ކ-ވ: އަލީ އާޒިމް، އަމްރު އަދި ޝިފާޒް.
އަމްރު، ޝިފާޒު އަދި އާޒިމް އެނބުރި އެމްޑީޕީއަށް
އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސް އުފެއްދެވި އަދި އެ ޕާޓީގައި ތިއްބެވި ބައެއް އިސްބޭފުޅުން އެމްޑީޕީއާ އަލުން ރޭ ގުޅިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އެތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކާ އެކު ދެ ފެކްޝަނެއް އުފެދުނެވެ. ސޯލިހަށް ވަފާތެރިން އެމްޑީޕީގައި މަޑުކުރި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިން ވަނީ އެމްޑީޕީން 2023ގައި ވަކިވެ، ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި ޕާޓީއާ ގުޅިފަ އެވެ.
ތަފްސީލް - އެމްޑީޕީގެ ބައެއް އިސްބޭފުޅުން މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދެއްވި ގޮތުގައި، އޭގެ ތެރެއިން ބައެއް އިސް ބޭފުޅުން ރޭ ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިން މޭޓުގެ ގޮތުގައި ވާދަކުރެއްވި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު
-
ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޝިފާޒު
-
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް
ފާހަގަ ކުުރެވޭ - އެމްޑީގައި އިސްކޮށް އުޅުއްވުމަށް ފަހު ޕާޓީން ވަކިވެވަޑައިގެންނެވި ބައެއް ބޭފުޅުން އަލުން އެ ޕާޓީއާ ގުުޅިވަޑައިގެންނެވި އިރު، އެމްޑީޕީން ވަނީ 'ގާނޫނުއަސާސީގެ ދިފާއުގައި'ގެ ނަމުގައި މި މަހު 31 ވަނަ ދުވަހު މަގުމަތީ ހަރަކާތެއް ބޭއްވުމަށް ނިންމައިފަ އެވެ.
ކޮމެންޓް (1)
މަކަރު