ސްޓެލްކޯގެ ޓްރާންސްފޯމަރެއް ފަޅާލާ ގެއްލުން ދީފައި (ފައިލް ފޮޓޯ)

ޓްރާންސްފޯމަރުން ވައްކަން ކުރާ މީހެއް އަނެއްކާވެސް ހައްޔަރުކޮށްފި

2021 އިން ފެށިގެން ފަސް ފަހަރު އޭނާ މިފަދަ ވައްކަންތަކުގައި ހައްޔަރުކޮށްފައިވޭ

މިދިޔަ ފަސް އަހަރު ކަރަންޓު ނަރު ވަގަށް ނެގުމުގެ ގިނަ ރިކޯޑުތަކެއް އޮތް މީހެއް އަނެއްކާވެސް ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ. އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. 

ވީ ކިހިނެއް؟ - ދަރުބާރުގޭގެ ގޯތިތެރޭގައި ހުންނަ ސްޓްލެކޯގެ ޓްރާންސްފޯމަރުން ނަރު ބުރިކޮށް، ވައްކަން ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.

ތަފްސީލު - އޭނާގެ ކޯޓު އަމުރުން އެނގޭ ގޮތުގައި:

  • ކަރަންޓު ނަރު ބުރިކުރަން ހުއްޓާ ފެނިގެން އޭނާ ހުއްޓުވަން އުޅުމުން، ދުވެ ފިލަން މަސައްކަތް ކުރި

  • ފުލުހުން އޭނާ ހުއްޓުވާފައި ވަނީ އާންމުންގެ އެހީތެރިކަމާ އެކު؛ ހުއްޓުވި ވަގުތު 'ވަޔަލެންޓްކޮށް' އުޅެފައިވޭ

  • އޭނާ ބުނެފައި ވަނީ އެ ތަނުގައި ހުރީ ރައްޓެއްސަކު ބުނެގެން ކަމަށް 

  • ހާދިސާގެ ރިޕޯޓުގައި ބުނެފައި ވަނީ އެ ތަނުގައި އޭނާ ހުރީ އެކަނި ކަމަށް

  • އޭނާގެ އަތުން އެ ވަގުތު ކަޓަރަކާއި ރެންޗެއް ފެނިފައިވޭ

ކްރިމިނަލް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން ފެށިގެން އޭނާއަކީ މިފަދައިން ނަރު ވަގަށް ނެގުމުގެ ރިކޯޑް އޮންނަ މީހެކެވެ. އެގޮތުން:

  • ޖޫން 2021، ޖުލައި 2023، ޖެނުއަރީ އާއި އޮކްޓޯބަރު 2024 އަދި މިދިޔަ މެއި މަހު ވެސް އެކި ތަންތަނުން ކަރަންޓު ނަރު ވަގަށް ނެގުމަށް މަސައްކަތް ކުރުމާ ގުޅޭ މައްސަލަތަކުގައި ހައްޔަރުކޮށްފައިވޭ

ކޯޓު އަޑުއެހުމުގައި އޭނާ އެދިފައި ވަނީ ބަންދަށް ލުއި ގޮތެއް ހަމަޖައްސައިދިނުމަށެވެ. ސަބަބެއް ކަމަށް ބުނީ އޭނާއަކީ ފުލުހުންނަށް އެއްބާރުލުން ދޭ މީހަކަށް ވާތީ އެވެ.

ނަމަވެސް މައްސަލަ ބެއްލެވި ގާޒީ ސަފްއަތު ހަބީބު ނިންމެވީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށެވެ. ސަބަބެއްގެ ގޮތުގައި އޮތީ:

  • މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް

  • މި ބާވަތުގެ ގިނަ ރިކޯޑް އޮންނަ މީހަކަށްވާތީ

  • ކުށްކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ، ޖަމާއަތް ހަދައިގެން ވެސް ކުށް ކުރުމުގެ ތުހުމަތު އޮތުމުން

ގުޅުން ހުރި - މީގެ ކުރިން މިގޮތަށް ސްޓެލްކޯގެ ފޮށިތަކުން ވައްކަން ކުރަން އުޅެނިކޮށް، ކަރަންޓުގައި ޖެހިގެން މީހުން މަރުވެފައި ވެސް އެބަ ހުއްޓެވެ. އަދި އެކަން ކުރުމުގެ ސަބަބުން އެ ސަރަހައްދުން ގިނައިރުތަކެއް ވަންދެން ކަރަންޓު ވެސް ކެނޑިފައި އެބަހުއްޓެވެ.

ކޮމެންޓް (1)

އަހަންމަދު

4 ޖުލައި 2025
ރިހާކުރުފުޅި ވަގު 5 އަހަރަށް ޖަލަށް
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް