މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކުރަނީ(ފޮޓޯ/ ދައުރު)
މުޒާހަރާއިން ހައްޔަރުކުރި 6 މީހުންގެ ބަންދަށް 15 ދުވަސް
އިދިކޮޅު އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 8 މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި ދެން ތިބި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ވީކިިހިނެއް؟ - ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި 8 މީހަކު ރޭ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އިރު، އެ އެންމެންނަށް ވެސް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔަ އެވެ.
ތަފްސީލް - އެއިން އެކަކު ވަނީ މާލޭން ބޭރަށް ނުދިއުން ފަދަ ޝަރުތުތަކާ އެކު ކޯޓުން ދޫކޮށްލައިފަ އެވެ. އަދި އަނެކަކު ވަނީ ހައްޔަރުގައި ބެހެއްޓުމަށް ފަހު ކޯޓަށް ނުގެންގޮސް ދޫކޮށްލައިފަ އެވެ.
ދެން ތިބި 6 މީހުންގެ ބަންދަށް 15 ދުވަސް ޖެހި އިރު އޭގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންނަކީ:
-
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް
-
މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް
-
މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ
ބުނީ ކީކޭ؟ - މި ކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ބަންދުކުރި މީހުން ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ. ފައްޔާޒު ވިދާޅުވީ ކިތަންމެ ބަޔަކު ބަންދުކޮށް ދައުވާކުރިއަސް އިދިކޮޅު ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށެވެ.
"ބެޓަނަކަށް، ކަރުނަ ގޭހަކަށް، ޕެޕާ ސްޕްރޭއަކަށް، ސޮނިކް ވެޕަނަކަށް ބިރުން ސިހިގެން ދިވެހިން ފަހަތަކަށް ނުޖެހޭނެކަން އަނެއްކާ ވެސް ސާބިތުކޮށްދީފި. ދުވަހެއް ދުވަހެއް މީހުންގެ އަދަދު ދާނީ އިތުރުވަމުން،" ފައްޔާޒު ލިއުއްވާފައިވެ އެވެ.
ފާހަގަކޮށްލެވޭ - ރޭގެ މުޒާހަރާ ފުލުހުން ރޫޅާލަން ބާރުގެ ބޭނުން ކުރިއިރު، ފުލުހުންގެ އަމަލުތައް ދިފާއުކޮށް ސަރުކާރުގެ ފަރާތުން ފޮރިން މިިނިސްޓްރީން ވަނީ އިނގިރޭސި ބަހުން ބަޔާނެއް ނެރެފަ އެވެ.
ފުލުހުން ރޭގެ މުޒާހަރާ ރޫޅާލީ، އަމީީނީ މަގުން ހިނގާލުން ކުރިއަށް ގެންދަން އަންގާފައިވަނިކޮށް ފުލުހުން ދިން ރޫޓަށް ބެލުމެއް ނެތި މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ދާން މަސައްކަތްކުރުމުންނެވެ.
ފުލުހުންގެ އާލާތް އަތުލަން މަސައްކަތްކޮށް، ފުލުުހުންނާ ދިމާއަށް މުޒާހަރާގެ ބައިވެރިން ގަލާއި ފެން ފުޅި އުކައި އަމަން ގެއްލުވާލަން އުޅުނު ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.