ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގެ ތެރެއިން (ފައިލް ފޮޓޯ)

ވަކި ކުރި، ވަކިވި ފަނޑިޔާރުންނަށް 2 އަހަރު ވަންދެން އެ ކޯޓެއްގައި ވަކީލުކަން ނުކުރެވޭ ގޮތަށް ހަދަނީ

ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހަޅާ ފަހުން، އޭނާ މަގާމުން އިސްތިއުފާ ދޭ ހާލަތްތަކުގައި އިނާޔަތްތައް ނުލިބޭ ގޮތަށް ގާނޫނުގައި ހިމެނުމަށް ވެސް އިސްލާހުގައި ބަޔާންކޮށްފައިވޭ

އަމިއްލައަށް ފަނޑިޔާރުކަމުން އިސްތިއުފާ ދީގެން ނުވަތަ މަގާމުން ވަކިކުރާ ފަނޑިޔާރަކަށް ދެ އަހަރުގެ މުއްދަތަކަށް އެ މީހުން ހިދުމަތް ކުރި ކޯޓުތަކުގައި ވަކީލުކަން ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ސަރުކާރުގެ ފަރާތުން ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ އެވެ.

ތަފްސީލު - މި ބިލުގައި ގެންނަ މައިގަނޑު ބަދަލަކަށް އޮތީ އިސްތިއުފާ ދޭ ފަނޑިޔާރުންނާއި މަގާމުން ވަކިކުރާ ފަނޑިޔާރުން ވަކީލުކަން ވަކި މުއްދަތަކަށް ނުކުރެވޭ ގޮތަށް ގެންނަ ބަދަލެވެ.

އިސްލާހުގައިވާ ގޮތުން:

  • އެ ފަނޑިޔާރަކު މަގާމުން ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން ދެ އަހަރުގެ މުއްދަތަކަށް ވަކީލުކަން ކުރުމަށް އޭނާ މަގާމު އަދާ ކުރި އެއްވެސް ކޯޓެއްގައި ވަކީލެއްގެ ގޮތުގައި ހާޒިރެއް ނުވެވޭނެ

  • އެގޮތަށް ވަކީލެއްގެ ގޮތުގައި ހާޒިރު ނުވެވޭނީ ފާއިތުވި ތިން އަހަރު އޭނާ މަގާމު އަދާ ކުރި ކޯޓަކަށް

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އޭގެ އިތުރުން، ދެ އަހަރު ފަހުން ވެސް އަދި އެހެން ކޯޓެއްގައި ވެސް ބައެއް ހާލަތްތަކުގައި ވަކީލުކަން ނުކުރެވޭ ގޮތަށް ވެސް މި ބިލުގައި ހިމަނާފައިވެ އެވެ. އެއީ:

  • ފަނޑިޔާރެއްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެ މަގާމުގެ މުއްދަތުގައި ބަލާފައިވާ މައްސަލައެއްގައި، އެ މީހެއްގެ މަސްލަހަތު ފުށުއަރާ ހާލަތެއް ދެމިއޮތްހާ ހިނދަކު، ދެ އަހަރުގެ މުއްދަތުގައި ވެސް އަދި އެ މުއްދަތު ފަހަނައަޅާ ފަހުން ވެސް އެ މައްސަލައެއްގައި ނުވަތަ އެ މައްސަލައާ ގުޅުންހުރި އެހެން އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އެއްވެސް ކޯޓަކަށް ހާޒިރެއް ނުވެވޭނެ

  • އެފަދަ މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެ ނޫން ވެސް މަސައްކަތެއް ނުކުރެވޭނެ

މިކަމާ ގުޅޭ އިސްލާހަކަށް ދެން ބިލުގައި އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އެ ފަނޑިޔާރަކު އެ މަގާމުން އިސްތިއުފާ ދޭ ހާލަތުގައި އޭނާއަށް މަގާމުން އަމިއްލައަށް ވަކިވުމުން ދޭ އިނާޔަތްތައް ނުލިބޭ ގޮތަށް ހަދަން ގާނޫނުގައި ހިމެނުމަށެވެ. 

އެޕްރީލް 2022ގައި ޖޭއެސްސީން އޭރު އެކުލަވާލި ގަވައިދެއްގައި ވެސް މިފަދަ ހާލަތްތަކުގައި އިނާޔަތް ނުލިބޭ ގޮތަށް ބަޔާންކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް