އެމްޑީޕީން މިރޭ ބާއްވަމުންދާ މުޒާހަރާގެ ބައިވެރިން މަޖީދީމަގުން ހިނގައިގަންނަން އުޅުމުން ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރަނީ (ފޮޓޯ/އެމްޑީޕީ)
މުޒާހަރާ ހޫނުވެ، ބައެއް މީހުން ހައްޔަރުކޮށްފި
އެމްޑީޕީން މިރޭ ކުރަމުންދާ މުޒާހަރާ ހޫނުވެ، މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - އާޓިފިޝަލް ބީޗުގައި އެމްޑީޕީން 'ލޫޓުވާލައިފި' ނަމުގައި މި މުޒާހަރާ ފެށީ މިރޭ 8:30 ހާއިރު އެވެ. މުޒާހަރާ ފެށުމުގެ ގޮތުން ވަރަށް ކުރުކޮށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވާހަކަދެއްކެވުމަށް ފަހު، މަގުމައްޗަށް ނުކުންނަން މުޒާހަރާގެ ބައިވެރިން ހިނގައިގަތުމާ އެކު އެ މީހުންނަށް ފުލުހުން ހުރަސްއެޅުމުން މުޒާހަރާ މިހާރު ވަނީ ހޫނުވެފަ އެވެ.
ތަފްސީލް - މި މުޒާހަރާގެ ތެރެއިން ތިން މީހަކު މިހާތަނަށް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ ހިމެނެ އެވެ.
މުޒާހަރާ ހޫނުވީ، މަޖީދީމަގުން މުޒާހަރާގެ ބައިވެރިން ހިނގައިގަންނަން އުޅުމުން އެ ފުރުސަތު ފުލުހުން ނުދިނުމުންނެވެ. އާޓިފިޝަލް ބީޗު ސަރަހައްދުން މަޖީދީމަގާ ދިމާލަށް ދެވޭ ގޮތަށް އޮތް ސަރަހައްދު ފުލުހުން ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ. އަދި ޝީލްޑްތަކާ އެކު ގިނަ އަދަދެއްގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ތިބީ މުޒާހަރާގެ ބައިވެރިން ކުރިއަށްދިޔަނުދީ ހުއްޓުވައިގެންނެވެ.
ފުލުހުން ބުނީ، މަޖީދީމަގުން ކުރިއަށް ދާން ފުރުސަތު ނުދެވޭނެ ކަމަށާއި އެ މަގުގައި މުޒާހަރާ ކުރަން ހުއްދަ ދީފައިނުވާނެ ކަމަށެވެ.
ފުލުހުންގެ އިންޒާރުތަކާއި ހުރަސްއެޅުމަށް ފަހު ވެސް އެ މަގުން ކުރިއަށްދާން މަސައްކަތްކުރާތީ ބާރުގެ ބޭނުންކުރަން ފަށައި މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައިގެން މީހުން ފޮނުވާލަން ވެސް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެެވެ. ނަމަވެސް އެ މީހުން އަދިވެސް އެ ސަރަހައްދުން ދުރަށްނުޖެހި ކުރިއަށް ދިއުމަށް މަސައްކަތްކުރަމުންދާތީ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ހަމަނުޖެހުން އުފެދިފަ އެވެ.