ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް އަދި ކުރީގެ ޗެއާޕާސަން މޫސާ މަނިކު: އެ ދެ ބޭފުޅުން އޭރު ޕާޓީން ކަނޑާލީ ފަސް އަހަރުގެދުވަހުގެ މުއްދަތަކަށް އެެތެރޭގެ އިންތިހާބުުގައި ވާދަ ނުކުރެވޭ ގޮތަށް. (ފޮޓޯ/މިހާރު ނޫސް)

އެމްޑީޕީ

އެމްޑީޕީން ފިޔަވަޅު އެޅި މީހުންގެ އަދަބުތައް މައާފްކޮށްދީފި

މި ނިންމުމާ އެކު ރިޔާސީ ކެމްޕެއިން ތެރޭ ޕާޓީއާ އަލުން ގުޅިވަޑައިގެންނެވި މޫސާ މަނިކާއި މިފަހުން ގުޅިވަޑައިގެންނެވި ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމްއަަށް ދެން ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ކުރެއްވޭނެ

އަސާސީ ގަވައިދާ ހިލާފުވެގެން ކަމަށް ބުނެ މީގެ ކުރިން އެމްޑީޕީން ފިޔަވަޅު އަޅާފައި ތިބި މީހުންނަށް ދީފައިވާ އަދަބުތައް ބާތިލު ކުރަން ނުވަތަ އެ މީހުންނަށް މައާފް ދިނުމަށް އެ ޕާޓީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން މިގޮތަށް ނިންމީ އެންމެ ފަހުން މިދިޔަ ބުދަ ދުވަހުގެ ރޭ އެ ޕާޓީގެ އޮފީހުގައި މީޑިއާތަކަށް ހުޅުވާނުލާ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. އެ ނިންމުން ނިންމާފައިވާކަން އެމްޑީޕީން ރަސްމީކޮށް އަދި މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، އެ ބައްދަލުވުމުގައި އެ ނިންމުން ނިންމާފައިވާކަން ގައުމީ މަޖިލީހުގެ ތިން މެންބަރަކު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ތަފްސީލު - އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފުވެގެން މިހާތަނަށް އެޅި ފިޔަވަޅުތަކާއި އަދަބުތައް ބާތިލުކޮށްދިނުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު ހަސަން އެވެ. އެގޮތުން:

  • އެ ގޮތަށް ހުށަހަޅާ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، އެމްޑީޕީ މިވަގުތު އިދިކޮޅުގައި އޮތުމުން، ވީހާ ވެސް ގިނަ ބަޔަކާ އެކު ގުޅިގެން މަސައްކަތް ކުރަން ޖެހޭތީ

  • އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހެންވޭރު އުތުރު ދާއިރާގެ ރައީސް އަދި 19 ވަނަ މަޖިލީހުގައި އެ ދާއިރާގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި އިބްރާހިމް މުއިއްޒު

  • މި ހުށަހެޅުން ފާސްވީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 64 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ތާއީދާ އެކު

ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފުވެގެން ކަމަށް ބުނެ ޕާޓީން ކަނޑާލި ބައެއް މީހުންނަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އަލުން ޕާޓީއާ ގުޅުނަސް، ފަސް އަހަރުގެ މުއްދަތަކަށް ޕާޓީގެ އެތެރޭގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭ ގޮތަށް ހެދުން ހިމެނެ އެވެ.

އެގޮތަށް ފިޔަވަޅު އެޅި މީހުންގެ ތެރޭގައި 2014 ވަނަ އަހަރު އޭރު އެމްޑީޕީގެ ލީޑާޝިޕާ ޖެހުނު މައްސަލަގަނޑެއްގެ ތެރެއިން ވިޕްލައިނާ ހިލާފުވެގެން ޕާޓީން ކަނޑާލި މަޖިލީހުގެ އޭރުގެ ނައިބު ރައިސް އަދި އެ ޕާޓީގެ ޗެއާޕާސަން މަގާމު ފުރުއްވި މޫސާ މަނިކު (ރީކޯ މޫސާ) އާއި 2023 ވަނަ އަހަރު ވިޕްލައިންއާ ހިލާފުވެގެން ކަނޑާލި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރެއްވި، މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރަކަށް އޭރު ހުންނެވި އަލީ އާޒިމް ހިމެނިވަޑައިގެންނަވަ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި މުސާ މަނިކާއި އިއްޔެ އެ ޕާޓީއާ ގުޅިވަޑައިގެން އަލީ އާޒިމްއަށް ވެސް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އަލުން ޕާޓީއާ ގުޅޭ ތާރީހުން ފެށިގެން ފަސް އަހަރުގެ މުއްދަތަކަށް އެތެރޭގެ އިންތިހާބެއްގައި ވާދަ ނުކުރެވޭ ގޮތަށް ހަދާފައިވެ އެވެ.

ނަމަވެސް، ގައުމީ މަޖިލީހުން ބުދަ ދުވަހު ނިންމި ނިންމުމާ އެކު، މުސާ މަނިކާއި އާޒިމްއަށް ވެސް ދެން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެއްވެސް ހުރަހެއް ނޯންނާނެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް