އެމްޑީޕީގެ ކޮންގްރެސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ) އާއި އަލީ އާޒިމް (މ) - (ފޮޓޯ: އަބްދޫﷲ ޔަޝާއު/ދައުރު)

އެމްޑީޕީ

މާލޭ މޭޔަރުގެ ރޭހުގައި ނަޝީދާއި ސޯލިހު ދެ ފަޅިއަކަށް؛ ނަޝީދުގެ ތާއީދު އަލީ އާޒިމަށް

މާލޭގެ މޭޔަރު ކަމަށް ކުރީގެ ރައީސް ސޯލިހު ތާއީދުކުރައްވަނީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމްއަށް. ކުރީގެ ރައީސް ނަޝީދުގެ ތާއީދު ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމްއަށް އޮތްކަން މިއަދު ހާމަކުރެއްވި
10 ނޮވެމްބަރު 2025

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުގެ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެ ފަޅިއެއްގައި ހުންނެވިކަން ވަރަށް ސާފުކޮށް ފެންނަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ މާލޭގެ މޭޔަރުގެ ޓިކެޓަށް ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.

އަންނަ އަހަރު މާޗު ފަހުކޮޅު ބާއްވާ ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަށް އެމްޑީޕީން އަދި އިއުލާން ނުކުރި ނަމަވެސް އެ ޕާޓީން މިދިޔަ އޮގަސްޓު މަހު ވަނީ ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން ޝައުގުވެރިވާ މީހުން ބަލަން އިއުލާނެއްކޮށްފަ އެވެ. 

އެ އިއުލާނުގެ ދަށުން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރެއްވީ ދެ އާޒިމް އެކަންޏެވެ.

ތަފްސީލް - ދެ ބޭފުޅުންގެ ކެމްޕެއިން ވެސް އެތެރޭގައި ފައްޓަވާފައިވާއިރު އާދަމް އާޒިމްއަށް ތާއީދުކުރައްވާކަން ސޯލިހުގެ ކޮއްކޯފުޅު އަދި ހުޅުމާލެ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަލީ ނިޔާޒު މިދިޔަ ހުކުރުދުވަހު ވަނީ އެކްސްގައި ޕޯސްޓްކުރައްވައިފަ އެވެ.

ނިޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބުން ސޯލިހު ބަލިވެ އެމްޑީޕީ ބޮޑު މާޔޫސް ކަމެއްގައި އޮއްވައި ޕީއެންސީ ސަރުކާރުގެ ފުރިހަމަ އާރާއިބާރުގެ މައްޗަށް އާދަމް އާޒިމް ކުރި ހޯއްދަވައި ކާމިޔާބު ކުރެއްވުމަކީ ވެސް އެމްޑީޕީއަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.

"[އާދަމް އާޒިމް މޭޔަރުކަމުގައި ހުންނެވި ގާތްގަނޑަކަށް] 2 އަހަރުގެ ނަތީޖާ ރަނގަޅު. އިތުރު ދައުރަކަށް ތާއީދު،" ސޯލިހުގެ ކޮންމެ ނިންމެވުމަކާ އެކު ކުރިއަށް ވަޑައިގަންނަވާ ނިޔާޒު ލިއުއްވި އެވެ.

މީގެ އިތުރުން ސޯލިހު ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ވެސް އެންމެ އަރިހުގައި ހުންނަވާ އެއް ބޭފުޅަކީ އާދަމް އާޒިމް އެވެ.

ސޯލިހުގެ އަރިސް ބޭފުޅުން ވެސް 'ދައުރު'އަށް ޔަގީންކޮށްދެއްވި ގޮތުގައި، އެމަނިކުފާނުގެ ތާއީދު އޮތީ އާދަމް އާޒިމަށެވެ.

ސޯލިހު ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރެއްގައި އެންމެ އަރިހުގައި އާދަމް އާޒިމް (ފޮޓޯ/ އެމްޑީޕީ)

މިއަދު ނަޝީދު ވަނީ އަލީ އާޒިމްއަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ. އަލީ އާޒިމްގެ ފޮޓޯއަކާ އެކު ނަޝީދު ކުރެއްވި ޕޯސްޓްގައި ހަމައެކަނި ލިއުއްވާފައިވަނީ "މާލެ ސިޓީގެ މޭޔަރު ކަމަށް އަލީ އާޒިމް" އެވެ.

ފަސްމަންޒަރު - މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި އެތެރޭގެ ޕްރައިމަރީގައި ނަޝީދު ނާކާމިޔާބުވެވަޑައިގަތުމާ އެކު ސޯލިހުގެ ސަރުކާރާ ދެކޮޅަށް ނަޝީދާއި އެ މަނިކުފާނުގެ ވަފާތެރިން މަސައްކަތްކުރައްވަމުން ގެންދެވި އެވެ.

އެ ކޯޅުމުގެ ތެރެއިން އަލީ އާޒިމް ވަކިކުރަން ވެސް އެމްޑީޕީން ނިންމި އެވެ. އެ ގޮތަށް ޕާޓީން ނިންމުމާ އެކު އަލީ އާޒިމް ހިމެނޭހެން ނަޝީދުގެ ވަފާތެރިން 'ޑިމޮކްރެޓްސް'ގެ ނަމުގައި ޕާޓީއެއް ހަދައިގެން، އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ވެސް ނެރުނެވެ.

ނަމަވެސް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްއަށް މާ ބޮޑު ކާމިޔާބީތަކެއް ނުލިބުމުން، ނަޝީދު ހިމެނޭހެން ޑިމޮކްރެޓްސްގެ މުޅި ލީޑާޝިޕާއި ގިނަ މެންބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގަތެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒް އާއި ރައީސް ނަޝީދު އާއި އަލީ އާޒިމް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ގާނާގައި (ފޮޓޯ/ ފައްޔާޒު)

އެނގުން މުހިންމު - އެމްޑީޕީގެ އެތެރޭގައި އަދިވެސް ނަޝީދާއި ސޯލިހުގެ ފެކްޝަން އޮތްކަން ސާފުކޮށް ފެނެ އެވެ. މި ފަހަރު ޝައުގުވެރިކަމަކީ، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ނަޝީދާ އެކު ހުންނަވާ ކަމެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި، ސޯލިހުގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު ފައްޔާޒު ހުންނެވީ ސޯލިހާ އެކުގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރައްވާފައިވަނީ ވެސް ފައްޔާޒު އެކަންޏެވެ. ނަމަވެސް ސޯލިހު ރިޔާސީ އިންތިހާބަށް ނެރުމަށް އެ މަނިކުފާނުގެ ޓީމުން ގެންދަނީ އެތެރޭގައި މަސައްކަތް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް