ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

އެސްއީޒެޑް ގާނޫނު އިސްލާހު ކުރަނީ ނާޖާއިޒް ފައިދާތަކެއް ހޯދަން: އެމްޑީޕީ މެންބަރުން

މިއަދުން މިއަދަށް ބިލުގެ ކޮމިޓީ މަސައްކަތް ނިންމަން އުޅޭތީ އެމްޑީޕީ މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވި

ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް)ގެ ގާނޫނު އަވަސް އަރުވާލައިގެން އިސްލާހު ކުރަން އުޅެނީ ސަރުކާރުން ނާޖާއިޒް ފައިދާތަކެއް ހޯދުމަށް ކަމަށް އިދިކޮޅު އެމްޑީޕީ މެންބަރުން މިއަދު ތުހުމަތުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެސްއީޒެޑް ގާނޫނަށް މިދިޔަ މަހު 20ގައި ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ. އެ ބިލު އަވަސްކޮށް ނިންމުމަށްޓަކައި މިއަދު މުޅި މަޖިލީހުގެ ކޮމިޓީން ވަނީ މަސައްކަތް ފަށާފަ އެވެ.

ބިލު ހުށަހެޅި މަގްސަދެއްގެ ގޮތުގައި އޮތީ:

  • ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި އެސްއީޒެޑް ކަނޑައެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް

ތަފްސީލު - މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވީ މި ބިލު އަވަސް އަރުވާލައިގެން ފާސް ކުރުމަށް ޕީއެންސީ މެންބަރުން މަސައްކަތް ކުރައްވަމުންގެންދަވާތީ އެވެ. އެ މެންބަރުން ވަކާލާތު ކުރެއްވީ ގުޅުން ހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް، ހިޔާލު ހޯދައިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ބިލުގެ މަސައްކަތް ނިންމުމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ). (ފޮޓޯ/މަޖިލިސް)

އެމްޑިޕީގެ މެންބަރުން ތިން ހުށަހެޅުމެއް ހުށަހެޅުއްވި އެވެ. އެއީ:

  • ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވީ، އަންނަ 1 ފެބްރުއަރީއަށް ބިލުގެ ސުންގަނޑި ކަނޑައެޅުމަށް

  • އޭގެ އިތުރުން މީކާއިލް ހުށަހެޅުއްވި އަނެއް ހުށަހެޅުއްވުމަކީ، ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައެއް ބޭފުޅުން ހާޒިރު ކުރުމަށް؛ އޭގެ ތެރޭގައި ގުޅުން ހުރި މިނިސްޓްރީތަކާއި އިންޑަސްޓްރީ ބޭފުޅުން ގެނައުމަަށް ހިމެނުއްވި

  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކޫޑޫ) ހުށަހެޅުއްވީ،  މިހާރު ހިނގަމުންދާ ޓޫރިސްޓު ހިދުމަތް ދޭ ތަންތަނާއި އާންމުކޮށް ޓޫރިސްޓުންނަށް ވިއްކާ ޕްރޮޑަކްތައް މި އިސްލާހުން އިސްތިސްނާ ކުރަން

މަޖިލީހުގެ ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވި ގޮތުގައި، އެމްޑީޕީން މި އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަނީ މީގެ ދަށުން އިންވެސްޓް ކުރާ މީހުންނަށް ޓެކްސްއަށް ލުއި ލިބި، މިހާރު ޓޫރިޒަމްއަށް އިންވެސްޓްކޮށްފައި ތިބި ވިޔަފާރިތައް އަލަށް މި އަންނަ އިންވެސްޓަރުންނާ ވާދަ ކުރަން ޖެހޭތީ އެވެ. އޭގެ ސަބަބުން މިހާރު އިންވެސްޓްކޮށްފައިވާ ވިޔަފާރިތަކަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މިއީ ނ. އަތޮޅަށް އެމްޑީޕީ ސަރުކާުރުން ގެނެސްފައިވާ އިންވެސްޓްމަންޓަކަށް މިބޭފުޅުން އެ ޕްރޮޖެކްޓުން ޓެކްސް މާފްކޮށް، އޭގެން މަންފާތަކެއް ހޯދަން،" ވަކި އިންވެސްޓްމެންޓެއްގެ ނަމެއް ނުގެންނަވައި ޝަމްހީދު ވިދާޅުވި އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު. (ފޮޓޯ/މަޖިލިސް)

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވެސް ތުހުމަތު ކުރެއްވި ގޮތުގައި، މި އިސްލާހު ގެންނަން އުޅެނީ ސަރުކާރުން އޭގެ ނާޖާއިޒް މަންފާތަކެއް ހޯދުމަށެވެ.

ނާޒިލް ވެސް ގޮވާލެއްވީ، މި ބިލަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގުޅުން ހުރި ފަރާތްތައް ގެނެސް، ހިޔާލުތައް ހޯދައިގެން ބިލުގެ މަސައްކަތް ނިމުމަށެވެ.

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނާޒިލް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ފާގަކަޮށްލެވޭ ކަމެއް - ބިލުގައިވާ ގޮތުން 'ސަސްޓެއިނަބަލް ޓައުންޝިޕް' ކަމަށް ބަޔާން ކުރަނީ، އެއް މެނޭޖްމަންޓަކުން ކަނޑައެޅޭ ވަކި ޒޯނެއްގައި ބިލުގައި ބަޔާންކުރާ ވަސީލަތްތަކާއި ހިދުމަތްތަކާ އެކު ގާއިމް ކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވޮލޮޕްމަންޓެއް ހިމެނޭ ގޮތަށް ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނި އިންފްރާސްޓްރަކްޗަރާއި ވަސީލަތްތައް މެދުވެރިކޮށް، ތަނުގައި ދިރިއުޅޭވޭނެ ވަސީލްތަތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކަށް ގާއިމް ކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދަށެވެ.

މިގޮތަށް ތަރައްގީ ކުރުމަށް ހުއްދަ ދެވޭނެ ޝަރުތުތައް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޒޯންގައި ކުރާ އިންވެސްޓްމެންޓް 500 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދަކަށް ވާން ޖެހޭ

  • ލަގްަޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތަކާއި ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭހެން ތަރައްގީ ކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ޒޯނެއް ގާއިމް ނުވަތަ ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ހިދުމަތްތައް ހިމެނޭހެން ތަރައްގީ ކުރެވޭ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ޒޯނުގައި ގާއިމް ކުރުން

  • ބައިނަލްއަގުވާމ ީފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒަކާއި ބައިނަލްއަގުވަމީ ސިއްހީ ހިދުމަތްދޭ މަރުކަޒެއް އެ ޒޯނުގައި ގާއިމު ކުރުން

  • ޒޯންގައ ިހަކަތަ އުފެއްދުމަށާއި ކުނި މެނޭޖުކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކަކީ ސެލްފް ސަފިޝަންޓް އިންފްރާސްޓްރަކްޗާ ވަސީލަތްތަކަކަށްވުމާއެކު ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށްވުން

  • ރާއްޖެއަށް އިމްޕޯޓު ކުރާ ކާބޯތަކެތީގެ އަދަދު މަދުކޮށް ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް ކާބޯތަކެތި އުފެއްދުން އިތުރު ކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއާކަލްޗާގެ ވަސީލަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ގާއިމުކުރުން

  • ދިރިއުޅޭނެ ތަންތަނާއި ތައުލީމީ މަރުކަޒުތަކާއި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކާއި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ދޭ ތަންތަން ހިމެނޭގޮތުން، ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތައް މެދުވެރިކޮށް ތަނުގައި މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި ހިދުމަތްތަކާއި އާންމު ބޭނުންތަކުގެ ވަސީލަތްތައް ޒޯނުގައި ގާއިމުކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް