މީގެ ކުރިން ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާއެއްގައި ރައީސް މުއިޒް ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ކުރީގެ ރައީސުން، މެންބަރުންގެ އިނާޔަތް ކުޑަ ކުރަން ޖެހޭ: ރައީސް
ކުރީގެ ރައީސުންނާއި ކުރީގެ މަޖިލިސް މެންބަރުންނަށް ދޭ އިނާޔަތް ކުޑަ ކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް އިއްޔެ ފޮނުއްވި މެސެއްޖެގަ އެވެ.
ބުނީ ކީކޭ؟ - އެ މެސެޖްގައި ރައީސް ވިދާޅުވީ ކުރީގެ ރައީސުން އަދި ކުރީގެ މަޖިލިސް މެންބަރުންނަށް ގާނޫނުގެ ދަށުން މިހާރު ދެމުން އަންނަ އިނާޔަތްތައް މަދުކުރަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ރައްޔިތުން އެދޭ ގޮތް ކަމަށާއި "އަޅުގަނޑުމެންނަކީ ރައްޔިތުންގެ ހާދިމުން" ކަމަށް އެ މެސެޖުގައި ލިޔުއްވާފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރައީސް މުއިއްޒު މިގޮތަށް މެސެޖްކުރައްވާފައި މި ވަނީ، ކުރީގެ މެންބަރުންނަށް ދޭ އިނާޔްތަތަކުގެ ވާހަކަ އަނެއްކާ ވެސް ޝޯޝަލް މީޑިއާގައި ތިލަވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ބަހުސް އަނެއްކާ ވެސް މި ފެށުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި އިނާޔަތްތަކާ ގުޅޭ ތަފާސްހިސާބުތައް ހޯދުމަށް ފަހު މީހަކު މިއަދު 'އެކްސް'ގައި ޕޯސްޓްކޮށްފައި ވަނިކޮށެވެ.
ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން:
-
އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 50،000ރ.
-
އެއް ދައުރަށް ވުރެ ގިނަ ދުވަސް ވަންދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 75،000ރ.
-
ދިރިއުޅުއްވާ ތަނުގެ ހަރަދަށް ކޮންމެ މަހަކު 50،000ރ.
-
މުޖްތަމައުއަށް ފައިިދާ ހުރި މަސައްކަތެއް ކުރައްވާ ނަމަ، އެ ކަމަށް އޮފީސް ހިންގުމުގެ ހަރަދަށް މަހަކު ގިނަވެގެން 175،000ރ.
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލީހުގެ އެއް ދައުރު ނުވަތަ ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށްވެސް އުމުރުން 55 އަހަރުން މަތިވުމުން ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން އިނާޔަތްދޭންޖެހެ އެވެ. އެގޮތުން:
-
އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް: މުސާރައިގެ %30 ދޭންޖެހޭ
-
ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް: މުސާރައިގެ %45 ދޭންޖެހޭ
-
މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތް އިންޝުއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންޖެހޭ
އުމުރުން 55 އަހަރު ވިޔަސް، މެންބަރުކަމުގައި ތިބޭ އިރު އިނާޔަތް ނުލިބޭނެ އެވެ. މިއީ މެންބަރުކަމުން ވަކިވުމުން ދޭ އެލަވަންސެކެެވެ. ޕީއެންސީގެ ބައެއް މަޖިލިސް ބައެއް މެންބަރުންގެ ކަންބޮޑުވުމަކީ، މިހާރުވެސް އެހެން ބައެއް ދާއިރާތަކުގައި އުޅުއްވާ ބޭފުޅުން ހިދުމަތުން ރިޓަޔާ ކުރެއްވުމަށްފަހުވެސް، އެހެން ވަޒީފާއެއްގައި އުޅުއްވަމުންވެސް ޕެންޝަން ފައިސާ ނަންގަވާތީ އެވެ.
ގުޅުން ހުރި - ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަ ކުރަން ޖެހޭ ކަމަށް ރައީސް ހިޔާލުފާޅު ކުރެއްވިއިރު، މި އިނާޔަތް ކަނޑާލަން 19 ވަނަ މަޖިލިހުގައި އޭރުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދިި މިހާރުގެ ބަންޑާރަނައިބު އަހްމަދު އުޝާމް ހުށަހެޅުއްވި އެވެ. ނަމަވެސް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އޭރު އެ އިސްލާހު ބޭރުކޮށްލި އެވެ.
ކޮމެންޓް (1)
މުއްތޭ ކަލަމިންޖާ