ފުލުހުން ރޭގެ މުޒާހަރާ ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ބާރު އަޑު ފޮނުވާ އާލާތް ބޭނުން ކުރުމުން އާންމުންނަށް ސިއްހީ މައްސަލަތައް
އެމްޑީޕީން ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބޭނުންކުރި ތޫނު އަޑު ފޮނުވާ، ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ)ގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް އެކި ސިއްހީ މައްސަލަތައް ދިމާވެފައިވާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
އެނގުން މުހިންމު - އެލްއާރުއޭޑީއަކީ މުޒާހަރާތައް ކޮންޓްރޯލް ކުރަން އެކި ގައުމުތަކުގައި ފުލުހުން ބޭނުންކުރާ ދުރަށް އަޑު ފޮނުވާ ހާއްސަ، ވަރުގަދަ ސްޕީކާ ސިސްޓަމެއް ނުވަތަ "ސައުންޑް ކެނަން" އެކެވެ. އެގޮތުން:
-
ފުލުހުން މި އާލާތް ބޭނުން ކުރަނީ މުޒާހަރާ ކުރާ މީހުންނަށް އިންޒާރާއި އިރުޝާދު ދިނުމަށް؛ އެމީހުން އެއަށް ތަބާނުވާނަމަ ކަންފަތަށް އުނދަގޫވާ ވަރަށް ތޫނު އަޑެއް ނުވަތަ ޑިޓަރަންޓް އަޑެއް ދުރަށް ފޮނުވާ މުޒާހަރާ ރޫޅާލާ
-
މި އާލާތުގެ ބައެއް މޮޑެލްތަކަށް ކައިރި ދުރުމިނުން 150 ޑެސިބަލްއަށްވުރެ މަތިން އަޑު ފޮނުވޭ
ފާހަގަކޮށްލެވޭ - މުޒާހަރާއެއް ރޫޅާލުމަށް މި އާލާތް ދިވެހި ފުލުހުން ބޭނުންކުރި މިއީ ފުރަތަމަ ފަހަރެވެ.
ތަފްސީލް - މުޒާހަރާގެ ބައިވެރިއަކު ބުނި ގޮތުގައި އެލްއާރުއޭޑީން ފޮނުވަމުން ދިޔަ ކަންފަތަށް އުނދަގޫވާ މި ގަދަ އަޑުގެ ސަބަބުން ގަދަޔަށް ބޮލުގައި ރިއްސާ ބޯ އެނބުރި އެވެ. އަދި ކޮޅަށް ހުންނަން ވެސް އުނދަގޫވި އެވެ.
"ހީވީ ހަމަ އަނބުރައިގަނެގެން ވެއްޓޭހެން،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.
އެހެން ބައިވެރިއަކު ބުނީ މިއަދު ވެސް އަދި ކަންފަތް ހުރީ ވަރަށް ބޮޑަށް ބައްވެފައި ކަމަށެވެ. އަދި ހުންނަނީ ބޯ އަނބުރާ ހޮޑު ލަވާފަ އެވެ. މީގެ އިތުރަށް އެހެން ބައިވެރިއަކު ބުނީ، އެ އަޑުގެ ސަބަބުން ގަދަޔަށް ބޮލުގައި ރިއްސާ ރޭ ނުވެސް ނިދޭ ކަމަށެވެ.
"ބޯ ހީވަނީ ހަމަ ފަޅައިގެން ދާހެން. ނުވެސް ނިދޭ،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.
އެމްޑީޕީގެ ބަސް - އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނޭ އަހުމަދު މައުރޫފް ވިދާޅުވީ:
-
އެލްއާރުއޭޑީ އަކީ ފުލުހުން އެ މީހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމުގެ ހުއްދަ އޮތް އާލާތެއް ނޫން
-
އެއީ އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ އާންމުން ބިރު ގަންނަވަން ބޭނުންކުރާ އެ ގައުމުގެ އުފެއްދުމެއް
"ރާއްޖެއަށް އިޒްރޭލުގެ އުފެއްދުމެއް އެތެރެކުރުން މަނާއިރު މިފަދަ އެއްޗެއް އެތެރެކޮށް އަދި ފުލުހުން ބޭނުންކުރުން މިއީ ސީރިއަސްކަމެއް. އެ މައްސަލަތައް އަޅުގަނޑުމެން ޖައްސާނަން،" މައުރޫފް ވިދާޅުވި އެވެ.
އެމްޑީޕީގެ ގާނޫނީ ޓީމްގައި ހިމެނޭ، އައިކް އަހުމަދު އީސާ ވިދާޅުވި ގޮތުގައި:
-
ރޭ ފުލުހުން ބޭނުންކުރި ބާރު އަޑުގެ ސަބަބުން މުޒާހަރާގެ ބައެއް ބައިވެރިންގެ އިވުމަށް ދާއިމީކޮށް އަސަރުކޮށްފައިވާ ކަމުގެ ޝަކުވާ ލިބިފައިވޭ
-
ފުލުހުން ބާރުގެ ބޭނުން ކުރަން ވާނީ ހެދިފައިވާ ގާނޫނުތަކާއި ހެދިފައިވާ އުސޫލުތަކުގެ ތެރެއިން
މީގެ އިތުރަށް، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ވެސް ވަނީ އެހާ ބާރު އަޑެއް ފޮނުވާ އާލާތެއް ފުލުހުން ބޭނުންކުރުމުން ކަމާ ނުބެހޭ މީހުންނާއި ކުޑަކުދިންނަށް އުނދަގޫވި ކަމުގެ ޝަކުވާކޮށްފަ އެވެ.
"އެ އަޑާ ހުރެ ކަންފަތަށް އުނދަގޫވެގެން އަޅުގަނޑުގެ ދަރިފުޅުން ނުވެސް ނިދާ ކަހަލަ ގޮތަކަށް އުޅުނީ ރޭ،" މަޖީދީ މަގު ޖެލީ ޕިއްޒާ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.
އެ ޝަކުވާތަކާ ގުޅިގެން ފުލުހުންގެ ފަރާތުން ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އެ އިދާރާގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެވެ.
ގުޅުންހުރި - މުޒާހަރާތައް ރޫޅާލުމުގައި އެ އާލާތް ބޭނުންކުރުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހިޔާލު ތަފާތުވުމާއި ކަންބޮޑުވުން އޮތް ކަމެކެވެ. އެގޮތުން، އެއީ ހާލަތާ ނުބައްދަލު ބާރު ބޭނުންކުރުން ކަމަ ބުނެ، މަދަނީ ޖަމްއިއްޔާތަކުން އެކަމުގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ.
ކޮމެންޓް (2)
ލިލީ
ހަނީމް