ފުލުހުން ރޭގެ މުޒާހަރާ ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ހުރަސްތައް ކުރިމަތިކުރުވި އިރު މުޒާހަރާ ރޫޅާލަން ފުލުހުން އަމަލުކުރީ ޒިންމާދާރުކޮށް: ސަރުކާރު
ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން މިއަދު ބަޔާނެއް ނެރެފި އެވެ.
ވީކިހިނެއް؟ - ރޭ އާޓިފިޝަލް ބީޗަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި މި ސަރުކާރާ ދެކޮޅު މީހުން ފުރަތަމަ އެއްވިއިރު، ފުލުހުން އަންގާފައިވަނީ އެ ތަނުން އަމީނީ މަގުން ހިނގާލުން ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް ފުލުހުން ދިން ރޫޓަށް ބެލުމެއް ނެތި މުޒާހަރާގެ ބައިވެރިން ނުކުތީ މަޖީދީ މަގަށެވެ. ފުލުހުން ޝީލްޑާއެކު ތިބެގެން މަޖީދީ މަގު ބަންދުކޮށް، މުޒާހަރާ ރޫޅާލަން ޕެޕަސްޕްރޭ ޖަހައި ބާރުގެ ބޭނުންކުރި އެވެ.
މީހުންގެ ކަންފަތަށް އުނދަގޫވާ ޒާތުގެ ތޫނު އަޑެއް ފޮނުވާ، ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ)ގެ އެލާމެއް ވެސް ފުލުހުން ރޭ ބޭނުންކުރި އެވެ.
ތަފްސީލް - ފުލުހުންގެ އަމަލުތައް ދިފާއުކޮށް ސަރުކާރުން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ފުރަތަމަ ފާހަގަކުރީ މިދިޔަ ބުދަ ދުވަހު، ހުކުރު ދުވަހުގެ ރޭގެ މުޒާހަރާއާ ގުޅިގެން ފުލުހުން ނެރުނު ބަޔާނާއި ދީފާއިވާ އިރުޝާދުތަކަށެވެ. އެ ގޮތުން:
-
މުޒާހަރާ ކުރަން ޖެހޭނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕޮލިސް ސާވިސްއިން ހުއްދަ ދީފައިވާ ރޫޓުތަކުގައި
-
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޒިންމާވާ ފަރާތްތަކާ އެއްބާރުލުމާއި، ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ކުރުމާއި، މުޖުތަމައުގެ މަސްލަހަތާއި މަންފާއަށް ފައިދާހުރި ގޮތަކަށް ހަރަކާތްތައް ކުރިއަށް ގެންދަން ފުލުހުން އެދުނު
ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ މުޒާހަރާގެ ބައިވެރިން ފުލުހުން ދިން އިރުޝާދުތަކަށް އެއްވެސް ވަރަަކަށް ބޯނުލެނބި ކަމަށެވެ. އަދި ފުލުހުން ދިން ރޫޓު ދޫކޮށް، ވަދެގަތީ ވެރިރަށް މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަޖީދީ މަގަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑްތައް ރޫޅާލަން މަސައްކަތްކުރި ކަމަށާއި އާންމު އަމާންކަމާއި ސުލްހަމަސަލަސްކަން ނަގާލުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
"މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކުރިމަތިކުރުވި ހުރަސްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، ދިވެހި ފުލުހުން މަސައްކަތް ކުރެއްވީ ޒިންމާދާރު ކަމާއި މަޑުމައިތިރިކަމާއެކުގައިކަން ސަރުކާރުން ފާހަގަކުރަން،" ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އަދި ބުނީ ގާނޫނީ އިންތަކުގެ ތެރެއިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ދިވެހި ސަރުކާރުން ފުރިހަމައަށް އިހުތިރާމުކުރާނެ ކަމަށެވެ.
ކޮމެންޓް (1)
ސިކުނޑި