އެމްޑީޕީން މީގެ ކުރިން ބޭއްވި ހަރަކާތެއްގެ ތެރެއިން ސޯލިހް (މ) އަދި ޕާޓީގެ ރައީސް ޝާހިދު (ކ) އާއި ޗެއާޕާސަން ފައްޔާޒު (ފޮޓޯ/އެމްޑީޕީ)

ރިޔާސީ ޓިކެޓްގެ ވާދަ ފަހަތަށް ޖައްސައި އަމާޒު ހިފަންވީ ކައުންސިލް އިންތިހާބަށް: ސޯލިހް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނަންތޯ އެހުމުން ސޯލިހް ވިދާޅުވީ އެއީ މި ދަނޑިވަޅުގައި ކުރަން ހެޔޮވާ ވަރުގެ ސުވާލެއް ނޫން ކަމަަށް

އެމްޑީޕީގެ ލީޑާޝީޕްގެ ބައެއް ބޭފުޅުންގެ މެދުގައި މިހާރު އޮތް ރިޔާސީ ޓިކެޓްގެ ވާދަވެރިކަން ފަހަތަށް ޖައްސާލައި ކައުންސިލް އިންތިހާބު ޕާޓީއަށް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރިޔާސީ ޓިކެޓްގެ ވާހަކަ ސޯލިހް ދެއްކެވީ އެމްޑީޕީއަށް މިއަދު 20 އަހަރު ފުރުމުގެ މުސާބަތުގައި ރާއްޖެ ޓީވީގެ 'ފަލަ ސުރުހީ' ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން އެ ޕްރޮގްރާމްގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ތަފްސީލު - 2028ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ ޝައުގުވެރިކަން މި ހަފްތާ ތެރޭ ބައެއް ސަޕޯޓަރުން ގާތުގައި ސޯލިހްގެ ފަރާތުން ވަނީ ހާމަ ކުރައްވާފަ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނަންތޯ މިރޭގެ ޕްރޮގްރާމްގައި ޕްރެޒެންޓަރު ކުރި ސުވާލަށް ސޯލިހް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

"ދަންނަވަންތޯ، ތިއީ މިއަދު ކުރަން ހެޔޮވާ ވަރުގެ ސުވާލެއް ނޫން. އެމްޑީޕީއަށް 20 އަހަރު ފުރިގެން އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ބަޔަކު އައިސް އެމްޑީޕީއާ ގުޅިގެން އެކީގައި މަސައްކަތް ކުރަން ފަށާ ވަގުތެއްގައި ކުރާ ކަހަލަ ސުވާލެއް ނޫން ތިއީ،" އެމްޑީޕީގެ ޕްރައިމަރީގައި ސޯލިހް ވާދަ ކުރައްވާނަންތޯ ނުވަތަ ނޫންތޯ އެހުމުން އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ އެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުން. ތި ދައްކަވަނީ 2028ގެ ވާހަކަ. އަޅުގަނޑުމެންގެ ކުރިމަތީގައި އެބަ އޮތް 2026ގެ ކައުންސިލް އިންތިހާބު."

ސޯލިހް ވިދާޅުވީ ހުރިހާ އެންމެންގެ އަމާޒަކަށް ވެސް ވާންވީ ކައުންސިލް އިންތިހާބު ޕާޓީއަށް ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ އިންޓްރެސްޓް ހުންނެވި ބޭފުޅުން މިހާރު ވެސް މަސައްކަތް އެބަ ކުރައްވާ. އެކަމަކު އަޅުގަނޑަށް ފެންނަނީ އެ ކަންތައް އެ ބޭފުޅުން އިހަށް މަޑުޖައްސަވާލަން. ކޮށްފައި، ފޯކަސް ކުރަން އެންމެން އެކީގައި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން،" ސޯލިހް ވިދާޅުވި އެވެ.

ރާއްޖެ ޓީވީގެ މިރޭގެ 'ފަލަ ސުރުހީ' ޕްރޮގްރާމްގައި ސޯލިހް ވާހަކަ ދައްކަވަނީ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި މިހަފްތާގައި އެ ޕާޓީއާ އަލުން ގުޅިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 2028ގައި ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން މީގެ ކުރިން ފާޅު ކުރައްވާފަ އެވެ. އެ ދެ ބޭފުޅުންގެ އިތުރުން އަދިވެސް ބައެއް ބޭފުޅުން އެމްޑީޕީގެ ޓިކެޓަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

'ނަޝީދާ މެދު ބަދަލު ހިފުމުގެ ވިސްނުމެއް ނުގެންގުޅެން'

ނަޝީދު ޖޫން 2023ގައި އެމްޑީޕީން ވަކިވަޑައިގެންނެވީ، އޭރު ރާއްޖޭގެ ރައީސަކަށް ހުންނެވި ސޯލިހާ ދެމެދު ޖެހުނު ކުރިމަތިވި ހިޔާލުފާތުވުންތަކާ ގުޅިގެންނެވެ.

ދެ ބޭފުޅުން 2023ގެ އިންތިހާބަށް ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވައިގެން ނަޝީދުގެ މައްޗަށް ސޯލިހް ކުރި ހޯއްދެވި އެވެ. ނަމަވެސް ސޯލިހަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވަޑައިގެންނެވި އެއް ސަބަބަކީ ވެސް ނަޝީދުގެ ވަކިވުމެވެ.

އެކަން ގަބޫލު ކުރައްވާ ކަމަށް މިރޭ ވެސް ސޯލިހް ވިދާޅުވި އެވެ.

ނަޝީދު އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސޯލިހް ގެންނެވީ މަޝްހޫރު ސައިންޓިސްޓް އައިންސްޓައިން ދައްކަވާފައިވާ ވާހަކަ އެކެވެ.

"އޭނަ [އައިންސްޓައިން] ބުނަނީ، ބަލިކަށި މީހުންނޭ ބަދަލު ހިފާނީ. ސްޓޯރޯންގް މީހުން މާފް ކުރާނީ. އިންޓެލިޖެންޓް މީހުން އިގްނޯއޭ ކުރާނީ،" ސޯލިހް ވިދާޅުވި އެވެ.

އެއާ އެކު، ސޯލިހް ވިދާޅުވީ ހަމަގައިމު ވެސް އެ މަނިކުފާނަކީ އޭގެ ތެރެއިން ބަދަލު ހިފާނެ މީހެއް ނޫން ކަމަށެވެ.

"ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ އެކަން [އަޅުގަނޑު ބަދަލު ނުހިފާނެކަން]،" ޑިމޮކްރެޓްސްގެ ބޭފުޅުން ގުޅިވަޑައިގަތުން އުފާވެވަޑައިގަންނަވާކަން ފާހަގަ ކުރައްވަމުން ސޯލިހް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދ، މީގެ ކުރިން ބޭއްވި އެމްޑީޕީގެ ހަރަކާތެއްގެ ތެރެއިން (ފައިލް ފޮޓޯ/ މިހާރު)

އޭގެ އިތުރުން ސޯލިހް ވިދާޅުވީ:

  • ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތުމާ އެކު އޭގެ ފަހުން ޑިމޮކްރެޓްސް އާއި އެމްޑީޕީއާ ދެމެދު މަޝްވަރާތަކެއް ކުރިއަށް ދިޔަ

  • އޭރު އޮތް އެއް ވިސްނުމަކީ ޑިމޮކްރެޓްސްއާ އެކު ކޯލިޝަން ހަދައިގެން ދެ ޕާޓީ އެކުގައި މަސައްކަތް ކުރުމަށް؛ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވެސް އެ ހިޔާލު ގެންގުޅުއްވި

"އެ ހިޔާލު އަޅުގަނޑާ ހަމައަށް ގެނައިމަ، ފުރަތަމަ ދުވަހު ވެސް އަޅުގަނޑު ބުނިން އަޅުގަނޑަށް ގަބޫލު ނުކުރެވެއޭ އެ ގޮތް. ޑިމޮކްރެޓްސްގައި ތިއްބެވި ބޭފުޅުންނަށް ވެސް، އެމްޑީޕީއަށް ވެސް އަދި ގައުމަށް ވެސް އެންމެ ފައިދާވާނެ ގޮތަކީ އެ ބޭފުޅުން އެނބުރި އެމްޑީޕީއަށް ވަޑައިގަތުމޭ. އެއީ އަޅުގަނޑު ތާއީދު ކުރި ގޮތް،" ސޯލިހް ވިދާޅުވި އެވެ.

"އެންމެ ފަހުން ނިމިގެން މި ދިޔައީ އެ ދުވަހު އަޅުގަނޑު ސްޓޭންޑް ކުރި ގޮތަށް. އޭގެ ސަބަބުން އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީ ކުރިއެކޭ އެއްގޮތަށް ސްޓްރޯންގްވެގެން ދާނެ."

ސޯލިހް ވިދާޅުވީ "ފަހަތަށް އެނބުރި ގޮސް، މާޒީގެ ތެރޭގައި ތާށިވެފައި ތިބޭކަށް ނުވާނެ" ކަމަށެވެ. މިއަދު ގައުމު އޮތް ހާލަތުން އެމްޑީޕީއަށް ކުރަން ޖެހިފައި އޮތީ މާ ބޮޑު މަސައްކަތެއްކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ސޯލިހް ވިދާޅުވީ:

  • މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ގައުމުގެ އިގްތިސާދު އޮންނާނީ ރަނގަޅަށް ކަމަށާއި މިއަދު ދިމާވެގެން އުޅޭ މައްސަލައަކީ ސަރުކާރަށް "މެނޭޖް ކުރަން ނޭނގުން" ކަމަށް

  • މިގޮތަށް ކަންތައް ދިމާވަނީ ރައީސް މުހައްމަދު މުއިއްޒަށް އަރިހުގައި ތިއްބެވި ބޭފުޅުން ރަނގަޅު ލަފާ ނުދެއްވާތީ ނުވަތަ އެ ދެއްވާ ލަފާ އަޑު ނާއްސަވާތީ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް