އަލީ އާޒިމް އަދި އާދަމް އާޒިމް (ފައިލް ފޮޓޯ/ މިހާރު)

މާލޭ މޭޔަރުކަމަށް އެމްޑީޕީން 2 އާޒިމްގެ ގަދަ ހިފުމަކަށް

ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަށް އަދި އެމްޑީޕީން ހުޅުވާނުލި ނަމަވެސް، މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ކުރީގެ މަޖިލިސް މެމްބަރު އަލީ އާޒިމް

މާލެ މޭޔަރު ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޓިކެޓަށް ވާދަ ކުރައްވާނެ ދެ ބޭފުޅުންނަކީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ އަހަރު މާޗު ފަހުކޮޅު ބާއްވާ ކައުންސިލް އިންތިހާބުގެ ޕްރައިމަރީއަށް އެމްޑީޕީން އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް އެ ޕާޓީން މިދިޔަ އޮގަސްޓު މަހު ވަނީ ޕްރައިމަރީއަށް ހުޅުވާލުމުގެ ކުރިން ޝައުގުވެރިވާ މީހުން ބެލުމަށް އިއުލާނެއްކޮށްފަ އެވެ.

ތަފްސީލު - އެ އިއުލާންގެ މުއްދަތު މިހާރު ހަމަވެފައިވާއިރު، އިތުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި، މާލޭ މޭޔަރުކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ އަލީ އާޒިމް އާއި އާދަމް އާޒިމް އެކަންޏެވެ.

އެ ދެ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، އާދަމް އާޒިމް ވަނީ ރޭ އޭނާގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވާފަ އެވެ. 

އާދަމް އާޒިމް މާލޭގެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު، 2023ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން މޭޔަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ. އެއާ އެކު، ބޭއްވި ބައި-އިލެކްޝަންގައި އެމްޑީޕީ ޓިކެޓްގައި ވާދަ ކުރެއްވީ އާޒިމް އެވެ. އެގޮތުން:

  • އާޒިމްއަށް އެމްޑީޕީ ޓިކެޓް ލިބިވަޑައިގެންނެވީ ވާދަވެރިއަކު ނެތުމުން ޕްރައިމަރީއަކާ ނުލާ

  • މިދިޔަ އަހަރު ޖެނުއަރީ މަހު ބޭއްވި މޭޔަރު އިންތިހާބު އާޒިމް ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރުއާ ވާދަކުރައްވައިގެން

  • އާޒިމް، އާޒިމާގެ މައްޗަށް ކުރި ހޯއްދެވީ 2،500އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުން

އާދަމް އާޒިމްއާ ޕްރައިމަރީގައި މިފަހަރު ވާދަ ކުރައްވާ އަލީ އާޒިމް އަދި މިހާތަނަށް ކެމްޕެއިން ރަސްމީކޮށް ނުފައްޓަވަ އެވެ. 

އަލީ އާޒިމް ވަނީ މަޖިލީހުގެ މިދިޔަ ތިން ދައުރުގެ މަޖިލިސް މެންބަރުކަމާއި އެމްޑީޕީގެ ބައެއް މަގާމުތައް ފުރުއްވާފަ އެވެ.  އޭގެ އިތުރުން:

  • ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އޭރު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އަލީ އާޒިމް ހުނެންވީ ނަޝީދު ފެކްޝަންގައި

  • ދަ ޑިމޮކްރެޓްސް ނަމުގައި ނަޝީދު އާ ސިޔާސީ ޕާޓީއެއް ހެދުމަށް ނިންމިއިރު، އޭރު އެކަމުގައި އިސްކޮށް އާޒިމް ހަރަކާތްތެރިވެފައިވޭ؛ އަދި އެ ނިންމުން ނިންމުމުގެ ކުރިން ޕާޓީގެ ވިޕްލައިނާ ހިލާފުވެގެން އާޒިމް އެމްޑިޕީން ވަކިކުރި

  • އަލުން އެނބުރި އާޒިމް އެމްޑީޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ ޖެނުއަރީގައި؛ އަދި އޭރު އެމްޑީޕީން ވަނީ އާޒިމް ހިމެނޭހެން ފިޔަވަޅު އެޅި މީހުންގެ އަދަބުތައް މައާފްކޮށްދީފައި

ކޮމެންޓް (5)

ޙުލްފަތު

5 ނޮވެމްބަރު 2025
ބޭކާރު ދެބޯ.. ކަމެއްނުވި މޭޔަރާއި ކަމެއްނުވި އެމްޕީ.. ފެއިލް ކޮށްލާ..
2 1

ތެފައާސާ.

5 ނޮވެމްބަރު 2025
ވޯޓު ކަރުދާހުގައި ނަމުގެ ބަދަލުގަ ފޮޓޯ ޖަހާނޭކަމަށް އުންމީދު ކުރަން. އެހެން ނޫނީ ފޮށިދޮށަށްދާއިރު ހިތުލައިގެންދާ އާޒިމް ނޫން އަނެއް އާޒިމަށް ފޮށްޓަށް ލެވިއްޖެއްޔާ ސަކަރާތް ވާނެއެއްނު؟
1 0

ހމމމމމމމމމމމމ

5 ނޮވެމްބަރު 2025
@ތެފައާސާ. އެއްތާކުނުން ޖެހޭނީ ހަމަ އެމްޑީޕީ ދެ ބޭފުޅުން ވިއްޔާ
0 1

ސުހާނާ

5 ނޮވެމްބަރު 2025
@ތެފައާސާ. މިހާރުގެ މޭޔަރަށް ކިޔަނީ އާދަމް އާޒިމް. އަނެއް އާޒިމަށް ކިޔަނީ ޢަލީ އާޒިމް. އާދަމް އާއި ޢަލީއާ ވަކިކުރަން އެނގޭނެބާ؟
1 0

ތެފައާސާ.

6 ނޮވެމްބަރު 2025
@ސުހާނާ ސުހާ، މި އުޅެނީ މަށަށް އާދަނާ އައްޔަ ވަކިކުރަން ނޭގިދާނެތީކީ ނޫނޭ، ބަޔަކަށް އޮޅިދާނެތީ ކާކަކީ ކާކުކަން.
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް