ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ނައިބު ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފައްޔާޒު ގޮވާލައްވައިފި

ފައްޔާޒު ވިދާޅުވި ގޮތުގައި، އިދިކޮޅު އެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ނައިބު ރައީސް ޕޯސްޓެއް ކުރެއްވީ ޕްރެޝަރެއް އޮވެގެން

ރައީސް މުހައްމަދު މުއިއްޒު ވެރިކަމުން ދުރުކޮށް، ގައުމުގެ ރައީސްކަން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއާ ހަވާލު ކުރުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރޭ ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - ފައްޔާޒު މި ގޮތަށް ގޮވާލެއްވީ، މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި އެއްވުމަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރޭ އެ ޕާޓީން ބޭއްވި ކުއްލި ގައުމީ މަޖިލިސް ބައްދަލުވުމުގަ އެވެ.

ތަފްސީލު - މުޒާހަރާ ރޫޅާލުމަށް ފުލުހުން އަމަލު ކުރި ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވަމުން ފައްޔާޒު ވިދާޅުވީ އެ މުޒާހަރާއަކީ ނައިބު ރައީސް ހުސައިންއާ އެއްވެސް ވަރަކަށް ގުޅިގެން ބޭއްވި މުޒަހަރާއެއް ނޫން ކަމަށެވެ. އަދި ނައިބު ރައީސް މުޒާހަރާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި އެމްޑީޕީއަށް ނިސްބަތްކޮށް ބަހުގެ ހަމަލާތަކެއް ދެއްވީ، ފައްޔާޒު ވިދާޅުވި ގޮތުގައި، ވަރަށް ބޮޑު ޕްރެޝަރެއް ސަރުކާރުން އެ މަނިކުފާނަށް ކޮށްގެންނެވެ.

"އެހެން ނަމަވެސް، ވެރިކަމާ ހަވާލުވުމަށް ނައިބު ރައީސް ހުންނެވީ ތައްޔާރަށްކަން އަޅުގަނޑުމެންނަށް އެނގޭ. އަދި ހަމަ މި ފުރުސަތުގައި އަޅުގަނޑު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މިހާރު މި ހުރި ނުބައި، އަނިޔާވެރި، ގަމާރު، ތަންދޮރު ނޭނގޭ، މުޅި ދިވެހިރާއްޖޭގެ އިގްތިސާދާއި މުޅި ދިވެހިރާއްޖޭގެ ދައުލަތް ފުނޑުފުނޑުކޮށްލަމުން މިދާ ޑރ. މުއިއްޒު އަޒުލު ކުރައްވައި ނައިބު ރައީސްއާ ވެރިކަން ވަގުތުން ހަވާލު ކުރުމަށް އަޅުގަނޑު ގޮވާލަން،" ފައްޔާޒް ވިދާޅުވި އެވެ.

"ނައިބު ރައީސްއަށް ވަރަށް ބޮޑު ޕްރެޝަރެއް އޮވެގެން ޓްވީޓް ކުރައްވާފައި އެބައޮތް. ދެން އަޅުގަނޑު ވެސް ދަންނަވާލަން ބޭނުން، އެއްވެސް ގޮތަކަށް ނައިބު ރައީސް އާއި އަޅުގަނޑުމެން [އެމްޑީޕީ]އާ ގުޅިގެން ހިނގައިދިޔަ މުޒަހަރާއެއް ނޫން އެއީ."

މީގެ ކުރިން ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ރިޔާސަތުގައި ފައްޔާޒު(މ) (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ގާނޫނުއަސާސީގެ 112 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުން އެއްވެސް ސަބަބަކާ ހުރެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، ރައީސްގެ މަގާމާ ހަވާލުވާނީ ނައިބު ރައީސް އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ފައްޔާޒުގެ ވާހަކައިގައި ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއް ކަމަށް އިޝާރާތް ކުރެއްވީ އެމްޑިޕީގެ އެއްވުމާ ގުޅިގެން އިއްޔެ ހަވީރު އެ މަނިކުފާނު ކުރެއްވި ޕޯސްޓަށެވެ. އެ ޕޯސްޓުގައި ނައިބު ރައީސް ވަނީ، އެމްޑިޕީގެ އެއްވުން ކުށްވެރިކުރައްވައި އެއީ "ނިރުބަވެރި" ނުވަތަ ޓެރަރިޒަމްގެ ހަރަކާތެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

"އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި ހިޔާލު ފާޅުކުރުމުގެ ހައްގުގެ ނިވަލުގައި ގާނޫނުއަސާސީ އާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ހަރާކާތެއްގެ ގޮތުގައި ސިފަކުރަން،" ނައިބު ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ކޮމެންޓް (2)

ފަޔާޔާ

5 އޮކްޓޯބަރު 2025
ފަޔާ ބުނަން ހަޱި ހާވަން ނުއުޅޭ އަބަދު ތިޔަހެން ކަންތައް ކުރަންވީމާ ދުވަކުވެސް ހަމަޖެހުމެއް ނުލިބޭނެ.
4 0

ލަދުން ހަލާކު

5 އޮކްޓޯބަރު 2025
އަޅެ ޗެއަރޕާސަން މިހުރީ ބޮލު ރޮދި ގޮއްސަތަ؟ އެންމެ ބޮޑު އެއް ޕާޓީގެ އިސްވެރިޔާ މި ދައްކާ ދެ އުޅިއެއް ނުވާ ވާހަކަ ދޯ؟ ތަންކޮޅެއް ހަމަޖެހޭ ޑިޕްލޮމެޓިކް ރައްދު ދީބަލަ. އެކްޓިވެސްޓެއް ހެން ނޫޅެބަލަ. ލަދުގަނޭ ޕާޓީއަށް ތިވާ ގޮތް ފެނިފަ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް