ރައީސް މުހައްމަދު މުއިއްޒު ރައީސް އޮފީހުން ނުކުމެވަޑައިގަތް ވަގުތު ނޫސްވެރިން އެމަނިކުފާނު ވަށާލައި ސުވާލުކުރަމުން ދަނީ ( ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފަލާހަށް އުލުބައިންދަން ނުގޮވޭނެ، މައްސަލަ ބަލާނަން: ރައީސް

މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ނޫސްވެރިން އުނދުބައިންދަން ގޮވާލި މައްސަލާގައި ރައީސް އެއްޗެއް ވިދާޅުވީ މިއަދު ރައީސް އޮފީހުން ނުކުމެވަޑައިގަތް ވަގުތު އެމަނިކުފާނު ވަށާލައި ނޫސްވެރިން ސުވާލުކުރަން ފެށުމުން

ނޫސްވެރިން އުލުބައިންދަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ގޮވާލެއްވި މައްސަލަ ބައްލަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ވީކިހިނެއް؟ - ފަލާހު މިހެން ވިދާޅުވީ ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް މަޖިލިހަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކައިގަ އެވެ. 

މުޒާހަރާކުރަމުންދާ ނޫސްވެރިންގެ ފަރާތުން، ބައެއް ސީނިއާ ނޫސްވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށްފަހު ރައީސް އޮފީހުން ނުކުމެ ވަޑައިގަތް ވަގުތު ނޫސްވެރިން ވަނީ ރައީސް ވަށާލައި ސުވާކުކުރަން ފަށައިފަ އެވެ. 

ބުނީ ކީކޭ؟ - ފަލާހު ދެއްކެވި ވާހަކައާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރަމުން ދިއުމުން ރައީސް ވިދާޅުވީ "އެހެން ނުބުނެވޭނެ، އެހެން ނުބުނެވޭނެ" ކަމަށެވެ. 

ވެރިކަންކުރާ ޕީއެންސީގެ ރައީސް މަގާމުގައި ވެސް މުއިއްޒު ހުންނަވާ އިރު ފަލާހަަށް ޕާޓީން ފިޔަވަޅު އަޅާނެތޯ ސުވާލުކުރަން ފެށުމުން އެ މަނިކުފާނު ވިދާޅުވީ "މައްސަލަ ބަލާނެ" ކަމަށެވެ. 

ފިޔަވަޅު އަޅާނެތޯ އިތުރަށް ނޫސްވެރިން ސުވާލުކުރުމުން ރައީސް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. 

ރައީސް މުހައްމަދު މުއިއްޒު ރައީސް އޮފީހުން ނުކުމެވަޑައިގަތް ވަގުތު 'ދައުރު' ގެ ނޫސްވެރިޔާ މުޒައްޔިން ސުވާލުކުރަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފަސްމަންޒަރު- ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން އިއްޔެ މި ބިލު ބަލައިގެންފައި ވަނީ ނޫސްވެރިންނާއި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރުމަށް ގޮވާލައި މުޒާހަރާކުރަމުން ދަނިކޮށެވެ. 

މި ބިލާ ދެކޮޅަށް ނޫސްވެރިން އިއްޔެ މަޖިލީހާއި ރައީސް އޮފީސް އަދި މުލިއާގެ ކުރިމަތީގައި މުޒާހަރާ ވެސް ކުރި އެވެ. އެ މުޒާހަރާގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރު ވެސް ކުރުމަށް ފަހު، ފަހުން ވަނީ ދޫކޮށްލާފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ފަލާހު ދެއްކެވި ވާހަކަ ކުށްވެރިކޮށް ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އިބްރާހީމް ސައީދު (ކޭޑު) ފޭސްބުކްގައި ޕޯސްޓެއް ކުރެއްވިތާ24 ގަޑިއިރު ނުވަނީސް އޭނާ ވަޒީފާއިން ވަނީ ވަކިކޮށްފި އެވެ.

ކޮމެންޓް (1)

ޖައިސާމް

28 އޯގަސްޓު 2025
ތީ ހަމަ ރައްޔިތުން ހަމަޖައްސާލަން މުއިއްޒު ބުނާ އެއްޗެއް. ފަލާހުއަކަށް އެއްކަމެއްވެސް ނުކުރާނެ.
0 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް