މީގެ ކުރިން ސްޓެލްކޯގެ ޓްރާންސްފޯމަރެއް ފަޅާލައި ގެއްލުން ދީފައި. (ފައިލް ފޮޓޯ/ސްޓެލްކޯ)
ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
މާފަންނު މަދަރުސާ ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރު ސަބްސްޓޭޝަނަށް ރޭ ދަންވަރު ވަދެ، ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯއިން މިއަދު ސޯޝަލް މީޑިއާގައި ބުނި ގޮތުގައި، ޓްރާންސްފޯމަރު ސަބްސްޓޭޝަނަށް ވަދެ، ވައްކަމުގެ އަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނިގެން ފުލުހުންނަށް އަންގާފައިވެ އެވެ. އެއަށް ފަހު އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށް އެ ކުންފުނިިން ބުންޏެވެ.
ބުނީ ކީކޭ؟ - ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން ބަލާ ތަންތަން ކަމަށް ވިޔަސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސަބްސްޓޭޝަން ފަދަ ތަންތަނުން ކުރެވޭ މިފަދަ ވައްކަންތައް ހުއްޓުވުމަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
"މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން، އެ ކަމަކީ އެ މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރަން. އަދި ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާ މިފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައް ވެސް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސްކުރަން،" ސްޓެލްކޯއިން ބުންޏެވެ.
ރޭ ދަންވަރު 2:50 ގައި މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި މި ކުންފުނީގެ ޓްރާންސްފޯމަރ ސަބްސްޓޭޝަނަށްވަދެ، ވައްކަމުގެ ޢަމަލެއް ހިންގަން އުޅުނު މީހަކު ސީސީޓީވީ ކެމެރާއިން ފެނި، ފުލުހުންނަށް އެންގުމާ ގުޅިގެން އެ ފަރާތް ވަނީ ހައްޔަރުކުރެވިފައި. މި ކުންފުނީގެ މާލޭގެ…
— STELCO (@STELCOMALDIVES) January 30, 2025
ގުޅުން ހުރި - ސްޓެލްކޯއިން ހުޅުމާލެ ފޭސް ދޭއްގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރުތަކަކަށް ގެއްލުންދީ، އެ ތަނުން ވައްކަން ކުރަން އުޅުނު މައްސަލަތަކެއް މިފަހުން ކުރިމަތިވި އެވެ. އެގޮތުން، ވައްކަން ކުރުން އުޅުނު މީހަކާ ކުރިމަތިލީ ސްޓެލްކޯގެ މުވައްޒަފަށް އެ ކުންފުނިން ބްރޭވަރީ އެވޯޑު ވަނީ ދީފަ އެވެ.
އިތުރަށް ކިޔާލަން
ޓްރާންސްފޯމަރު ވަގަށް ނެގި މީހާ ހިފެހެއްޓި މުވައްޒަފަށް އެވޯޑު
16 ޖެނުއަރީ 2025
ޓްރާންސްފޯމަރަކުން ވައްކަންކުރަން އުޅުނު މީހާގެ ނަން އާންމުކޮށްފި
15 ޖެނުއަރީ 2025
ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅެފި
14 ޖެނުއަރީ 2025
ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހި މަރުވެއްޖެ
24 މާރިޗު 2024