އެޗްޑިސީން ހުޅުމާލެ ފޭސް ދޭއްގައި ގާއިމް ކުރަން ބޭނުންވާ މަތީ ފަންތީގެ ހޮޓެލް މަޝްރޫއުގެ ސާމްޕަލް ކުރެހުމެއް

އެސްއީޒެޑްގެ ޓައުންޝިޕް އިސްލާހު އެއް ދުވަހުން ކޮމިޓީން ފާސްކޮށްފި؛ މަޝްވަރާ ކުރަން ޕީއެންސީން ބޭނުން ނުވި

އެސްއީޒެޑްގައި ޓައުންޝިޕްއެއް ތަރައްގީ ކުރާ އިންވެސްޓަރުންނަށް ގިނަ ޓެކްސް ލުއިތަކެއް ދިނުމަށް އިސްލާހުގައި ހިމަނާފައިވޭ

ސްޕެޝަލް އެކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް ގެންނަ މަތީ ފަންތީ ގެ އެޅުމާ ގުޅޭ ޓައުންޝިޕް އިސްލާހު، މުޅި މަޖިލީހުގެ ކޮމިޓީން އެއް ދުވަސް ތެރޭ މިއަދު ފާސްކޮށްފި އެވެ. މި ބިލު ކޮމިޓީން ފާސް ކުރީ އިދިކޮޅު އެމްޑީޕީން އިތުރަށް މަޝްވަރާ ކުރަން ހުށަހެޅި ހުށަހެޅުންތައް ބޭރުކުރުމަށްފަހުު އެވެ.

 ވީ ކިހިނެއް؟ - އެސްއީޒެޑް ގާނޫނަށް މިދިޔަ މަހު 20ގައި ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އެ ބިލު އަވަސްކޮށް ނިންމުމަށްޓަކައި މިއަދު މުޅި މަޖިލީހުގެ ކޮމިޓީން ވަނީ މަސައްކަތް ފަށާފަ އެވެ.

ބިލު ހުށަހެޅި މަގްސަދެއްގެ ގޮތުގައި އޮތީ:

  • ދެމެހެއްޓެނިވި ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑް ކަނޑައެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް

ތަފްސީލު - މި ބިލު އަވަސް ގޮތެއްގައި ފާސް ކުރުމަށްޓަކައި މިއަދު މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ބާއްވައި މިއަދުން މިއަދަށް ބިލު ފާސް ކުރަން ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މުޅި މަޖިލީހުގެ ކޮމިޓީން ފާސް ކުރި އެވެ. 

ކޮމިޓީން ބިލު ނިންމީ، ޕީއެންސީ ހުށަހެޅި ކުދި އިސްލާހުތައް ފާސްކޮށް، އިދިކޮޅު އެމްޑީޕީން ހުށަހެޅި ހުށަހެޅުންތައް ބޭރުކުރުމަށް ފަހު އެވެ.

އެމްޑީޕީން ހުށަހެޅި ހުށަހެޅުންތައް:

  • ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވީ، އަންނަ 1 ފެބްރުއަރީއަށް ބިލުގެ ސުންގަނޑި ކަނޑައެޅުމަށް

  • އެ ހުށަހެޅުން ބޭރުކޮށްލީ، 53 މެންބަރުންގެ ވޯޓާއެކު އަދި އެއްކޮޅަށް ވޯޓު ދެއްވީ، ނުވަ މެންބަރުން

  • އޭގެ އިތުރުން މީކާއިލް ހުށަހެޅުއްވި އަނެއް ހުށަހެޅުއްވުމަކީ، ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމާ ގުޅުންހުރި ބައެއް ފަރާތްތައް ހާޒިރު ކުރުމަށް؛ އޭގެ ތެރޭގައި ހިމެނެނީ، މަޓީ އާއި ގުޅުން ހުރި ތިން މިނިސްޓްރީގެ ވެރިން

  • އެ ހުށަހެޅުން ބޭރުކޮށްލީ 54 މެންބަރުންގެ ވޯޓާއެކު އަދި އެއްކޮޅަށް ވޯޓު ދެއްވީ، ނުވަ މެންބަރުން

ޕީއެންސީން ހުށަހެޅި އިސްލާހުތައް:

  • ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ ހުށަހެޅުއްވީ، ޒޯނުގައި ހިމެނޭ ޓޫރިސްޓް ރިސޯޓެއް/އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއްގެ ވިލާއެއް/ކޮޓަރިއެއް ދިގު މުއްދަތައް ކުއްޔަށް ދެވެނީ، އޭގެ ޖުމްލަ އަގުގެ %4 ރޭޓުން ޕްރޮޕަޓީ ޓްރާސްފާ ޓެކްސްއެއް ދައުލަތައް ދައްކާ ގޮތަށް

  • އެ ހުށަހެޅުން ފާސްވީ، 55 މެންބަރުންގެ ވޯޓުން؛ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ

ޕީއެންސީން ހުށަހެޅި އިސްލާހާއެކު، މުޅި މަޖިލީހުން ބިލު ފާސްކޮށްފައި ވަނީ 55 މެންބަރުންގެ ވޯޓާއެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.

ޓައުންޝިޕާއި އިންވެސްޓަރުންނަށް ލިބޭނެ ލުއިތައް

ބިލުގައިވާ ގޮތުން 'ސަސްޓެއިނަބަލް ޓައުންޝިޕް' އަކީ:

  • އެއް މެނޭޖްމަންޓަކުން ކަނޑައެޅޭ ވަކި ޒޯނެއްގައި ބިލުގައި ބަޔާންކުރާ ވަސީލަތްތަކާއި ހިދުމަތްތަކާ އެކު ގާއިމް ކުރާ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވޮލޮޕްމަންޓެއް 

  • އެތަނަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި ދިރިއުޅޭވޭނެ ވަސީލްތަތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކަށް ގާއިމް ކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވާން ޖެހޭ 

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް

މިގޮތަށް ތަރައްގީ ކުރުމަށް ހުއްދަ ދޭ ޝަރުތުތައް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޒޯންގައި ކުރާ އިންވެސްޓްމެންޓް 500 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދަކަށް ވާން ޖެހޭ

  • ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީ ކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ޒޯނެއް ގާއިމް ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީ ކުރެވޭ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ޒޯނުގައި ގާއިމް ކުރުން

  • ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒަކާއި ބައިނަލްއަގުވަމީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް އެ ޒޯނުގައި ގާއިމު ކުރުން

  • ޒޯންގައި ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖުކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކަކީ ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ ވަސީލަތްތަކަކަށްވުމާއެކު ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 އިއާދަކުރަނިވި ހަކަތައަށްވުން

  • ރާއްޖެއަށް އިމްޕޯޓު ކުރާ ކާބޯތަކެތީގެ އަދަދު މަދުކޮށް ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރު ކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާކަލްޗާގެ ވަސީލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ގާއިމުކުރުން

  • ދިރިއުޅޭނެ ތަންތަނާއި ތައުލީމީ މަރުކަޒުތަކާއި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ދޭ ތަންތަން ހިމެނޭގޮތުން، ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ޒޯނުގައި ގާއިމުކުރުން

އިންވެސްޓް ކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތްކެއް

އިސްލާހުގައިވާ ގޮތުން، މިގޮތަށް އުފައްދާ ޓައުންޝިޕް ޒޯނަށް ނުވަތަ އެ ޒޯނެއްގެ ޑިވޮލަޕަރަށް ނުވަތަ އެފަދަ ޒޯނެއްގައި އިންވެސްޓަރުންނަށް ހާއްސަ އިނާޔަތްތަކެއް ނުވަތަ ލުއިތަކެއް  ދިނުމަށް ކަނޑައަޅާފައިވެ އެވެ.

އެގޮތުން:

  • ސްޓްރާޓާ އުސޫލުން ދިގު މުއްދަތައް ވިލާތައް ވިއްކާފައި ދައްކަން ޖެހޭ ޕްރޮޕަޓީ ޓެކްސް ފުރަތަމަ ފަށާއިރު ވަރަށް ކުޑަކޮށް؛ އެއީ ފުރަތަމަ މުއަމަލާތުން %1، ދެވަނަ މުއާމަލާތުން %2 އަދި ތިން ވަނަ އަދި އޭގެ ފަހުން ކުރާ ކޮންމެ މުއާމަލާތަކުން %4

  • އާމްދަނީން ޓެކްސްގެ ނުގެ ގާނޫނުގެ ދަށުން ނަގާ ޓެކްސްއަށްވެސް ލުއިދިނުމަށް ހިމަނާފައިވޭ؛ އެއީ، ފުރަތަމަ10 އަހަރަށް %5، އޭގެ ފަހުން20 ވަނަ އަހަރުގެ ނިޔަލަށް %10، އަދި 21 އަހަރު ފަހުން ނަގާނީ ގާނޫނުގައި އެހެން ހިދުމަތްތަކުންވެސް ޓެކްސް ނަގާ ރޭޓުން

  • ޒޯންގައި ތަރަައްގީކުރުމަށްޓަކައި އެތެރެ ކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުން އިސްތިސްނާ ވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް