ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން

ސިޔާސީ

އެމްޑީޕީން ކަނޑާލައި ޖަލަށްލާފާނެތީ ކަންބޮޑެއް ނުވޭ: އާޒިމް

ސަރުކާރާ ދެކޮޅަށް އިދިކޮޅުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ އެމްޑީޕީ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ބުނެފައިވޭ

ސަރުކާރާ ދެކޮޅަށް ވާހަކަދައްކައިގެން އެމްޑީޕީން ކަނޑާލާފާނެތީ އަދި ޖަލަށް ލާފާނެތީ ވެސް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި އިޓްލޮސްގެ ނިންމުމާ ގުޅިގެން އިދިކޮޅުން ދެކެނީ ދެކުނުގެ އިގްތިސާދީ ސަރަހައްދުން ބައެއް ރާއްޖެއަށް ގެެއްލުނީ ކަމަށެވެ. އެ މައްސަލާގައި ބައެއް ސިޔާސީ ޕާޓީތަކުގެ އިތުރަށް ކުރީގެ ބައެއް ވަޒީރުންނާއި ކުރީގެ ބަންޑާރަނައިބުން ބައިވެރިވާ އިދިކޮޅު އިއްތިހާދެއް އުފައްދައިގެން ސަރުކާރާ ދެކޮޅަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން:

  • އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވަނީ ވައްދާފައި

  • ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ނިންމާފައިވާ ކަމަށް އިދިކޮޅުން ބުނޭ

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޒުލުކުރުމުގެ މަސައްކަތް މަޖިލީހުގައި ފަށަން ނިންމާފައިވާ ކަމަށް އިދިކޮޅުން ބުނޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދި އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން އަަޅުގަނޑަށް ވެދާނެ ކަމެއްގެ ސަބަބުން ބަހެއް ނުބުނެ [ނުހުންނާނަން].

އަލީ އާޒިމް / މެދު ހެންވޭރު ދާއިރާގެ މެންބަރު

ތަފްސީލް - 'ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު'ގެ ނަމުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ 'ފިކުރެއްގެ ދިރުން' ފެކްޝަންގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ އެމްޑީޕީ މެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޕާޓީން ބުނެފައިވާތީ، އެކަމާ ގުޅިގެން ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ސުވާލުކުރުމުން އާޒިމް ވިދާޅުވީ، އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.

ބުނީ ކީކޭ؟ - ހިޔާލު ތަފާތުވުން އޮތަސް، ގިނަ ސިޔާސީ ޕާޓީތަކާ އެކު އެ ތަނުގައި އިންނެވީ ވަރަށް މާތް މަގުސަދެއްގައި ކަމަށް އާޒިމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދި އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން އަަޅުގަނޑަށް ވެދާނެ ކަމެއްގެ ސަބަބުން ބަހެއް ނުބުނެ [ނުހުންނާނަން]. ޕާޓީން ކަނޑާލާފާނެތީ އަދި ޖަލަށް ލާފާނެތީ އެކަމާ އަޅުގަނޑު ކަންބޮޑުނުވާތީ ހަގީގަތުގައި މިއަދު މިތާ މި އިނީ،" އޭނާ ވިދާޅުވި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އާޒިމް ވިދާޅުވީ:

  • ހިތްހަމަނުޖެހިގެން އުޅެނީ ރާއްޖޭގެ ކަނޑުން ބައެއް ގެއްލިގެން

  • ރާއްޖެއިން އެއްޗެއް ގެއްލިގެން ނޫޅޭ ނަމަ، ދަންވަރު 2 ޖަހަންދެން ކެބިނެޓް ބައްދަލުވުންތަކެއް ނުބާއްވާނެ

  • ރާއްޖޭގެ އިން ކަނޑައެޅުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށް؛ އެ މަޖިލީހުން ކުރަން ޖެހޭ ކަމެއް އެހެން ބަޔަކު ކޮށްގެން އުޅޭއިރު އަމިއްލަ ނަފްސަށް ވެދާނެ ގޮތަކާ މެދު ކަންބޮޑެއް ނުވޭ

މަޖިލީހަށް ވައްދަން އުޅޭ ރައީސް ސޯލިހް އަޒުލުކުރުމުގެ މައްސަލައަށް ވޯޓު ދެއްވާނަންތޯ 'ދުއުރު'ން ސުވާލުކުރުމުން އާޒިމް ވިދާޅުވީ "ރާއްޖެއިން މަދުވެފައި މި އޮތް ބައި ހޯދުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ފިކުރެއްގެ ދިރުމުގެ ފަރާތުން ކުރާނެ އަދި އަޅުގަނޑު ވެސް ކުރާނެ" ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް