އިދިކޮޅު އެމްޑީޕީން އާޓިފިޝަލް ބީޗުގައި މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އެމްޑީޕީގެ މުޒާހަރާ ފަށައިގެން ކުރިއަށް
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާ ފަށައިފި އެވެ.
ތަފްސީލް - 'ލޫޓޫވައިފި، ލޫޓުވައިފި' ނަމުގައި އެމްޑީޕީން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތުގައި ބައިވެރިވާ މީހުން މިރޭ އާޓިފިޝަލް ބީޗަށް އެއްވީ މިރޭ 8:30އަށް ގަޑި ކިޔައިގެނެވެ.
ކައިރި އަދި ދުރު ރަށްރަށުން މާލެ އައި ހަރަކާތްތެރިންނާ އެކު މިރޭ 7 ޖެހީއްސުރެން އާޓިފިޝަލް ބީޗަށް މީހުން ދިޔައީ ޖަމާވަމުންނެވެ.
'ގައުމީ ހަރަކާތެއް'ގެ ގޮތުގައި ސިފަކޮށް، މުޒާހަރާގެ ގިނަ ބައިވެރިން ތިބީ އެމްޑީޕީގެ ދިދައިގެ އިތުރުން ގައުމީ ދިދަ ހިފައިގެންނެވެ.
އާޓިފިޝަލް ބީޗުގައި އެމްޑީޕީގެ 'ލޫޓުވައިފި، ލޫޓުވައިފި' ލަވަ ޖަހަމުން އެބަ ގެންދެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޕާޓީގެ އިސް ބޭފުޅުން ވެސް ތިއްބެވީ އެ ތަނުގަ އެވެ.
އާޓިފިޝަލް ބީޗު ކައިރީގައި ފުލުހުން ގެންދަނީ ޝީލްޑާ އެކު ހަރަކާތްތެރިވަމުންނެވެ. "ފުލުހުން ހިންގާ އޮޕަރޭޝަނަކަށް" މިރޭ މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރާނެ ކަމަށް ފުލުހުން މިއަދު ހަވީރު ބުނެފައިވެ އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވިގޮތުގައި މި މުޒާހަރާގައި ބައިވެރިވުމަށް އެ ޕާޓީން 800 އަށް ވުރެ ގިނަ މީހުން ވަނީ މާލެ ގެނެސްފަ އެވެ. އޭގެ އިތުރުން އޭގެ އިތުރުން އަމިއްލަ ގޮތުން މުޒާހަރާގައި ބައިވެރިވާން ވެސް ރަށްރަށުން މީހުން އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި މުޒާހަރާއަކީ ގައުމުގެ ސުލްހަމަސަލަސްކަން ނަގާލަން ބާއްވާ ހަރަކާތެއް ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންނާއި ފުލުހުން ދަނީ ބުނަމުންނެވެ. އެކަމަކު، އެމްޑީޕީން ބުނާގޮތުގައި މިއީ ސަރުކާރު ޖަވާބުދާރީކުރުމަށް ބާއްވާ ސުލްހަވެރި މުޒާހަރާއެކެވެ.
މުޒާހަރާގައި އަދާލަތު ޕާޓީން ވެސް ބައިވެރިވާން ވަނީ ނިންމާފަ އެވެ.