ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ޖަލްސާއެއް. (ފައިލް ފޮޓޯ/މަޖިލިސް)

ކުރީގެ މެންބަރުންގެ އިނާޔަތްްތައް ކަނޑާލަން އިސްލާހެއް ހުށަހަޅައިފި

ގާނޫނު މިހާރު އޮންނަ ގޮތުން އެއް ދައުރު އަދާކުރުމުން މުސާރައިގެ %30 އަދި ދެ ދައުރު އަދާކޮށްފައިވާ މެންބަރުންނަށް %45 ލިބޭނެ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ -  އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް މިދިޔަ މަހު އެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

ތަފްސީލު - ބިލު ހުށަހަޅުމުގެ ބޭނުމުގެ ގޮތުގައި ބުނެފައި ވަނީ، މަޖިލީހަކީ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ކަންކަން ނިންމަން ޖެހޭ ތަނެއްކަން އޭނާ ނިސްބަތްވާ އެމްއެންޕީން ގަބޫލުކުރާތީ، މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ހިދުމަތާ ނުބައްދަލު އިނާޔަތްތައް އުނިކުރުމެވެ.

"ދައުލަތަށް އެތަކެއް އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތްތަކެއް، ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރާ މީހަކަށް ދިނުމަކީ އިންސާފުވެރިކަމަށް ނުވާއިރު، މިކަން ބަދަލުކުރުމަށް ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވާލަމުންދާތީ" ބިލު ހުށަހެޅުއްވީ ކަމަށް އުޝާމް ވިދާޅުވެފައިވެ އެވެ.

ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

އުޝާމް ހުށަހެއްޅުވީ، އެ ގާނޫނުގެ އަށް ވަނަ މާއްދާ އުނިކުރުމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ، މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދައުލަތުން ދޭން ލާޒިމް ކުރާމް އިނާޔަތްތަކެވެ.

އެ މާއްދާ މިހާރު އޮންނަ ގޮތުން:

  • އެއް ދައުރު އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ %30 ލިބޭނެ؛ އެއީ، 12،750ރ.

  • ދެ ދައުރު އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ %45 ލިބޭނެ؛ އެއީ، 19،125ރ.

  • ކުރީގެ މެންބަރުންނާއި އެ މީހުންގެ އާއިލާއަށް ހެލްތު އިންސުއަރެންސް ސްކީމެއް 

  • ކުރީގެ މެންބަރުންނަށް އޮފިޝަލް ޕާސްޕޯޓެއް ލިބޭނެ

  • މި އިނާޔަތްތައް ލިބެނީ، ދައުލަތުގެ އިތުރު ވަޒީފާއެއް އަދާ ނުކުރާ އުމުރުން 55 އަހަރުން މަތީގެ ކުރީގެ މެންބަރުންނަށް

އެނގުން މުހިންމު - މަޖިލީހުގެ މެންބަރުންނަށް މަހަކު ޖުމްލަ 82،500ރ. ލިބިވަޑައިގަންނަވަ އެވެ. އެއީ:

  • އަސާސީ މުސާރަ - 42،500ރ. 

  • ލިވިން އެލަވަންސް - 20،000ރ. 

  • ކޮމިޓީ އެލަވަންސް - 20،000ރ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް