އެޗްޑިސީން ހުޅުމާލެ ފޭސް ދޭއްގައި ގާއިމް ކުރަން ބޭނުންވާ މަތީ ފަންތީގެ ހޮޓެލް މަޝްރޫއުގެ ސާމްޕަލް ކުރެހުމެއް

މަތީ ފަންތީގެ މީހުންނަށް ނ. އަތޮޅުގައި ޓައުންޝިޕެއް ހަދަން ހުއްދަދީފި

ޓައުންޝިޕް ހެދުމަށް ހުއްދަދީފައިވަނީ ކްރިސްޓަލް ހޯލްޑިގްސް ޕްރައިވެޓް ލިމިޓެޑަށް؛ ކްރިސްޓަލް އިން ޓައުންޝިޕްތައް ތަރައްގީކުރާނީ ނ. ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައި

ރާއްޖޭގައި ގާއިމު ކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް)ގެ ދަށުން ތަރައްގީކުރާ މަތީފަންތީގެ ޓައުންޝިޕް ނ. އަތޮޅުގައި ހަދަން ބޯޑް އޮފް އިންވެސްޓްމަންޓުން މިއަދު ހުއްދަދީފި އެވެ.

ވީ ކިހިނެއް؟ - ސްޕެޝަލް އިކޮނޮމިކް ޒޯނު ފްރޭމްވޯކުގެ ދަށުން ތަރައްގީ ކުރާ ސަސްޓެއިނަބަލް ޓައުންޝިޕްތަކަކީ އެންމެ މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަކުރާ ތަންތަނަށް ވާން ޖެހޭނެ ކަމަށް ނިންމައި ޓައުންޝިޕްތަކުގައި ހުންނަން ޖެހޭނެ ޝަރުތުތައް އިންވެސްޓުމެންޓު ބޯޑުން އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

މިއަދު އެ ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ، އެސްއީޒެޑްގެ ދަށުން ނ. އަތޮޅުގައި ޓައުންޝިޕް ހެދުމަށް ކްރިސްޓަލް ހޯލްޑިގްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަދީފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - އިންވެސްޓުމަންޓް ބޯޑުން ބުނިގޮތުގައި ކްރިސްޓަލް ހޯލްޑިންގެ ފަރާތުން 'ޕްރޮޖެކްޓް އައިލާ'ގެ ނަމުގައި ހިންގާ އެ މަޝްރޫއުގެ ދަށުން ޓައުންޝިޕްތައް ތަރައްގީކުރަނީ ނ. ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭންތައް ހިމެނޭހެން، ފީސިބިލިޓީ އެސެސްމަންޓާއި، ތިމާވެށީގެ ތަހުލީލުތައް ފަދަ މަޝްރޫއުގެ ތަފްސީލުތައް ހުށަހަޅަން 180 ދުވަސް ކްރިސްޓަލް ހޯލްޑިންއަށް އެ ބޯޑުން ވަނީ ދީފަ އެވެ. މަޝްރޫއު ކުރިއަށްގެންދެވޭނީ އެތަކެތި ބަލައި ދިރާސާކުރުމަށް ފަހު ބޯޑުން ފާސްކުރުމުންނެވެ.

ބޯޑުން ބުނިގޮތުގައި އެ މަޝްރޫއުގެ ތެރެއިން:

  • އެންމެ މަތީ ފަންތީގެ ބޯހިޔާވަހިކަން ތަރައްގީކުރާނެ 

  • ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތްތައް ތަރައްގީ ކުރާނެ 

  • އެތަންތަނުގެ މަދުވެގެން %60 އިމާރާތްތަކުގައި ބޭނުންކުރާނީ އިއާދަކުރަނިވި ހަކަތަ 

  • އެތާ ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތީގެ ޔަގީންކަން ކަަށަވަރުކުރުމަށް ޒަމާނީ ދަނޑުވެރިކަމާއި އެކުއަކަލްޗާއެއް ބިނާކުރާނެ

  • އެތާގައި ދިރިއުޅޭ މަތީފަންތީގެ އާއިލާތަކާއި މުވައްޒަފުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި ސިއްހީ ހިދުމަތާއި ތައުލީމީ ބިނާތައް ތަރައްގީކުރެވޭނެ  

ފާހަގަކޮށްލެވޭ ކަމެއް - އިންވެސްޓްމަންޓް ބޯޑުން އިއްޔެ އާންމުކުރި ޝަރުތުތަކުގައިވާ ގޮތުން ޓައުންޝިޕްތަކަށް މަދުވެގެން 500 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހެ އެވެ. އަދި މިއީ އެންމެ މަތީ ފަންތީގެ މީހުން ރާއްޖޭގައި ދިރިއުޅެން ކަމުދާނެ ގޮތަކަށް ތަރައްގީ ކުރާ ތަންތަނަށް ވާން ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް