ހުޅުމާލެ ފޭސް ދޭއް މަތިން ފެންނަ ފޮޓޯއެއް: ސަބްސްޓޭޝަނަކަށް ގެއްލުންދިނުމުގެ ސަބަބުން ރޭ ދަންވަރު ފޭސް ދޭއްގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސްޓެލްކޯ

ކަރަންޓު ކެނޑުނީ ހުޅުމާލެ ފޭސް 2ގެ ސަބްސްޓޭޝަނަކަށް ގެއްލުން ދިނުމުން: ސްޓެލްކޯ

ރޭ ދަންވަރު 3:30 ހާއިރު ކަރަންޓު މެދުކެނޑުމަށް ފަހު އަލުން ކަރަންޓު ދެވުނީ 5 ޖަހަން އުޅެނިކޮށް
21 ސެޕްޓެމްބަރު 2025

ހުޅުމާލޭ ފޭސް ދޭއްގެ ބައެއް ސަރަހައްދުތަކުން ރޭ ދަންވަރު ކަރަންޓު ކެނޑުނީ ސްޓެލްކޯގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރޭ ދަންވަރު 3:30 ހާއިރު ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ހިދުމަތް ވަނީ މެދުކެނޑިފަ އެވެ.

ކަރަންޓު ކެނޑުނު ސަރަހައްދުތަކުގެ ތެރޭގައި އެމްޕީއެލްގެ ޓަވަރުތަކާއި ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތައް ހިމެނެ އެވެ.

ތަފްސީލު - އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ދެމުން ސްޓެލްކޯއިން ބުނި ގޮތުގައި، ކަރަންޓުގެ ހިދުމަތް ކެނޑުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކު ފީޑާގެ ބައެއް ނިވިގެން ކަމަށެވެ.

ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދެވުނީ ފަތިހު 4:56 ހާއިރު އެވެ.

ސަބްސްޓޭޝަނަށް ގެއްލުންދިން މައްސަލަ ސްޓެލްކޯއިން ވަނީ ކަމާ ބެހޭ ފަރާތަށް ހުށައަޅާފަ އެވެ. އަދި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ވެސް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"މުޖުތަމައުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ، އަދި އަމިއްލަ ފުރާނައަށް ވެސް ނުރައްކާތެރި މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވުމަށާއި ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރަމުން ގެންދިއުމަކީ މިކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެކެވެ،" ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެނގުން މުހިންމު - މީގެ ކުރިން ވެސް ސްޓެލްކޯގެ ޓްރާންސްފޯމަރުތަކަށް ގެއްލުންދީ، ވައްކަން ކުރަން އުޅުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.

މިފަދަ ހައި ވޯލްޓޭޖު ޓްރާންސްފޯމަރުތަކާ ކުޅެހެދުމަކީ އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމެކެވެ. އެގޮތުން:

  • ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާއެއް ވުން 

  • ކަރަންޓުގައި ޖެހި މަރުުވުން ފަދަ ހިތާމަވެރި ހާދިސާއެއް

  • ސްޓެލްކޯގެ ހައި ވޯލްޓޭޖު ޓްރާންސްފޯމަރަކަށް ގެއްލުން ދިން މީހަކު ކަރަންޓުގައި ޖެހިގެން މިދިޔަ އަހަރު މަރު ވެސްވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް