ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް މިރޭ ގެއްލުން ދީފައި: މިކަމާ ގުޅިގެން އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓު ކެނޑިފައި (ފޮޓޯ/ސްޓެލްކޯ)

ސްޓެލްކޯ

ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅެނިކޮށް ހިފަހައްޓައިފި

ޓްރާންސްފޯމަރަށް ގެއްލުންދިނުމާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓު ކެނޑިފައި

ހުޅުމާލޭގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އެތަނުން ވައްކަން ކުރަން އުޅުނު މީހަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވީ، ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އެއިން ވައްކަން ކުރަން އުޅުނު މީހަކު އެ ކުންފުނީގެ މުވައްޒަފުން އަތުލައިގަނެފައިވާ ކަމަށެވެ.

ތަފްސީލް - ފަހުމީ ވިދާޅުވީ އެތަނަށް ދިޔަ ސްޓެލްކޯގެ މުވައްޒަފުންނަށް އެ މީހާ ހަމަލާދީފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފެއްގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްފޯމަރަށް ގެއްލުންދިނުމާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ޓަވަރުތަކުން ވަނީ ކަރަންޓު ކެނޑިފަ އެވެ. ހިދުމަތް މެދުކެނޑިފައިވާ ޓަވަރުތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

ގެއްލުންތަކުގެ ފޮޓޯތަކަކާ އެކު އެކްސް ޕޯސްޓެއްގައި އޭނާ ވިދާޅުވީ ގެއްލުން ދިން މީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. 

ގުޅުން ހުރި - ސްޓެލްކޯގެ ޓްރާންސްފޯމަރުތަކާ ގުޅިފައިވާ ސީސސީޓީވީ ކެމެރާތައް ނިއްވާލަން ގެއްލުން ދޭން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ފަހުމީ ވަނީ މިރޭ އާއްމު ކުރައްވައިފަ އެވެ

ހުޅުމާލޭ ފޭސް ދޭއްގައި ސްޓެލްކޯ އިން ބަހައްޓާފައިވާ ހައި ވޯލްޓޭޖު ދެ ޓްރާންސްފޯމަރަކަށް ބަޔަކު ގަސްތުގައި ގެއްލުން ދީފައިވާ މައްސަލައެއް ވެސް މި ދިޔަ ހޮނިހިރު ދުވަހު ވަނީ ފެންމަތިވެފަ އެވެ.

ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުންނަނީ ވަށާފާރެއްގެ އެތެރޭގައި ވަށައިގެން ބަންދުކޮށް ޑަބަލްކޮށް ތަޅުލައިފަ އެވެ.

މިފަދަ ހައި ވޯލްޓޭޖު ޓްރާންސްފޯމަރުތަކާ ކުޅެ ހެދުމަކީ ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާއެއް ލިބުން ނުވަތަ މަރުވެދާނެ ފަދަ ނުރައްކާތެރި ކަމެއްކަން ފަހުމީ ފާހަގަކުރެއްވި އެވެ. 

އެދަދަ ޓްރާންސްފޯމަރަކަށް ގެއްލުން ދިން މީހަކު ކަރަންޓުގައި ޖެހިގެން މިދިޔަ އަހަރު މަރު ވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް