަމުން ވަކިކޮށްފައި ނުވަތަ ވަކިކުރި މީހަކު ފާއިތުވި ތިން އަހަރު އޭނާ މަސައްކަތްކުރި އެއްވެސް ކޯޓަކަށް މަގާމުން ވަކިވި ތާރީހުން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަކަށް އެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

އޭގެ އިތުރުން، ދެ އަހަރު ފަހުން ވެސް އަދި އެހެން ކޯޓެއްގައި ބައެއް ހާލަތްތަކުގައި ވަކީލުކަން ނުކުރެވޭ ގޮތަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ. އެއީ:

  • ފަނޑިޔާރެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ މަގާމުގެ މުއްދަތުގައި ބަލާފައިވާ މައްސަލައެއްގައި، އެ މީހެއްގެ މަސްލަހަތު ފުށުއަރާ ހާލަތެއް ދެމިއޮތްހާ ހިނދަކު، ދެ އަހަރުގެ މުއްދަތުގައި ވެސް އަދި އެ މުއްދަތު ފަހަނައަޅާ ފަހުން ވެސް އެ މައްސަލައެއްގައި ނުވަތަ އެ މައްސަލައާ ގުޅުން ހުރި އެހެން އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އެއްވެސް ކޯޓަކަށް ހާޒިރެއް ނުވެވޭނެ

  • އެފަދަ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެ ނޫން ވެސް މަސައްކަތެއް ނުކުރެވޭނެ

މިކަމާ ގުޅޭ އިސްލާހަކަށް ދެން ބިލުގައި އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އެ ފަނޑިޔާރަކު އެ މަގާމުން އިސްތިއުފާ ދޭ ހާލަތުގައި އޭނާއަށް މަގާމުން އަމިއްލައަށް ވަކިވުމުން ދޭ އިނާޔަތްތައް ނުލިބޭ ގޮތަށް ހަދަން ގާނޫނުގައި ހިމެނުމަށެވެ. 

އެޕްރީލް 2022ގައި ޖޭއެސްސީން އޭރު އެކުލަވާލި ގަވައިދެއްގައި ވެސް މިފަދަ ހާލަތްތަކުގައި އިނާޔަތް ނުލިބޭ ގޮތަށް ބަޔާންކޮށްފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - މި ބިލުގައި ދެން ގެންނަ ބޮޑު އަނެއް ބަދަލަކީ ފަނޑިޔާރުކަމުން ވަކިވުމަށް ފަހު ވެސް އާއިލާ ހިމެނޭހެން އެ މީހެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ހެދުމަށެވެ. ކޮމިޓީން ބިލުގެ އެ މާއްދާތަކަށް ބަދަލު ގެނެސްފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް