މީޑިއާ ކޮންޓްރޯލް ކުރަން ހުށަހަޅާފައިވާ ބިލާ ދެކޮޅަށް މިއަދު ކުރި އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިންނަށް ފުލުހުން ކޮށްފައިވާ އަނިޔާ. (ދައުރު ފޮޓޯ)

އިހުތިޖާޖު ރޫޅާލަން ބޭނުންކުރީ އެންމެ ކުޑަ މިންވަރުގެ ބާރު: ފުލުހުން

އިހުތިޖާޖު ރޫޅާލަން އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް އަނިޔާވާނެ ފަދަ ގޮތަކަށް ފުލުހުންގެ އަމަލުތައް ބަހައްޓާ ތަން ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ވެސް ފުލުހުން ދޮގުކޮށް ދިފާއުކުރި؛ ބުނީ އެގޮތަށް ފެންނަނީ ނުބައި އޭންގަލްއަކުން ފޮޓޯ ނެގުމުން ކަމަށް
18 ސެޕްޓެމްބަރު 2025

މިދިޔަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިސް ދޮށުގައި ނޫސްވެރިން އިސްނަގައިގެން މީޑިއާ ކޮންޓްރޯލުކުރާ ބިލާ ދެކޮޅަށް ކުރި އިހުތިޖާޖުގެ ބައިވެރިންނަށް ފުލުހުން އަނިޔާކުރި ކުރުން ދިފާއުކޮށް، އެ އިހުތިޖާޖު ރޫޅާލަން ބޭނުންކުރީ އެންމެ ކުޑަ މިންވަރުގެ ބާރު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި ހިޔާލު ފާޅުކުރުމުގެ މިިނިވަންކަން ހަނިކޮށް، ކޮންޓްރޯލުކުރެވޭ ގޮތަށް ސަރުކާރުގެ ބައިވެރިވުމާ އެކު މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރުމާ ދެކޮޅަށް މަޖިލިސް ދޮށުގައި ނޫސްވެރިން ބޭއްވީ ސުލުހަވެރި އިހުތިޖާޖެކެވެ. އެ އިހުތިޖާޖުގައި ބައެއް އާންމުންނާއި އިދިކޮޅު އެމްޑީޕީން ވެސް ބައިވެރިވި އެވެ.

ބިލު ފާސްނުކުރަން ގޮވާލައި ނޫސްވެރިން މަޖިލިސް ދޮށަށް އެއްވުމުން:

  • އެ ސަރަހައްދުން ދުރަށް ޖައްސައި ތަކުރާރުކޮށް އެ ސަރަހައްދުން ނޫސްވެރިންނާއި އާންމުން ފޮނުވާލުމަށް ފުލުހުން ދިޔައީ މަސައްކަތް ކުރަމުން 

  • އެ އިހުތިޖާޖު ރޫޅުލުމުގައި ބޭނުންކުރީ އެންމެ ކުޑަ މިންވަރުގެ ބާރުގެ ބޭނުން ކަމަށް ފުލުހުން ބުންޏަސް، އެ ދުވަހު ވަނީ އިހުތިޖާޖުގެ ބައިވެރިން އެ ސަރަަހައްދުން ދުރުކުރަން "ވަރަށް ތަދުވާނެ ފަދަ ގޮތަކަށް ވިކާ" ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި

  • މީގެ ކުރިން ވެސް މުޒާހަރާތަކުގައި އާންމުކޮށް ބައިވެރިވާ ބައެއް މީހުން ބުނި ގޮތުގައި، ވިކުމަކީ ބޮޑެތި މުޒާހަރާތަށް ރޫޅާލުމުގައި ވެސް މީގެ ކުރިން ފުލުހުން އަމަލުކޮށްފައިވާ ގޮތެއް ނޫން

  • ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުންނަށް އަނިޔާވެ، ގައިގެ އެތަންމިތަން ނޫފައިގަނެ، ލޭކޮށާލައި އަންނައުނު ވީދައިގެން ވެސް ގޮސްފައިވޭ؛ އެ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް ދައުރުވި

ބުނީ ކީކޭ؟ - އެ އިހުތިޖާޖުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުން އެ ދުވަހު ހަރަކާތްތެރިވީ ގާނޫނާ ހިލާފު އެއްވުމެއް ހުއްޓުވުމަށާއި އާންމު ރައްޔިތުންނާއި މަޖިލިސް މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކަމަށެވެ.

އެގޮތުން، ފުލުހުން ބުނީ:

  • އެއްވުން ރޫޅާލީ މަޖިލިސް ސަރަހައްދަކީ އެއްވެ އުޅުމުގެ ހުއްދަ ހޯމް މިނިސްޓްރީން ދީފައިވާ ތަނެއް ނޫން ކަމަށްވާތީ އާއި އެއީ ސްކޫލްތައް ވެސް ހިމެނޭ ސަރަހައްދެއް ކަމަށްވާތީ 

  • މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ސަލާމަތީ ގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެފައިވޭ؛ އެއްބާރުލުން ދިނުމަށް މުޒާހަރާގެ ބައިވެރިންގެ ކިބައިން ތަކުރާރުކޮށް އެދިފައިވާނެ

  • ބާރުގެ ބޭނުން ކުރުމުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމާ އެކު، އެއްވުން ކޮންޓްރޯލް ކުރުމުގައި އާންމުކޮށް ބޭނުންކުރެވޭ ކަރުނަ ގޭހާއި ޕެޕާ ސްޕްރޭ އަދި ބެޓަން ފަދަ ތަކެތި ބޭނުންކޮށްފައެއް ނުވާނެ

  • މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ކޮންމެހެން އެހެން ގޮތަކަށް އަމަލުކުރަން ޖެހުނު ހާލަތެއްގައި ފިޔަވައި ފުލުހުން އިސްކޮށްފައިވާނީ މަޝްވަރާކޮށް، ވާހަކަ ދައްކައި ވިސްނައިދީގެން، ހާލަތު ގޯސްވިޔަނުދީ ރައްކާތެރިކަން ކަށަވަރު ކުރަން

  • މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް

  • މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކަކީ ހަގީގަތެއް ނޫން

މީޑިއާ ކޮންޓްރޯލް ކުރަން ހުށަހަޅާފައިވާ ބިލާ ދެކޮޅަށް މިއަދު ކުރި އިހުތިޖާޖުގައި ބައިވެރިވި ނޫސްވެރިންނަށް ފުލުހުން ކޮށްފައިވާ އަނިޔާ. (ދައުރު ފޮޓޯ)
މީޑިއާ ކޮންޓްރޯލް ކުރަން ހުށަހަޅާފައިވާ ބިލާ ދެކޮޅަށް މިއަދު ކުރި އިހުތިޖާޖުގައި ބައިވެރިވި މީހަކަށް ފުލުހުން އަނިޔާކުރާ މަންޒަރު. (ދައުރު ފޮޓޯ)

"އޮޕަރޭޝަންގެ ހުރިހާ މަރުހަލާއެއްގައި ވެސް ފުލުހުން އަމަލުކޮށްފައިވަނީ އޮޕަރޭޝަނަލް އުސޫލުތަކާ އެއްގޮތަށް، އަމަން އަމާންކަން ދެމެހެއްޓުމަށާއި މުޒާހަރާކުރާ ފަރާތްތަކާއި އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރުގެ ބާރު ބޭނުންކޮށްގެންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ހާލަތާއި ނުބައްދަލުގެ ބާރު ބޭނުންކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުންޏަސް، އެ ދުވަހުގެ އިހުތިޖާޖު ރޫޅާލަން ފުލުހުން ކުރި މަސައްކަތުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، އަނިޔާވެދާނެ ފަދަ ގޮތަކަށް ފުލުހުންގެ އަމަލުތައް ބަހައްޓާފައިވާ ފޮޓޯ އާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ. 

މިއަދު ފުލުހުން ނެރުނު ބަޔާނުގައި އެކަން ވެސް ވަނީ ދޮގުކޮށް، ދިފާއުކޮށްފަ އެވެ. އެގޮތުން އެ ފޮޓޯތަކަކީ "ގާނޫނާ ހިލާފު އެއްވުމެއްގައި ބައިވެރިވި މީހެއް" ފުލުހުންގެ ސަފު ތެރެއަށް ވަދެގަނެ، ވަކި އެންގަލްއަކުން ފޮޓޯ ނެގުމުގެ ސަބަބުން ހަގީގަތް އޮޅޭ ގޮތަށް ދައުރުވަމުންދާ ފޮޓޯތަކެއް ކަމަށް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް