'މީޑީއާ ކޮންޓްރޯލް ބިލު' ބޭރުކުރުމަށް ގޮވާލައި ނުސްވެރިން މަޖިލިސް ސަރަހައްދުގައި މިއަދު ކުރި މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

'މީޑިއާ ކޮންޓްރޯލް ބިލް' ކުއްލި ގޮތަކަށް މަޖިލީހަށް ބަލައިގެންފި

މީޑިއާ ކޮންޓްރޯލް ބިލުގެ ނަމުގައި މަޝްހޫރުވެފައިވާ އެ ބިލު ތަޅުމަށް ބަލައިގަންނަން ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން މި ނިންމީ، އެ ބިލު އަނބުރާ ގެންދިއުމަށް ނޫސްވެރިންނާއި ރާއްޖެ އާއި ބޭރުގެ ޖަމިއްޔާތަކުން ގޮވާލަމުން ދަނިކޮށް

ސަރުކާރުގެ ބާރު ފޯރުވޭ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިން ރެގިއުލޭޓްކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ތަޅުމަށް ބަލައިގަންނަން މިއަދު ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ -  ނޫސްވެރިން ބިލު ބޭރުކުރަން ގޮވާލައި އިހުތިޖާޖުކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން ބިލު ބަލައިގަންނަން ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 މެންބަރުންނެވެ.

ތަފްސީލް - މި ބިލުގެ އިބްތިދާއީ ބަހުސް މިއަދަށް ނިންމާލީ ކަމަށް ހެނދުނު ދަންފަޅީގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާންކުރެއްވުމަށް ފަހު މެންދުރުދަންފަޅީގައި ބިލުގެ ބަހުސް އަލުން ފެއްޓެވީ އެވެ.

ބިލަށް ބަހުސްކުރެއްވި ސަރުކާރަށް ނިސްބަތްވާ ގިނަ މެންބަރުން ވާހަކަ ދެއްކެވީ ބިލާ އެއް ކޮޅަށެވެ. ބަހުސުން ވެސް ފާހަގަކުރެވުނީ، ގިނަ މެންބަރުންގެ ވިސްނުން ހުންނެވީ ބިލު ތަޅުމަށް ބަލައިގަނެ ކޮމިޓީ މަރުހަލާގައި ނޫސްވެރިންނާ ވާހަކަދައްކައިގެން ބިލަށް ބަދަލުތަކެއް ގެނައުމަށެވެ.

ނަމަވެސް ނޫސްވެރިން ގޮވާލަމުން ދަނީ ބިލު ވަގުތުން ބޭރުކޮށްލުމަށެވެ.

'މީޑީއާ ކޮންޓްރޯލް ބިލު' ބޭރުކުރުމަށް ގޮވާލައި، ނުސްވެރިން މަޖިލިސް ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ބިލުގެ ތަފްސީލް - މިހާރު އެ ބިލުގައިވާ ގޮތުން، އެ ބިލު ގާނޫނަކަށް ވުމާ އެކު، މިހާރު އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވޭނެ އެވެ. އެެއަށް ފަހު އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ނަމުގައި ރައީސް އުފައްދަވާ އޮފީހަކުންނެވެ.

ބިލުގައި ވާގޮތުން އެ ކޮމިޝަން އެކުލެވިގެންވާނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ:

  • ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސް އައްޔަންކުރާ ތިން މެމްބަރުން؛ ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ ވެސް މަޖިލީހުން

  • މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުން

  • މި ކޮމިޝަނަށް އައްޔަންކުރާ މީހުންގެ އުމުރު ވެސް 30 އަހަރަށް މަތިކުރަން ހިމަނާފައިވޭ؛ މިހާރު އޮންނަނީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ކުރިމަތިލެވޭ ގޮތަށް

  • މީޑިއާއެއްގެ މަސްއޫލުވެރި ފަރާތަކަށް ނުވަތަ އެޑިޓަރަކަށް މި ކޮމިޝަނުގެ މެމްބަރަކަށް ނުވެވޭނެ

  • ކޮމިޝަނަށް މެމްބަރުން އިންތިހާބުކުރުމަށް އިންތިހާބު ބާއްވަންޖެހޭނީ އިލެކްޝަން ކޮމިޝަނުން 

ކޮމިޝަނަށް މެމްބަރުން އައްޔަންކުރެވެންދެން ކޮމިޝަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީއަކުން ކަމަށް ބިލުގައިވެ އެވެ. މި ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި:

  • މި ގާނޫނުގައި ބުނާ މިންގަނޑުތަކާ ހިލާފުވެއްޖެ ނަމަ 5000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކަށް މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު

  • ކޯޓަށް ގޮސްގެން ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު

  • ކަމެއް ރަނގަޅުކުރަން އަންގާފައިވާ މުއްދަތުގައި އެކަމެއް އިސްލާހުނުކޮށްފި ނަަމަ 5000ރ. އާއި 25000ރ.އާ ދެމެދުގެ އަދަދަކުން ނޫސްވެރިން ޖޫރިމަނާކުރުމުގެ ބާރު

  • ޝާއިއުކުރާ ނުވަތަ ބްރޯޑްކާސްޓުކުރާ އެއްޗަކާ ގުޅިގެން މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިއްޖެކަމަށް ބުނެ ނުވަތަ ލިބިދޭނެ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބެލުުމުގެ ބާރު


ފަސްމަންޒަރު - ކުރިން ވެސް މިފަދަ ބިލެއް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްހަންނާން އަބޫބަކުރު މަޖިލީހަށް 19 އޮގަސްޓުގައި ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިއުން އިއްވައި އިބްތިދާއީ ބަހުސް ވެސް އެ ދުވަހު ވަނީ ފަށާފަ އެވެ.

ނަމަވެސް، އެ ދުވަހު ހަތް މެންބަރަކު ވާހަކަ ދެއްކެވުމާ އެކު، ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ބިލަށް މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ބަހުސް ކުރައްވަން ބޭނުންވާކަން ފާހަގަކުރެއްވޭ ކަމަށެވެ. އެއާ އެކު އިބުތިދާއީ ބަހުސް އެ ދުވަހު އިތުރަށް ކުރިއަށް ނުގެންގޮސް ނިންމާލީ އެވެ.

ދައުރު ދަންމާލަން ނިންމާފައިވަނިކޮށް އެ ދުވަހު މަޖިލީހުގެ އެ ދައުރު ނިމުނީ ކަމަށް ވެސް އަބްދުއްރަހީމް އިއުލާންކުރެއްވި އެވެ. މިއަދުގެ ޖަލްސާ ކުރިއަށް ދަނީ ދައުރުން ބޭރުން ޖަލްސާއެއް ހުށަހަޅައިގެން ދައުރުން ބޭރު ޖަލްސާއެއް ގޮތަށެވެ.

ކޮމެންޓް (3)

ގޯސްމައްޗަށްގޯސް

27 އޯގަސްޓު 2025
ރައްޔިތުންގެ ކިބައިން ފެށޭ ބާރެއް ނެތް.
1 0

އަފުން

27 އޯގަސްޓު 2025
"މީޑިއާ ކޮންޓްރޯލް ބިލް" ކިޔާ ބިލެއް މަޖިލީހަށް ހުށަހަޅާފައިނުވާއިރު ރައްޔިތުންނަށް ތިޔަ އޮޅުވައިލަނީ ކީއްވެ. އޮޅުވައިލުމާ ފިތުނަ އުފެއްދުން އިސްލާމީ އިމުން ބޭރުވީމަ މީޑިއާއެއް ނޫން އެހެން ބައެއްވިޔަސް ރެގިއުލޭޓްކޮށް ހަމަ މަގަށް އަޅުވަން ޖެހޭނެ.
0 2

ވާލުސޮރު

27 އޯގަސްޓު 2025
މި ބިލްގައި ކޮބައިތޯ މައްސަލަ އަކީ އިލެކްޝަން ކޮމިޝަންގެ ބަދަލުގައި އިންތިޚާބުކުރުން އަދަދަށް ބަދަލުކުރުންތޯ ނޫނީ 18 އަހަރުގެ ބަދަލުގަ 2 އަހަރަށް ތިރިކުރުންތޯ ނުވަތަ ވަކި ނޫހަކުން ކަނޑައަޅާ ގޮތެއްގެ މަތީން މެންބަރުން ނެގުންތޯ ނުވަތަ ރައްޔިތުގެ މަޖިލީހުގެބަދަލުގައި ދައުރުން ގަނޫނުތައް ފާސްކުރުންތޯ
2 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް