ސްޓެލްކޯގެ ބައެއް ފޮށިތަކަށް ގެއްލުންދީފައި (ފޮޓޯ/ސްޓެލްކޯ)
ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓްގައި ޖެހި މީހަކު މަރުވެއްޖެ
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓްގައި ޖެހި މީހަކު ރޭ މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟- ހުޅުމާލޭގައި ޓްރޯންސްފަމަރަކުން ވައްކަން ކުރަން އުޅެނިކޮށް މީހަކު ރޭ މި މަރުވީ ސްޓެލްކޯގެ ފޯމަރުތަކުން ވައްކަން ކުރާކަން އެ ކުންފުނިން މިދިޔަ ހަފުތާގައި ފާހަގަކޮށްފައިވަނިކޮށެވެ. އަދި އެއީ ނުރައްކާތެރި ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވަނިކޮށެވެ.
ތަފްސީލް- ސްޓެލްކޯ އިން ރޭ ފަތިހު، އެ ކުންފުނީގެ މީޑިއާ ގްރޫޕްގައި އާންމު ކުރި ކުރު ލިޔުންކޮޅެއްގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޓްރާންސްފޯމަރަކުން މީހަކު ވައްކަން ކުރަން އުޅުނު ކަމަށާއި އޭނާ ކަރަންޓްގައި ޖެހި، ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.
"އެ މީހާ ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ މައުލޫމާތުދީފައި،" ސްޓެލްކޯގެ ކުރު ނޯޓުގައި ބުންނެވެ.
ފުލުހުން މިއަދު މީޑިއާއަށް ބުނީ އެއީ 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ބޮޑުވެ، އެ ކަމުގެ ކަންބޮޑުވުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވެސް ވަނީ މިދިޔަ ހުކުރު ދުވަހު ފާޅުކުރައްވައިފަ އެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ.