މަޖިލިސް ޖަލްސާއެއްތެރޭ(ފޮޓޯ/ރައްޔިތުންގެ މަޖިލިސް)
ކުރީގެ މަޖިލިސް މެމްބަރުންގެ އިނާޔަތަށް 35 މިލިއަން ރުފިޔާ ހަރަދުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށްދޭ މާލީ އިނާޔަތުގެ ގޮތުގައި ވޭތުވެ ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭ 35.1 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފި އެވެ.
ވީ ކިހިނެއް؟ - މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ފަހު މީހަކު މިއަދު ވަނީ 'އެކްސް'ގައި އެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
ތަފްސީލް - އެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އަހަރުން އަހަރަށް އިނާޔަތްދޭން ޖެހޭ ކުރީގެ މެމްބަރުންގެ އަދަދު އިތުރުވަމުން އަންނާތީ، އެއިން ކޮންމެ ފަރާތަކަށް ދައުލަތުން ހަރަދުކުރަން ޖެހޭ ފައިސާގެ މިންވަރު ވެސް އަންނަނީ އިތުރުވަމުންނެވެ.
އެގޮތުން، އެއް ދައުރު ނުވަތަ ދެ ދައުރު މެމްބަރުކަންކޮށްފައިވާ ކުރީގެ މެމްބަރުންނަށް ދޭ އިނާޔަތް، 2014ވަނަ އަހަރު ފަސް މެމްބަރުންނަށް ދެމުން އައުމަށް ފަހު، މިދިޔަ އަހަރާ ހަމަޔަށް އައިރު މި އިނާޔަތް ދޭންެޖެހޭ މެންބަރުންގެ ޖުމްލަ އަދަދު ވަނީ 59 އަކަށް އިތުރުވެފަ އެވެ. އެގޮތުން:
-
އެއް ދައުރު މެމްބަރުކަން ކޮށްފައިވާ މެމްބަރުންގެ އިނާޔަތަށް 2014 އިން 2024ގެ ނިޔަލަށް ޖުމްލަ 17،590،600 މިލިއަން ރުފިޔާ ދައުލަތުން ހަރަދުވެފައިވޭ
-
އެއް ދައުރު މެމްބަރުކަން ކޮށްފައިވާ މެމްބަރުންނަށް ދޭ އިނާޔަތް 2014ވަނަ އަހަރު ދެ މެމްބަރުންނަށް ދެމުން އައުމަށްފަހު، މިދިޔަ އަހަރާ ހަމަޔަށް މި އިނާޔަތް ދޭންެޖެހޭ މެންބަރުންގެ އަދަދު ވަނީ 37 އަކަށް އިތުރުވެފައި
-
ދެ ދައުރު މެމްބަރުކަން ކޮށްފައިވާ މެމްބަރުންގެ އިނާޔަތަށް 2014 އިން 2024ގެ ނިޔަލަށް ޖުމްލަ 17،525،996 މިލިއަން ރުފިޔާ ދައުލަތުން ހަރަދުވެފައިވޭ
-
ދެ ދައުރު މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތުގެ ފައިސާ 2014ވަނަ އަހަރު ތިން މެމްބަރުންނަށް ދެމުން އައުމަށްފަހު، މިދިޔަ އަހަރާ ހަމަޔަށް މި އިނާޔަތް ދޭންެޖެހޭ މެންބަރުންގެ އަދަދު ވަނީ 22 އަށް އިތުރުވެފައި
އެއް ދައުރު މެންބަރުކަން ކޮށްފައިވާ މެންބަރުންނާއި، ދެ ދައުރު މެންބަރުކަން ކޮށްފައިވާ މެންބަރުންނަށް ދައުލަތުން މުޅި ޖުމްލަ 2014ވަނަ އަހަރު 590،818ރ. ހަރަދުކުރަން ޖެހުނުއިރު، މިއަދަދު މިދިޔަ އަހަރުގެ ނިޔަލަށް ވަނީ 7.7 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އެގޮތުން 2014 އިން 2024ގެ ނިޔަލަށް ކުރީގެ މެމްބަރުންގެ އިނާޔަތަށް ހަރަދުވީ:
-
2014: ފަސް މެންބަރަކަށް 590،818ރ
-
2015: ހަތް މެންބަރަކަށް 1،168،449ރ
-
2016: އަށް މެންބަރަކަށް 1،446،919ރ
-
2017: އަށް މެންބަރަކަށް 1،451،032ރ
-
