'ކަނޑު ވިއްކާލުމާ ދެކޮޅު އިއްތިހާދު'އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް: އެމްޑީޕީގެ މެންބަރު ކަމުން އޭނާ ވަކިކުރަން ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމާފައި. (ދައުރު ފޮޓޯ/ހުސައިން ސުނައިން

އެމްޑީޕީ

5 އަހަރު ވަންދެން މަގާމަކަށް ކުރިމަތިނުލެވޭ ގޮތަށް އާޒިމް އެމްޑީޕީން ވަކިކޮށްފި

އެއް އަހަރުދުވަސް ވަންދެން ޕާޓީއަށް އަނބުރާ ނުވަދެވޭ ގޮތަށް ވެސް ހަދާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަަލީ އާޒިމް އެމްޑީޕީން ވަކި ކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ދެންމެއަކު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަންގެ އިސް މެންބަރެއް ކަމަށްވާ އާޒިމް އެ ޕާޓީން ވަކިކުރަން ނިންމީ، ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގެ އިއްތިފާގުން މި ނިންމުން ނިންމާފައިވާކަން އެ ޕާޓީގެ އިސް އޮފިޝަލަކު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ތަފްސީލް - އެ ކޮމިޓީގެ ނިންމުން މިހާރު ވަނީ އެމްޑިޕީގެ ރަސްމީީ ވެބްސައިޓުގައި އާންމުކޮށްފަ އެވެ. މިއީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)އިން އިއްޔެ އެ ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަ އެކެވެ. ޕީޖީ ގްރޫޕުން ފޮނުވި މައްސަލައިގައި ބުނެފައި ވަނީ:

  • އާޒިމް ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކުރައްވާފައިވާ ކަންތައްތަކެއް ފާހަގަކުރެވޭތީ، އެކަން ކަމަކީ އޭނާއާ މެދު ފިޔަޅުވަޅު އަޅަން ޖެހޭ ބާވަތުގެ ކަންތައްތަކެއް  ކަމަށް ޕީޖީ ގްރޫޕުން ދެކޭ

  • ޕީޖީ ގްރޫޕުން އެދުނީ، މައްސަލަ ތަހުގީގުކުރުމަށް ފަހު، ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް އޭނާއާ މެދު ފިޔަވަޅު އެޅުމަށް

އާޒިމް ޕާޓީގެ އަސާސީ ގަވައިދާ ހިލާފުވި ކަމަށް ބުނާ ސަބަބަކީ، ޗާގޯސް މައްސަލައިގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހަޅާފައި މައްސަލާގައި އޭނާ ސޮއިކުރައްވާފައި ވުމާއި 'ކަނޑު ވިއްކާލުމާ ދެކޮޅު އިއްތިހާދު'ގެ ނޫސްވެރިންގެ ދެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާތީ އެވެ.

"ސިޔާސީ ގޮތުން މި ޕާޓީއާ އިދިކޮޅު ފަރާތްތަކުން، މި ޕާޓީގެ އެންމެ އިސް ފަރާތް ކަމުގައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުކިޔައި ސަރުކާރާ ދެކޮޅު ހެދުމުގެ ގޮތުން ބޭއްވި ދެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ އާޒިމް ބައިވެރިވެވަޑައިގެންފައިވުން،" އެމްޑީޕީގެ ޕީޖީން ކޮމިޓީއަށް ފޮނުވި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ކޮމީޓިން ނިންމީ ޕާލިމަންޓްރީ ގްރޫޕުން ފާހަގަކޮށްފައިވާ އަމަލުތައް، އާޒިމް ކޮށްފައިވާކަން އެ ކޮމިޓީއަށް ކަށަވަރުވާ ކަމަށެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން

އާޒިމްއާ މެދު އަޅަން ނިންމި ފިޔަވަޅުތައް:

  • އެއް އަހަރުދުވަސް ވަންދެން ޕާޓީއަށް އަނބުރާ ނުވަދެވޭ ގޮތަށް ހެދުން

  • އެ މުއްދަތަށް ފަހު، އަލުން ޕާޓީއަށް ސޮއިކުރެއްވެނީ އާ 100 މެމްބަރުންގެ ސޮޔާ އެކު

  • ފަސް އަހަރުދުވަހުގެ މުއްދަތަކަށް ޕާޓީގެ އެއްވެސް ޕްްރައިމަރީއެއްގައި ނުވަތަ މަގާމަކަށް ވާދަނުކުރެއްވޭ ގޮތަށް ކަނޑައެޅުން

"އެޓާނީ ޖެނެރަލް [ރިއްފަތުގެ] އިތުބާރު ނެތް ކަމުގެ މައްސަލާގައި ތާއީދުކުރައްވާ މެންބަރު އަލީ އާޒިމް ސޮއިކުރައްވާފައި ވުމަކީ ޕާޓީގެ ސިޔާސަތުތަކާ ދެކޮޅަށް ކުރެއްވި ކަމެއްގެ ގޮތުގައި ކޮމިޓީން އިއްތިފާގުވޭ،" ކޮމިޓީގެ ނިންމުމުގައި ބުނެފައިވެ އެވެ.

އާޒިމް އިދިކޮޅުގެ ނޫސްވެރިންގެ ބައްދަލުވުމުގައި. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އޭގެ އިތުރުން، އިދިކޮޅުގެ ނޫސްވެރިންގެ ބައްދަލުވުުންތަކުގައި އާޒިމް ބައިވެރިވެވަޑައިގަތުމަކީ "ޕާޓީގެ މަސްލަހަތަށް ގެއްލުންތަކެއް ވެދާނެ ކަމެއް"ގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

"މިއީ، [އިދިކޮޅުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ] މެންބަރަކު ޕާޓީން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމުގައި އަސާސީ ގަވައިދުގެ 19 ވަނަ މާއްދާ އާއި 95 ވަނަ މާއްދާއަށް ބެލުމުން އެނގެ އެވެ،" ކޮމިޓީގެ ނިންމުމުގައި ބުނެފައިވެ އެވެ.

ޖަވާބުދާރީވާން ފުރުސަތެއް ނުދޭ؛ ސައްހައެއް ނޫން: އާޒިމް

ކޮމިޓީގެ ނިންމާ ގުޅިގެން އާޒިމް މިއަދު 'ދައުރު'އަށް ވިދާޅުވީ އެފަދަ ނިންމުމެއް ކޮމިޓީން ނިންމި ކަމަށް ގަބޫލުނުކުރާ ކަމަށާއި އެ ނިންމުން ސައްހަ ނުވާނެ އެވެ.

ސައްހަ ނުވާނެ ކަމަށް އާޒިމް ދެކެވަޑައިގަންނަވާ ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، އެ ބައްދަލުވުމަކީ ޕާޓީގެ ނައިބު ރައީސް ޗެއާކުރެއްވި ބައްދަލުވުމަކަށް ނުވާތީ އެވެ. ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ނައިބު ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިޔަވަޅު އަޅާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުން ހިމެނެ އެވެ.

އާޒިމް ވިދާޅުވީ، މި މައްސަލައިގައި ކޮމިޓީން އޭނާއަށް ޖަވާބުދާރީވާން ފުރުސަތު ދީފައި ނުވާ ކަމަށެވެ.

ކޮމެންޓް (1)

ކަނޑިންމަ

16 މޭ 2023
ޕާޓީ ސަރުކާރުން ގައުމަށް ގައްދާރުވީމަ އެކަމަ ދެކޮޅު ހެދީމަ؟؟ ޕާޓީއަށްވުރެ ގައުމު ބޮޑުވާނެ. 10 އަހަރު ވަންދެން ވެރިކަން ކުރާވަރުގެ ރައީސެއް ނޫން މިވަގުތު ހުރީ. ހަތަރު މަސް ފަހުން ދިވެހިން ވަކިކުރާނެ ކަމަށް ބެލެވޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް