ރޭގެ މުޒަހަރާގެ ބައިވެރިއެއްގެ މޫނާ ދިމާކޮށް ފުލުހަކު ޕެޕާ ސްޕްރޭ ޖަހަނީ (ފޮޓޯ/ ވިރާސީ)

ފުލުހުން

ބާރުތައް ބޭނުން ކުރީ ގާނޫނާއި ގަވައިދުގެ ތެރެއިން: ފުލުހުން

ރޭގެ މުޒަހާރާ ރޫޅާލުމަށް ފުލުހުން ބޭނުން ކުރި ތޫނު އަޑު ފޮނުވާ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ)އަކީ ހުއްދަ ލިބިގެން ބޭނުން ކުރި އާލާތެއް ނޫން ކަމަށް ބުނެ ބައެއް ވަކީލުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން

އިދިކޮޅު އެމްޑީޕީން ރޭ 'ލޫޓުވައިފި ލޫޓުވައިފި' ނަމުގައި މާލޭގައި ބޭއްވި އެއްވުމުގައި ފުލުހުން ގާނޫނާ ހިލާފަށް ބާރުގެ ބޭނުން ކުރި ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް، ބާރު ބޭނުން ކުރި ގޮތް އެ މުއައްސަސާއިން މިރޭ ދިފާއުކޮށްފި އެވެ. ފުލުހުން ބުނީ މުޒަހަރާއަށް ހުރަސް އަޅަން ބޭނުންކޮށްފައިވަނީ ގާނޫނާއި ގަވައިދުތަކުން ބޭނުން ކުރަން ހުއްދަކޮށްފައިވާ ބާރުތަކެއް ކަމަށެވެ.

ވީ ކިހިނެއް؟ - ރޭގެ މުޒަހާރާ ރޫޅާލުމަށް ފުލުހުން ބޭނުން ކުރި ތޫނު އަޑު ފޮނުވާ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ)ގެ ސަބަބުން މުޒާހަރާގެ ބައިވެރިންނަށް އެކި ސިއްހީ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ.

ފަހުގެ ތާރީހުގައި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ބޭނުން ކޮށްފައި ނުވާ އެ އާލާތަކީ އެ މުއައްސަސާއަށް ބޭނުން ކުރުމުގެ ހުއްދަ ލިބިގެން ނުވާ އާލާތެއް ކަމަށް ބުނެ ބައެއް ވަކީލުން ވެސް ދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ފުލުހުން މިރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

ތަފްސީލު - ފުލުހުންގެ ބަޔާނުގައި ބުނީ މުޒާހަރާއަށް ހުރަސް އެޅީ އެމްޑީޕީއާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް މުޒާހަރާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުން ކަމަށެވެ. އެގޮތުން، ފުލުހުން ބުނީ:

  • އެމްޑީޕީއާ އެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް މުޒާހަރާގެ ބައިވެރިން ހިނގަން ފެށީ މަޖިދީމަގުން ދިއުމަށް (ފުލުހުން މީގެ ކުރިން އާންމު ކުރި ޗާޓުގައިވާ ގޮތުން ހުއްދަ ދިނީ އަމީނީ މަގުން ދިއުމަށް)

  • އެއްބަސްވުމާ ހިލާފަށް އަމަލު ކުރަން ފެށުމުން އެއްވުމުގެ ބައިވެރިންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިލްތިމާސް ކުރިން

  • އެއާ އެކު، މުޒާހަރާގެ ބައިވެރިން ވަނީ ގާނޫނާ ހިލާފު ހަރަކާތްތަކެއް ހިންގާފައި؛ އޭގެ ތެރޭގައި ފުލުހުންނާއި ކުރިމަތިލުމާއި ބެރިކޭޑް/ޝީލްޑްތައް ނެގުން ފަދަ ކަންކަން ހިމެނޭ

"އެއްވުން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވަނީ ގާނޫނު ނަންބަރު 34/2020 (ފުލުހުންގެ ހިދުމަތުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކުން ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރާއި އިހްތިޔާރުގެ ދާއިރާގެ ތެރެއިން ކަމުގައި ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

މި ބަޔާނުގައި ރޭ ފުލުހުން ބޭނުން ކުރި ބާރުގަދަ އެލާމް ބޭނުންކޮށްފައިވަނީ އެ ދެ ގަވައިދުގެ ކޮން މާއްދާއަކުން ބާރު ލިބިގެން ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ. ވަކި ކަމެއް ފާހަގަނުކޮށް، ޖުމްލަ ގޮތެއްގައި ބޭނުން ކުރި ހުރިހާ ބާރެއް ވެސް ބޭނުންކޮށްފައިވަނީ ހުއްދަ ގޮތުގައިކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމަށް ފުލުހުން ބޭނުންކޮށްފައިވާ ބާރަކީ އެފަދަ ހާލަތެއްގައި ބޭނުންކުރުމަށް 'ހަތިޔާރު ހޯދުމާއި ގެންގުޅުމުގެ ގަވައިދު' އަދި 'ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދު'ގައި "ހުއްދަކޮށްފައިވާ ބާރުތަކެއް" ކަމަށެވެ.

"[އެ ދެ ގަވައިދުގެ ދަށުން] ބާރުތައް ބޭނުން ކުރުމުގައި ނަގަހައްޓަން ޖެހޭ އަސާސްތައް ނަގަހައްޓާފައިވާނެ ކަމުގައި ވެސް ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.

އެނގުން މުހިންމު - ރޭގޭ މުޒާހަރާ ތެރެއިން ބައެއް ފުލުހުން ބައެއް އަނިޔާވެރި އަމަލުތައް ހިންގި ތަން އެއްވުން ކަވަރު ކުރި ނޫސްވެރިންނަށް ފެނިފައިވެ އެވެ. މުޒާހަރާގެ ބައިވެރިންގެ ސީދާ މޫނަށް އަމާޒުކޮށް ޕެެޕާ ސްޕްރޭ ޖެހުމާއި ބައެއް މީހުން ހައްޔަރު ކުރުމުގައި ގަސްތުފައި އަނިޔާވާ ގޮތަށް ބައެއް ފުލުހުންގެ ފަރާތުން އަމަލުތައް ފެނިފައިވެ އެވެ.

އޭގެ އިތުރުން، ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި މުޒާހަރާގެ ބައިވެރިއަކަށް ހާޓް އެޓޭކެއް ޖެހި، ހޮސްޕިޓަލުގައި ރެއިން ފެށިގެން ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް (3)

ވީކެންޑްރާޖާ

5 އޮކްޓޯބަރު 2025
ފުލުހުން ބޭނުންކުރާ އާލަތްތައް ބޭނުންކުރާނެ ގޮތުގެ އުސޫލުތަކެއް ކޮންމެ ހަތިޔާރަކަށް ވަކިން ހެދިފައިހުންނާނެ. ތި ހަތިޔާރަށް ހަދާފައިވާ އުސޫލެއް ނެތްކަމުގައިވާނަމަ ފުލުހުން ތި ހަތިޔާރު ބޭނުންކުރީ އޮންނަ އުސޫލުން ބޭރުން. ޒިންމާވާންޖެހޭނެ.
0 0

އަރީން އަލީ

5 އޮކްޓޯބަރު 2025
ކަންފަތަށް އަނިޔާ ދިނުމަކީ ހުއްދަކަމެކޭ ޕޮލިހުން އެބުނަނީ. ހިއްސުތައް ނައްތާލުމަކީ ފުލުހުންނަށް ރައްޔިތުން ދިން ބާރެއް. އެބާރު އެބޭނުންކުރީ. ރައްޔިތުންނަށްވުރެ ނާގާބިލް ސިޔާސީންގެ ފައުޖު ހިމާޔަތްކުރުން މިގައުމަށް މުހިންމުވާނެ
0 0

ކަނާން

5 އޮކްޓޯބަރު 2025
މާބަނޑު މީހުން އުޅޭ ބައެއް އެސަރަހައްދުގެ ކައިރި ގޭގޭގަވެސް. އެމީހުންވެސް ތިބީ މުޒާހަރާ ބަލަން. އެމީހުންގެ ބަނޑުގައިވާ ދަރިފުޅުގެ އިވުމުގެ ހިއްސު މައްސަލަ ދިމާވުން ވ ކއިރި. މީ މިގޮތަށް މިކަހަލަ ސަރަހައްދުގަ ބޭނުން ކުރެވިގެންވާނެ އެއްޗެއް ނޫން. ރައްޔިތުން ނުކުޅެދޭ މީހުނަށް ހަދާފަވެސް ވެރިކަން ދިފާއުކުރުމެކޭ އިޒްރޭލެކޭ ތަފާތެއް ނެތް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް