މީޑިއާ ކޮންޓްރޯލް ކުރަން ހުށަހަޅީ ބިލާ ދެކޮޅަށް މިއަދު ކުރި އިހުތިޖާޖުގައި ބައިވެރިވި މީހަކަށް ފުލުހުން އަނިޔާކުރާ މަންޒަރު. (ދައުރު ފޮޓޯ)

ނޫސްވެރިން ކުރި މުޒާހަރާގައި ފުލުހުން އަމަލު ކުރި ގޮތް އެންއައިސީން ބަލަން ފަށައިފި

މި މައްސަލަ ބަލަން ފެށީ ގާނޫނުން ލިބިގެންވާ ބާރުގެ ދަށުން އަމިއްލަ އިސްނެގުމަށް ކަމަށް އެންއައިސީން ބުނި

ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލު ފާސް ކުރި ދުވަހު، ނޫސްވެރިން މަޖިލިސް އިދާރާ ކުރިމަތީ ކުރި އިހްތިޖާޖުގައި ފުލުހުން ހަލާތާ ނުބައްދަލު ބާރު ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ން ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ދައުރުން ބޭރުން މީޑިއާ ކޮންޓްރޯލް ބިލު ފާސް ކުރަން ބޭއްވި ޖަލްސާއާ ދިމާކޮށް ނޫސްވެރިންނާއި އާންމުން މުޒާހަރާ ކުރި އެވެ. އެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަނީ ބައިވެރިންނަށް އެކި ވަރުގެ އަނިޔާތައް ދީ، ނޫސްވެރިން މުޒަހަރާ ކަވަރު ކުރުމަށް ވެސް ހުރަސް އަޅައިފަ އެވެ. 

މިކަން ހިނގިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފަހުން، އެންއައިސީން މިއަދު ވަނީ އެކްސްގައި ޕޯސްޓެއްކޮށް، މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ.

ބުނީ ކީކޭ؟ - "އިހްތިޖާޖު ރޫޅާލުމުގައި ފުލުހުން ހަލާތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި ގާނޫނާއި ގަވައިދާ ހިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ބުނެ، މީސްމީޑިއާގައި ފުލުހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ބެލުމަށް ކޮމިޝަނުން ނިންމާފައިވެ އެވެ،" އެންއައިސީން ކުރި ޕޯސްޓުގައި ލިޔެފައިވެ އެވެ.

އެ ދުވަހު އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިންނަށްފުލުހުން ކޮށްފައިވާ އަނިޔާ. (ދައުރު ފޮޓޯ)

އެނގުން މުހިންމު - އެ ޕޯސްޓުގައި ހަވަލާދީފައިވާ މާއްދާގައި ބުނަނީ:

  • ގާނޫނު ތަންފީޒުކުރާ އިދާރާ ނުވަތަ ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއްގެ މައްސަލައަކާ ގުޅޭ މައުލޫމާތު ކޮމިޝަނަށް ލިބިއްޖެ ހާލަތުގައި އެ މައްސަލަ ބެލުމަކީ އާންމުވެގެންވާ މަސްލަހަތެއް އޮތް ކަމެއް ކަމުގައިވާ ނަމަ ކޮމިޝަންގެ އަމިއްލަ އިސްނެގުމުގައި އެ މައްސަލައެއް ތަހުގީގުކުރުމުގެ ބާރު ކޮމިޝަނަށް ލިބިގެންވާ ކަމަށް

ފާހަގަކޮށްލެވޭ ކަމެއް - އެންއައިސީގެ އަމިއްލަ އިސްނެގުމަށް މި މައްސަލަ ބަލަން ފަށާފައިވާއިރު، ފުލުހުން ވަނީ އެ ދުވަހު އިހުތިޖާޖު ރޫޅާލި ގޮތް ދިފާއުކޮށް ވާހަކަ ދައްކައިފަ އެވެ. ފުލުހުން ބުނި ގޮތުގައި، އިހްތިޖާޖު ރޫޅާލުމުގައި ބޭނުންކޮށްފައި ވަނީ އެންމެ ކޫޑަ ބާރު ކަމަށެވެ.

ފުލުހުން އެހެން ބުނި ނަމަވެސް ބައެއް ފުލުހުން އެ ދުވަހު އަމަލުކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް އެ ތަނުގައި ހަރަކާތްތެރިވި ނޫސްވެރިން ބުނެ އެވެ. މުޒަހަރާ ތެރެއިން ބިޑި އަޅުވައިގެން ދެ މީހަކު ފުލުހުން ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން އެކަކީ ނޫސްވެރިޔާ ލީވާން އަލީ ނަސީރެވެ. ފުލުހުން ލީވާން ހައްޔަރު ކުރި ވަގުތު އަނިޔާ ކުރި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް