ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ނޫސްވެރިން ނިކުންނަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބަންޑާރަނައިބު ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދެއްކުމުން ނޫސްވެރިން ޕްރެސް ބޮއިކޮޓްކޮށް ނިކުމެއްޖެ

ނޫސްވެރިންގެ ޑިމާންޑަކީ ނޫސްވެރިންނާއި މީޑިއާގެ ކޮންޓްރޯލު ސަރުކާރަށް އޮންނަ ގޮތަށް އަދި ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް ބިލު އަނބުރާ ގެންދިޔުން؛ އެކަމަކު އޭޖީ ވަނީ އެކަމާ ދެކޮޅު ހައްދަވާފައި

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 'މީޑިއާ ކޮންޓްރޯލު ކުރާ ބިލު' އާ ގުޅޭ ގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާ އެކު މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓުކޮށް ގިނަ ނޫސްވެރިން ނިކުމެއްޖެ އެވެ.

ވީ ކިހިނެއް؟ - މީޑިއާ ކޮންޓްރޯލު ކުރާ ބިލު މަޖިލީހުން ބޭރުކުރަން ނޫސްވެރިން އަންނަނީ ގޮވާލަމުންނެވެ.

ތަފްސީލް - ނޫސްވެރިންގެ ޑިމާންޑަކީ ނޫސްވެރިންނާއި މީޑިއާގެ ކޮންޓްރޯލު ސަރުކާރަށް އޮންނަ ގޮތަށް އަދި ބޮޑެތި ޖޫރިމަނާތައް ކުރެވޭ ގޮތަށް އޮތް ބިލު އަނބުރާ ގެންދިޔުމެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޖީ އުޝާމް ވިދާޅުވީ ބިލު އަނބުރާ ގެންދަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ބިލަށް އިސްލާހުތައް ގެނެސް ބިލު އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުން ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލުން ލައިވް ކުރަމުން ގޮސް ވަކި ހިސާބަކުން ލައިވް މެދުކަނޑާލި އެވެ. ބައެއް ޓީވީ ޗެނަލް ތަކުން ލައިވް ކުރި އެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ބިލު ބޭރު ކުރަން ގޮވާލައިފަ އެވެ.

ބިލު އިސްލާހު ކުރަން ތާއީދު ނުކުރާކަން ހާމަކޮށް، ޕްރެސްގަައި ބައިވެރިވި ގިނަ ނޫސްވެރިން ވަނީ ބައްދަލުވުން ދޫކޮށް ނިކުމެފަ އެވެ.

އޭޖީ އުޝާމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ފޮޓޯ/ރައީސް އޮފީސް)

އިއްޔެ ދައުރުން ބޭއްވި މަޖިލިސް ޖަލްސާގައި އެ ބިލު މަޖިލީހަށް ބަނީ ބަލައިގަނެފަ އެވެ. އެ ބިލު މި މަހުގެ 15 ގެ ކުރިން ނިންމަން މިއަދު އޮތް މިނިވަން މުވައްސަސާ ތަކުގެ ކޮމެޓީ އިން ވަނީ ނިންމައިފަ އެވެ.

 މަޖިލީހުގައި މިހާރު އޮތް ބިލާ މެދު ނޫސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރަމުން އަންނަނިކޮށް މިއަދު ރައީސް އޮފީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ މީޑިއާ ކައުންސިލުން ހުށަހަޅާފައިވާ ބިލެއްގެ ޑްރާފްޓެއް އެބައޮތް ކަމަށާއި އެ ޑްރާފްޓާ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

އުޝާމް ވިދާޅުވީ، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި އޮތީ ރައީސް ހުށަހަޅާ ނަންތަކެއް މަޖިލީހުން ފާސްކޮށްގެން ކޮމިޝަނެއް އައްޔަނު ކުރަން ކަމަށެވެ.

މީޑިއާ ކައުންސިލުން އޭޖީ އަށް ފޮނުވި ބިލުގައި ރައީސަށް ބޭނުން ދެ ނަމެއް ހުށަހެޅޭ ގޮތަށް އޮވެފައި، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި އިތުރު ލޭޔާ އެއް ލާފައި ރައީސް އައްޔަނު ކުރާ މެންބަރުން ތިބޭ ގޮތަށް އޮތް އޮތުން ނޫސްވެރިންނަށް މައްސަލައަކަށް ވާ ސަބަބު ފަހުމު ނުވާ ކަމަށް އޭޖީ ވިދާޅުވި އެވެ.

މީޑިއާ ތަކަށް ފިޔަވަޅު އަޅާ، ޖޫރިމަނާ ކުރަން ވެސް ކައުންސިލުން ހުށަހެޅި ބިލުގައި ހުރީ މާ ބޮޑެތި އަދަދުތަކެއް ކަމަށް އޭޖީ ވިދާޅުވި އެވެ.

  • ކައުންސިލުން ހުށަހެޅި ޑްރާފްޓު ގައި އޮތީ 5،000ރ އާއި50،000ރ އާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރަން

  • މިހާރު މަޖިލީހުގައި އޮތް ބިލުގައި އޮތީ25،000ރ އާ ހަމައަށް ޖޫރިމަނާ ކުރަން

"އެއަށް ވުރެ ވެސް ތަންކޮޅެއް އެކްސްޓްރީމް މާއްދާ އެއް މީޑިއާ ކައުންސިލުން ހުށަހެޅި ބިލުގައި އެބަ އޮތް،" އުޝާމް ވިދާޅުވި އެވެ.

އެ މާއްދާގައި އޮތް ގޮތަށް ވިދާޅުވެދެއްވަނީ ކަމަށް ވިދާޅުވެ އުޝާމް ވިދާޅުވީ:

"ކޮމިޝަނުން އަންގާ އެންގުމަކަށް ތަބާ ނުވެއްޖެ ނަމަ ނުވަތަ ކޮމިޝަނުގެ ގަދަރަށް އުނިކަމެއް އަންނަ ގޮތަށް އަމަލެއް ކޮށްފި ނަމަ ކަމުގެ ކުޑަ ބޮޑު މިނަށް ބަލާ5،000ރ އާއި50،000ރ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ އެފަދަ ފަރާތްތަކާމެދު އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާ  ތަހުގީގު ކޮށް ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަމެއް ބަލާ ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެ އެވެ." މިފަދަ އިން އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު މަޖިލީހުގައި އޮތް ބިލުގައި މިފަދަ މާއްދާ އެއް ނެތް ކަމަށެވެ.

"މިހާތަނަށް މީޑިއާ ކައުންސިިލުން ކޮށްފައި ހުރި މަސައްކަތުގެ އަލީގައި ބިލުގައި ވަކި ނެތް އެކްސްޓްރީމު ކޮންކަމެއް ބާއޭ މިހާރު މަޖިލީހަށް ހުށަހެޅިފައި އޮތް ބިލުގައި އޮތީ،" އުޝާމް ވިދާޅުވިއެވެ.

"މީޑިއާ ކައުންސިލުން ހުށަހަޅާފައިވާ ބިލާއި މިހާރު މަޖިލީހަށް ބިލުގެ މައްޗަށް ބިނާކޮށް އެ ބިލަށް އިސްލާހު ނުގެނެވެންވީ ސަބަބެއް އޮތް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ."

އޭޖީ ވިދާޅުވީ  މީޑިއާ އާއި މީޑިއާ ކައުންސިލް އަދި އެންޖީއޯތަކާއި ބްރޮޑްކޮމްގެ ހުށަހެޅުންތަކުގެ މައްޗަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށާއި އެ ދިރާސާގެ އަލީގައި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާނެ ކަމަށެވެ.

"ހުށަހެޅުމަށް ފަހު ބިލު އިތުރަށް ފުރިހަމަ ކުރުމަށްޓަކާ ކުރަންޖެހޭ ކަންތައް ކުރާނެ ވާހަކަ ދަންނަވަން،"

އުޝާމް ވިދާޅުވީ ބިލުގައި ކޮމިޝަނަށް ދީފައިވާ ބާރުތަކަށް ބަލާ، އެއަށް އިސްލާހު ނުގެނެވެންވީ ސަބަބެއް ނެތް ކަމަށެވެ.

"ކަންބޮޑުވުމަކީ މިހާތަނަށް މީޑިއާ ކައުންސިލުން ކޮށްފައި ހުރި މައްސަލަތަކުގެ އަލީގައި ވަކި ނެތް އެކްސްޓްރީމު ކޮންކަމެއް ބާއޭ މިހާރު މަޖިލީހަށް ހުށަހެޅިފައި އޮތް ބިލުގައި މި އޮތީ.؟" އުޝާމް ވިދާޅުވި އެވެ.

ކޮމެންޓް (1)

ސާބަސް

29 އޯގަސްޓު 2025
ހަމަ ރަނގަޅަށް ހެދީ. ތި ދޮގު ދޮލަނގު ފަތުރާ ތަން އަަހަރުމެންނަށް ލައިވްކޮށް ނުގެނަސްދިނަސް އޯކޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް