ސްޓެލްކޯގެ މުވައްޒަފުގެ އަގުވަޒަންކޮށް ބްރޭވަރީ އެވޯޑު ދިނުން (ފޮޓޯ/ސްޓެލްކޯ)

ސްޓެލްކޯ

ޓްރާންސްފޯމަރު ވަގަށް ނެގި މީހާ ހިފެހެއްޓި މުވައްޒަފަށް ބްރޭވަރީ އެވޯޑު ދީފި

އެ ކުންފުނީގެ މުވައްޒަފު އަހުމަދު ވިޝާންއަށް ބްރޭވަރީ އެވޯޑު ދިނީ ޓްރާންފޯމަރަކުން ވައްކަން ކުރަން އުޅުނު ދެ މީހުން ހުއްޓުވައި އެ މީހުން ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީ ކަމަށް ސްޓެލްކޯ އިން ބުނި

ސްޓެލްކޯ އިން ހުޅުމާލެ ފޭސް ދޭއްގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރަށް ގެއްލުންދީ، އެ ތަނުން ވައްކަން ކުރަން އުޅުނު މީހާއާ ކުރިމަތިލީ ސްޓެލްކޯގެ މުވައްޒަފަށް އެ ކުންފުނިން ބްރޭވަރީ އެވޯޑު އިއްޔެ ދީފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަންގާރަ ދުވަހުގެ ރޭ ސްޓެލްކޯގެ ޓްރާންސްފޯމަރަށް ގެއްލުންދީ، އެ ތަނުން ވައްކަން ކުރަން އުޅުނު މީހާ ވަނީ އެ ސަރަހައްދަށް ދިޔަ ސްޓެލްކޯގެ މުވައްޒަފަށް ރެންޗަކުން ހަމަލާދީފަ އެވެ.

ތަފްސީލް - ސްޓެލްކޯ އިން ވަނީ މުވައްޒަފުގެ އަގު ވަޒަންކޮށް، ބްރޭވަރީ އެވޯޑު ދީފަ އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ މުވައްޒަފު އަހުމަދު ވިޝާންއަށް ބްރޭވަރީ އެވޯޑު ދިނީ ޓްރާންފޯމަރަކުން ވައްކަން ކުރަން އުޅުނު ދެ މީހުން ހުއްޓުވައި އެ މީހުން ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީ ކަމަށެވެ.

ވިޝާންއާ އެކު އެ ހާދިސާ ހިނގި ސަރަަހައްދުގައި ހަރަކާތްތެރިވި ސަރުވާން މުހައްމަދަށް ވެސް ސްޓެލްކޯ އިން ވަނީ އަގުވަޒަންކޮށް، ހަނދާނީ ލިޔުމެއް ދީފަ އެވެ.

ބުނީ ކީކޭ؟ - މުވައްޒަފުންގެ އަގުވަޒަން ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވީ މުވައްޒަފުން ކުރާ މަސައްކަތުގެ އަގު އަބަދު ވެސް ސްޓެލްކޯ އިން ވަޒަންކުރާ ކަމަށެވެ.

"މި ކުންފުންޏަކީ މުވައްޒަފުންގެ އަގުވަޒަންކޮށް، މުވައްޒަފުންނަށް ދިމާވާ ކަންކަމުގައި އަޅާލައި އޯގާތެރި މެނޭޖްމަންޓެއް އޮންނަ ކުންފުންޏެއް އަބަދުވެސް. އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކަން މި އަރުވަނީ މިއަދު ވެސް ކުންފުނީގެ މެނޭޖްމަންޓް އޮތީ ހަމަ އެގޮތަށޭ. ތިބޭފުޅުންނަށް ދިމާވާ ކޮންމެ ކަމެއްގައި އަޅުގަނޑުމެން ފަހަތުގައި ތިބޭނަން. އެކަމަކީ އަނިޔާއެއް ކަމަށް ވިޔަސް، އުފަލެއް ކަމަށް ވިޔަސް އަދި ހިތާމައެއް ކަމުގައި ވިޔަސް ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުގެ ފަހަތުގައި އޮންނާނެ. އެކަމުގަ (މުވައްޒަފުން ބޭނުންވާ) އެއްބާރުލުން އަޅުގަނޑުމެން ތިބޭފުޅުންނަށް ދޭނަން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކަން މި އަރުވަނީ، ތިބޭފުޅުން ރެ އާއި ދުވާލު ތި ކުރާ މަސައްކަތުގައި ލިބޭ ގެއްލުންތަކުގައި ކުންފުނީގެ މެނޭޖްމަންޓުން އެއްވެސް ކަހަލަ އިހުމާލުވުމެއް ނޯންނާނެ. އަޅުގަނޑުމެން ތިބޭފުޅުންނަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ދޭނަން."

ފާހަގަ ކުރެވޭ - ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު ދެ މީހުން އަތުގައިގަތީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑުމާ ގުޅިގެން ޓްރާންސްފޯމަރުތައް ޗެކު ކުރަން އެ ކުންފުނީގެ މުވައްޒަފުން އުޅުމުގެ ތެރޭގަ އެވެ.

ވަގުން މަސައްކަތްކޮށްފައިވަނީ ޓްރާންސްފޯމަރުތަކުގެ އެތެރޭގައި ލޮއިން ހަދާފައިވާ ބައިތައް ވަގަށް ނެގުމަށް ކަމަށް ސްޓެލްކޯ އިން ބުންޏެވެ. ވައްކަން ކުރަން އުޅުނު މީހާ ސްޓެލްކޯގެ މުވައްޒަފު އަހުމަދު ވިޝާންއަށް ހަމަލާދީފައި ވަނީ އެ މީހުން ބޭނުންކުރަމުންދިޔަ ރެންޗަކުން ކަމަށާއި އެ ހަމަލާގައި ވިޝާންގެ މޫނުމަތިން ދެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

އެނގުން މުހިއްމު - ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު މީހާ ފުލުހުން ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނީ އެއީ އިބްރާހީމް ޒާލިފް، 37، ޗަނބޭލީގެ/ށ. ބިލެތްފަހި ކަމަށެވެ.

ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުންނަނީ ވަށާފާރެއްގެ އެތެރޭގައި ވަށައިގެން ބަންދުކޮށް ޑަބަލްކޮށް ތަޅުލައިފަ އެވެ.

މިފަދަ ހައި ވޯލްޓޭޖު ޓްރާންސްފޯމަރުތަކާ ކުޅެ ހެދުމަކީ ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާއެއް ލިބުން ނުވަތަ މަރުވެދާނެ ފަދަ ނުރައްކާތެރި ކަމެއްކަން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ފާހަގަކުރެއްވި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް