މަޖިލީހުގެ ޖަލްސާއެއްގައި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް (ފޮޓޯ/ މަޖިލިސް)
ކުރީގެ މެންބަރުންގެ އިނާޔަތްތައް ކަނޑާލާ އިސްލާހު ވެސް ބޭރުކޮށްލައިފި
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް މިދިޔަ ޖުލައި މަހު އެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ އިބްތިދާއީ ބަހުސް ނިންމާލުމަށް ފަހު، މިއަދުގެ ޖަލްސާގައި އެ ބިލު ބަލައިގަތުމާ މެދު ވޯޓަށް އެހި އެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވީ ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް ނުފޮނުވައި އެ ބިލު ބޭރުކޮށްލުމަށެވެ.
ތަފްސީލު - އެ ބިލު ބޭރުކޮށްލާފައިވަނީ 31 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ ފަސް މެންބަރުންނެވެ. އެއީ:
-
1-
މަޑުއްވަރީ ދާއިރާގެ މެންބަރު އަދާމް ޝަރީފް (ޕީއެންސީ)
-
2-
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން (ޖުމްހޫރީ ޕާޓީ)
-
3-
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު (އެމްއެންޕީ)
-
4-
ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
-
5-
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް (އަމިއްލަ)
އެނގުން މުހިންމު - އުޝާމް މި އިސްލާހު ހުށަހެޅުއްވީ، މަޖިލީހަކީ ރައްޔިތުންގެ އިހްސާސްތަކާ އެއް ގޮތަށް ކަންކަން ނިންމަން ޖެހޭ ތަނެއްކަން އޭނާ ނިސްބަތްވާ އެމްއެންޕީން ގަބޫލުކުރާ ކަމަށް ބުނެ، މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ހިދުމަތާ ނުބައްދަލު އިނާޔަތްތައް އުނިކުރުމެވެ.
އުޝާމް ހުށަހެއްޅުވީ، އެ ގާނޫނުގެ އަށް ވަނަ މާއްދާ އުނިކުރުމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ، މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދައުލަތުން ދޭން ލާޒިމް ކުރާމް އިނާޔަތްތަކެވެ.
އެ މާއްދާ މިހާރު އޮންނަ ގޮތުން:
-
އެއް ދައުރު އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ %30 ލިބޭނެ؛ އެއީ 12،750ރ.
-
ދެ ދައުރު އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ %45 ލިބޭނެ؛ އެއީ 19،125ރ.
-
ކުރީގެ މެންބަރުންނާއި އެ މީހުންގެ އާއިލާއަށް ހެލްތު އިންޝުއަރެންސް ސްކީމެއް
-
ކުރީގެ މެންބަރުންނަށް އޮފިޝަލް ޕާސްޕޯޓެއް ލިބޭނެ
-
މި އިނާޔަތްތައް ލިބެނީ، ދައުލަތުގެ އިތުރު ވަޒީފާއެއް އަދާ ނުކުރާ އުމުރުން 55 އަހަރުން މަތީގެ ކުރީގެ މެންބަރުންނަށް
އެނގުން މުހިންމު - މަޖިލީހުގެ މެންބަރުންނަށް މަހަކު ޖުމްލަ 82،500ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ:
-
އަސާސީ މުސާރަ - 42،500ރ.
-
ލިވިން އެލަވަންސް - 20،000ރ.
-
ކޮމިޓީ އެލަވަންސް - 20،000ރ.
ފަސް މަންޒަރު - ކުރީގެ މެންބަރުންގެ އިނާޔަތް އުނިކުރާ އިސްލާހު މަޖިލީހުން މިއަދު ބޭރުކޮށްލި އިރު، މެންބަރުންގެ އަދަދު ލިމިޓް ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހު ވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބޭރުކޮށްލާފަ އެވެ.