2018: އަށް މެންބަރަކަށް 1،453،500ރ
-
2019: 21 މެންބަރަކަށް 2.9 މިލިއަން ރުފިޔާ
-
2020: 23 މެންބަރަކަށް 4.2 މިލިއަން ރުފިޔާ
-
2021: 24 މެންބަރަކަށް 3.9 މިލިއަން ރުފިޔާ
-
2022: 27 މެންބަރަކަށް 4.5 މިލިއަން ރުފިޔާ
-
2023: 37 މެންބަރަކަށް 5.5 މިލިއަން ރުފިޔާ
-
2024: 59 މެންބަރަކަށް 7.7 މިލިއަން ރުފިޔާ
ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި މަހަކު 24،000 ރުފިޔާ ވެސް ދެ އެވެ. އަހަރަކަށް ފަހު އަހަރެއް ކުރީގެ މެންބަރުންގެ އަދަދު އިތުރުވަމުންދާތީވެ، މި މެންބަރުންގެ ހެލްތު އިންޝުއަރެންސަށް ދައުލަތުން ކުރާ ހަރަދު ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އެ މެންބަރުންގެ ހެލްތު އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.
ހެލްތު އިންޝުއަރެންސްގެ ތަފްސީލު ބަލައިލާން
އެނގުން މުހިންމު - މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލީހުގެ އެއް ދައުރު ނުވަތަ ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށްވެސް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން އިނާޔަތްދޭންޖެހެ އެވެ. އެގޮތުން:
-
އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ %30 ދޭންޖެހޭ
-
ދެ ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ %45 ދޭންޖެހޭ
-
މި އިނާޔަތް ލިބޭނީ އެ މެންބަރަކު މަޖިލީހުން ވަކިވުމަށްފަހު އަދި އެ މެންބަރެއްގެ އުމުރުން 55 އަހަރު ފުރުމަށް ފަހު
-
މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މަޖިލީހުގެ މެންބަރުންނަށް އޮންނަފަދަ ހެލްތް އިންޝުއަރަންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންޖެހޭ
-
މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރަސްމީ ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭންޖެހޭ
ކުރީގެ މެމްބަރުންނަށް އިނާޔަތް ލިބޭގޮތަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު ފާސްކުރީ 2013 ވަނަ އަހަރު އެވެ. ކުރީގެ މެމްބަރުންނަށް އިނާޔަތް ލިބޭގޮތަށް އޮތް މާއްދާ އެ ގާނޫނުން އުނިކުރަން ވިލިމާލޭ ދާއިރާގެ މެމްބަރުކަމުގައި ހުންނަވައިގެން މިހާރުގެ ބަންޑާރަނައިބު އަހުމަދު އުޝާމް 2022ވަނަ އަހަރު އެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި އެވެ. އޭރު އެ އިސްލާހު ހުށަހެޅުއްވި ސަބަބަކަށް ވިދާޅުވީ ދައުލަތަށް އެތަކެއް އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތްތަކެއް ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރާ މެމްބަރަކަށް ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވާތީ ކަމަށެވެ.
ނަމަވެސް އޭރު އޮތް އެމްޑީޕީގެ މެޖޯރަޓީ މަޖިލީހުން އެ އިސްލާހު ބޭރުކޮށްލީ އެވެ.
ކޮމެންޓް (3)
ނަންނުގަތި
ބަކުރު
ދިވެއްސެއް